ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް އެދި އާއިލާ އިން ހުށައަޅާފައިވާ ހުށައެޅުމާމެދު ގޮތް ނިންމަން ތައްޔާރުވެއްޖެ އެވެ.
އެކަމުގެ މަޝްވަރާތައް މިއަދުވެސް ވަނީ ހިނގާފައެވެ.
ކަރެކްޝަންގެ މީޑިއާ އޮފިސަރު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް އެދި ހުށައަޅާފައިވާ ހުށައެޅުމާމެދު ކަމާބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމުގެ ރަސްމީ ނިންމުމެއް ނިންމާފައި އަދި ނުވާ ކަމަށެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް ވަރަށް އަވަހަށް ނިންމާނެ އެވެ. މިއަދު ކުރިއަށް ގެންގޮސްފައި ވަނީ އެކަމުގެ ފައިނަލް މަޝްވަރާތައް ކަަމަށް އެނގިފައިވެއެވެ. ނަމަވެސް ކަރެކްޝަންގެ މީޑިއާ އޮފިސަރު އެކަމަށް ކޮމެންޓެެއް ނުކުރައްވައެވެ.
ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދިވަޑައިގެން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ވަނީ ރައީސް އިބްރާހީމް މުހައްމަަދު ސޯލިހަށާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގައި ދަންނަވައި ސިޓީ ލާފައެވެ.
ދާދި ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ސޯލިހް ވެސް ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެދުވަހު ރައީސް ވިދާޅުވީ މެޑަމް ފާތުމަތު އިބްރާހިމް ދީދީ ސިޓީއެއް އެމަނިކުފާނަށް ވެސް ލިބިވަޑައިގެންފައިވާތީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުމުގައި ގޮތްތަކެއް ނިންމަން ބަލަން ޖެހޭ ކަންކަން މިހާރު ބައްލަވަމުން ގެންދަވާ ކަަމަށެވެ.
"އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަކަށްވެސް ދެރަ ގޮތެއް ނުވާނެ،" ރައީސް ވިދާޅުވެފައިވެ އެވެ.