އަހުމަދު ޝިޔާމް

ފުލުހުންގެ ގަޔަށް ކުޅުޖެހީ ރާވައިގެން އެހެން ބަޔަކު: ޝިޔާމް

އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ދެ ފުުލުހެއްގެ ގަޔަށް ކުޅާއެކު ހައްޕުނޑު ޖަހާފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ރާވައިގެން އެހެން ބަޔަކު ކޮށްފައިވާ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އޭގެ ކުރިން ފުލުހުންގެ އިދާރާއިން ބުނީ މިރޭ ކުރި މުޒާހަރާގައި ބައިވެރިވި މީހަކު މުޒާހަރާގެ ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވި ފްރަންޓްލައިން ދެ ފުލުހެއްގެ ގަޔަށް ކުޅާއެކު ހައްޕުނޑު ޖަހާފައިވާ ކަމަށެވެ. އަދި ބުނީ އެކަންކުރި މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ އެމީހާއަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

"... މި ނާތަހުޒީބު އަމަލު ކުށްވެރި ކުރާ ހާލު މިކަންކުރި ފަރާތް ހޯދައި ގާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް މި ސާވިސް އިން ކުރަމުންދާ ވާހަކަ ދަންނަވަން،" ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ވެއެވެ.

މީގެ އިތުރުން ފުލުސް ކޮމިޝަނާ ވެސް ވަނީ ފުލުހުންގެ ގަޔަށް ބަޔަކު ކުޅުޖަހާފައިވާ މަންޒަރު ފެންނަ ފޮޓޯތަކާއެކު ޓްވީޓެއް ކުރައްވާފަ އެވެ. އޭގެ ފަހުން ހަމީދުގެ އެ ޓްވީޓަށް ރައްދު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ އެއީ ރާވައިގެން އެހެން ބަޔަކު ކޮށްފައިވާ ކަމެއް ކަމަށެވެ.

"އިހުތިޖާޖު ފެށުމުގެ ކުރިން 10:22 ގައި ޕޮލިސް އޮފިސަރަކު އަޅުގަނޑު ޗާންދަނީ މަގުން ދުވާރުމަތީ ހުއްޓާ ވަޑައިގެން ވިދާޅުވީ ސާ މެން މިރޭ ނިންމާފައި އޮތީ ކުޅުޖަހަން ކަމަށް މައުލޫމާތު ލިބެއޭ... އަޅުގަނޑު ދެންނެވިން އަޅުގަނޑުމެންނަކީ ދިވެހި ފުލުހުންނަށް ވަރަށް އިހުތިރާމް ކުރާ ބައެކޭ،" ޝިޔާމް ވިދާޅުވެފައި ވެއެވެ.

ޝިޔާމް ވިދާޅުވީ ފުލުހުންގެ ގަޔަކަށް ކުޅު ޖެހުންފަދަ ކަމެއް ނުކުރާނެ ކަމަށާ އަދި އެފަދަ ކަމަކަށް ހިތްވަރު ވެސް ނުދޭނެ ކަމަށެވެ.

"މި ހަޑި މުޑުދާރު އަމަލަކީ އެެހެން ބަޔަކު ރާވައިގެން ފުލުހުންނަށްވެސް މައުލޫމާތު ލިބިފައި އޮތް އަމަލެއްކަން ޔަގީންވޭ. މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އަދި އެ ފަރާތް ހައްޔަރު ކުރަން ގޮވާލަން،"

މި ދުވަސްވަރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު މާސްކް އަޅައިގެން ނޫނީ ބޭރުގައި ނޫޅުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. އަދި އެއްވުންތަކާއި މުޒާހަރާތައް ބޭއްވުން އިތުރުވެފައިވާތީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ފުލުހުން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރުވެސް އިތުރުވަމުންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.