އިދިކޮޅު ފަރާތްތައް

ޕެޕާސްޕްރޭ ޖަހާ އިދިކޮޅު މުޒާހަރާ ރޫޅާލައިފި

ޕެޕާސްޕްރޭ ޖަހާ އިދިކޮޅު މުޒާހަރާ ރޫޅާލައިފި އެވެ.

މިނިވަން ދުވަހުގެ ރެއިން ފެށިގެން ޕީޕީއެމް/ޕީއެންސީގެ މެންބަރުން ކޮންމެ ރެއަކުވެސް ގެންދަނީ މުޒާހަރާ ކުރަމުންނެވެ. މިރޭގެ މުޒާހަރާ ފުލުހުން ރޫޅާލާފައިވަނީ މަޖީދީމަގާއި ސޯސަން މަގު ގުޅުނު ކަންމަތިންނެވެ.

ގިނަ އަދަދަކަށް ޕެޕާސްޕްރޭ ބޭނުން ކުރުމުގެ ސަބަބުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދަށް ވަނީ އަނިޔާވެފައެވެ. ސައީދަށް މިވަގުތު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންނެވެ.

މިރޭގެ މުޒާހަރާގެ ތެރެއިންވެސް ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ހިމެނެއެވެ. އޭނާއަކީ ޗެނަލް 13 އިން ގެނެސްދޭ ބައެއް ޕްރަގްރާމްތައްވެސް ހުށައަޅަމުންދާ މީހެކެވެ. މިރޭގެ މުޒާހަރާ ފުރަތަމަ ފެށުނުއިރު މުޒާހަރާ ލީޑް ކުރަމުންދިޔައީވެސް ނަރީޝްއެވެ.

މިރޭގެ މުޒާހަރާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި ޕީޕީއެމް އަދި ޕީއެންސީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިނިވަން ދުވަހުގެ ރޭ ކުރި މުޒާހަރާއާއި ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވާން އެންގި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ނިމާލްއާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްވެސް މިރޭ މުޒާހަރާގެ ކުރީ ސަފުން ފެނުނެވެ.

މަޖީދީމަގުން ފެށި މުޒާހަރާގައި މިރޭވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ. މުޒާހަރާ ނިންމާލީ ޕީޕީއެމްގެ އޮފީސް ކައިރިއަށް އެއްވެ ސަރުކާރުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާލާ، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

މުޒާހަރާ ނިންމާލުމުގެ ގޮތުން ބައިވެރިންނާ ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މާދަމާ ރޭވެސް މުޒާހަރާ އޮންނާނެ ކަމަށެވެ. މުޒާހަރާ ފެށޭނީ މާދަމާ ރޭ 8:30 ގައި މަޖީދީމަގުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަހަރުގައި މާދަމާ ރޭ އަޅުގަނޑުމެން އެހެން ތަނަކަށްވެސް އެއްވާން ޖެހިދާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.