ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ކޮވިޑް ވެކްސިން ޖައްސަވައިފި

ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކޮވިޑް-19 ވެކްސިން ޖައްސަވައިފި އެވެ.

އެމަނިކުފާނު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެއްސެވީ މިރޭ އިރާކޮޅު އޭޑީކޭ ހޮސްޕިޓަލްގަ އެވެ. އެމަނިކުފާނު އަދިވެސް ހުންނެވީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

ކަރެކްޝަންގެ މީޑިއާ އޮފިސަރު ވެސް މިރޭ ވިދާޅުވީ ރައީސް ޔާމީން ވެކްސިންގެ ފުރަތަމަ ޑޯޒް މިރޭ ޖައްސަވާފައިވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ޖެއްސެވީ ކޮން ބްރޭންޑެއްގެ ވެކްސިނެއް ކަމެއް ކަރެކްޝަނުން ނުބުނެއެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ޖެއްސެވީ ފައިޒާ ވެކްސިނެވެ. އެމަނިކުފާނު ކަރެކްޝަންގައި އެދިވަޑައިގެންނެވީވެސް ފައިޒާ ވެކްސިން ޖެއްސެވުމަށް ކަމަށް އެނގިފައިވެއެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމަށް ވެކްސިން ޖެެއްސެވުމަށް މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ރައީސް ޔާމީން އޭޑީކޭ ހޮސްޕިޓަލަށް ގެންދަވަން ނިންމަވާފައެވެ. ނަމަވެސް ވެކްސިން ޖައްސަވަން އެރޭ ވަނީ ދެކޮޅު ހައްދަވާފައެވެ.