އިދިކޮޅު ދެ ޕާޓީން އިސްވެ ރޭ ކުރި މުޒާހަރާގެ ތެރެއިން ހައަްޔަރު ކުރި މީހުން މިނިވަން ކުރަން އެ ދެޕާޓީގެ ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފި އެވެ.
މީހުން ދޫކޮށްލަން ގޮވާލި އިރު ރޭ ހައްޔަރުކޮށްފައި ވަނީ ދެ މީހެކެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ ބަޔަކު މާލޭގައި ބޭއްވި ސުލްހަވެރި އިހުތިޖާޖަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އެއްވެސް އިންޒާރަކާއި ނުލައި ޕެޕާ ސްޕްރޭ ޖަހައިގެން އެ މުޒަހާރާ ފުލުހުން ރޫޅައިލި ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށެވެ.
ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ އެއްވެ އުޅުމާއި، ހިޔާލު ފާޅުކުރުމުގެ ހައްގު ސުލްހަވެރިކަމާއެކު ބޭނުންކޮށް ޝުއޫރު ފާޅުކުރަމުން ދަނިކޮށް އިންޒާރެއް ދިނުމެއްނެތި ފުލުހުން ބާރުގެ ބޭނުންކޮށް އެ އިހުތިޖާޖުގެ ބައެއް ބައިވެރިން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި މި އިހުތިޖާޖުގެ ތެރެއިން މީހުން ހައްޔަރުކުރީ އަނިޔާވެރިކޮށް ކަމަށާއި އެމީހުން ދޫކޮށްލަން ވެސް ގޮވާލާފައި ވެއެވެ.
ހަމަހަމަ ކަމާއެކު ސުލްހަވެރި ކަމާއެކު އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުން މިނިވަންކަމަށް ގާނޫނުން ލިބިދީފައިވާ ހައްގަށް ހުރަސް ނޭޅުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.