ޕީޕީއެމް

މުޒާހަރާއިން ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި

އިދިކޮޅުން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި އެވެ.

ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ޕީއެންސީގެ ކައުންސިލް މެންބަރަކާއި މުޒާހަރާގައި ބައިވެރިވި އިދިކޮޅުގެ ސަޕޯޓަރެކެވެ.

އެ ދެ މީހުން ދޫކޮށްލީ މިއަދު މެންުދުރުފަހު އެވެ.

ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ކުޅުޖެހި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. ފުލުހުންގެ ގަޔަށް ކުޅުޖެހި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. އަދި އެމީހާއަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.

އިދިކޮޅުން ވަނީ އެއީ މުޒާހަރާގެ ބައިވެރިއަކު ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި ފުލުހުންނަށް އިހާނެތިކޮށް ކަމެއް ނުކުރާނެ ކަމަށް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފައެވެ.

ރޭގެ މުޒާހަރާ ފުލުހުން ރޫޅާލާފައިވަނީ ބާރުގެ ބޭނުންކޮށްގެންނެވެ. ގިނަ އަދަދަކަށް ޕެޕާސްޕްރޭ ޖެހުމުގެ ސަބަބުން މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދަށް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހިފައިވެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ ބަޔަކު މާލޭގައި ބޭއްވި ސުލްހަވެރި އިހުތިޖާޖަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އެއްވެސް އިންޒާރަކާއި ނުލައި ޕެޕާ ސްޕްރޭ ޖަހައިގެން އެ މުޒަހާރާ ފުލުހުން ރޫޅައިލި ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށެވެ.

ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ އެއްވެ އުޅުމާއި، ހިޔާލު ފާޅުކުރުމުގެ ހައްގު ސުލްހަވެރިކަމާއެކު ބޭނުންކޮށް ޝުއޫރު ފާޅުކުރަމުން ދަނިކޮށް އިންޒާރެއް ދިނުމެއްނެތި ފުލުހުން ބާރުގެ ބޭނުންކޮށް އެ އިހުތިޖާޖުގެ ބައެއް ބައިވެރިން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހަމަހަމަ ކަމާއެކު ސުލްހަވެރި ކަމާއެކު އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުން މިނިވަންކަމަށް ގާނޫނުން ލިބިދީފައިވާ ހައްގަށް ހުރަސް ނޭޅުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.