މިވަގުތު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލްކުރެވޭނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަަމަށާ ސީދާކޮށް ގާތުން ބަދަލުކުރުމުގެ ފުރުސަތު ދެވެން ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަންގާފައިވާ ކަމަށް ބުނެ ރައީސް ޔާމީންގެ ގާނޫނީ ޓީމުން ކަރެކްޝަންގެ ވާހަކަތައް ދޮގުކޮށްފި އެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންނަށް އެ މަނިކުފާނާ ސީދާ ބައްދަލު ވުމުގެ ފުރުސަތު ދީފައި ނުވާތީ އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ނެރުނު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ކަމަށް ބަޔާންކޮށް މިދިއަ މާޗު މަހުގެ ފަހު ކޮޅުން ފެށިގެން ރައީސް ޔާމީނަށް ގަނޫނީ ވަކީލުންނާ ބައްދަލުކޮށް އެހީތެރިކަން ހޯއްދެވުމުގެ ފުރުސަތު ކަރެކްޝަނުން ހަމަޖައްސައިދީފައި ނުވާ ކަމަށެވެ. އަދި އެކަމަށް ކަރެކްޝަނުން ހުރަސް އަޅަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް ކަރެކްޝަނުން މިއަދު ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅުވެސް ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. ކަރެކްޝަނުން ބުނީ އޮންނަ އުސޫލުތަކުގެ ތެރެއިން ބައްދަލްވުންތައް ހަމަޖައްސައިދޭނެ ކަމަށާ އެކަން ރައީސް ޔާމީންގެ ގާނޫނީ ޓީމަށްވެސް އަންގާފައިވާ ކަމަށެވެ.
އެގޮތުން ކޮވިޑް-19 އާ ގުޅިގެން ގާނޫނީ ވަކީލުންގެ ބައްދަލްވުންތަކާއި އެހެނިހެން ބައްދަލްވުންތަކަށް އީމެއިލް މެދުވެރިކޮށް ހުށައެޅުމުން ހަމަޖެހިފައިވާ އުސޫލުން ބައްދަލްވުންތައް އިންތިޒާމްކޮށްދެމުންދާ ކަމަށެވެ.
ކަރެކްޝަންގެ ބަޔާން ދޮގުކޮށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަރެކްޝަންގެ ބަޔާނުގައިވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. ރައީސް ޔާމީނާއި ބައްދަލްކުރުމަށް ފޯމް ހުށައެޅުމަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު ދިއުމުންވެސް ބައްދަލްކުރެވޭނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަަމަށާ ސީދާކޮށް ގާތުން ބަދަލުކުރުމުގެ ފުރުސަތު ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް އެބަޔާނުގައިވެއެވެ.
".. އަދި އެއްވެސް ހާލެއްގައި އީމެއިލް މެދުވެރިކޮށް ފޯމް ހުށައަޅައިފިނަމަ ސީދާކޮށް ގާތުން ބައްދަލްކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަކަށް ބަޔާންކޮށް އެއްވެސް އިރުޝާދެއް ދީފައެއް ނުވޭ،"
ވަކީލުންގެ ބަޔާނުގައި ކަރެކްޝަންގެ ބަޔާން ނެރެފައިވަނީ މިއަދުގެ ރަސްމީ ގަޑި ނިމެން ކައިރިވެފައިވަނިކޮށް އަދި ބޮޑު ޗުއްޓީއެއް ކުރިއަށް އޮއްވާ ކަމަށްވުމުން ކަރެކްޝަންގެ ނިޔަތާމެދު ވަނީ ސުވާލު އުފައްދާފައެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އެ އަޑު އެހުމަށް ފަހު، ވަކީލުން ރައީސް ޔާމީނާއި ބައްދަލު ކުރައްވަން އެދުމުން އެކަން ހަމަޖައްސައިދެއްވާނެ ކަން އެ ސާވިސް އިން އިސްވެ ވަކީލުންނަށް އަންގާފައިވާނެ ކަމަށެވެ. އަދި އެކަން ލިޔުމުން ވެސް ވަކީލުންނަށް ދީފައިވާނެ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން އާއިލީ ބައްދަލުވުންތަކާއި ވަކީލުންގެ ބައްދަލުވުންތަކަށް އީމެއިލް މެދުވެރިކޮށް އެދެވޭ ގޮތް ހަމަޖައްސާފައިވާއިރު ވަކީލުން އެ ވިދާޅުވާ ސިޓީ ހަވާލު ކުރެވުނު އިރާއި ކުރެވުނު މުއާމަލާތުގެ ދަށުން ދެން އަމަލު ކުރަންވީ ގޮތް ވަރަށް ސާފުކޮށް ކިޔައި ދީފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
" ވަކީލުން މާލޭ ޖަލަށް ވަޑައިގެން އަމިއްލައަށް ސިޓީ ހަވާލު ކުރައްވަން އެދުމުން ވެސް އަޅުގަނޑުމެން ވާނީ އަމަލު ކުރަންވީ ގޮތް އެބޭފުޅުންނަށް ދަންނަވާފައި. އަޅުގަނޑުމެން އިރުޝާދު ދީފައިވާ ގޮތާއި ހިލާފަށް ބަޔާންތައް ނެރުއްވީމަ އެކަން ހަގީގަތުގަ ވަރަށް ހަރުކަށިކޮށް އަޅުގަނޑު ކުށްވެރިވެސް ކުރަން،" އޭނާ ވިދާޅުވި އެވެ.