ސިޔާސީ ވާދަވެރި ޕާޓީތަކުން ސަރުކާރާ އެކު މަޝްވަރާ ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދައުވަތު ދެއްވާފައިވީ ނަމަވެސް، އިދިކޮޅުން މަޝްވަރާ ކުރަންވީ ކޮން ރައީސަކާ ކަން އޮޅިފައިވާކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ސިޔާސީ ވާދަވެރި ޕާޓީތަކަށް ރައީސް އެ ގޮތަށް ދައުވަތު ދެއްވީ، ރާއްޖޭގެ 55 އަހަރު ފުރުނު މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބް ކުރައްވަމުން ރައީސް ސޯލިހް ދެއްވި ތަގުރީރުގަ އެވެ.
ރައީސް ސޯލިހް ވިދާޅުވީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދިނުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެ ކަމުގެ ސަބަބުން ގެއްލުން ލިބެމުން ދަނީ ހުރީހާ ރައްޔިތުންނާއި މުޅި ގައުމަށް ކަމަށެވެ. އެހެންކަމުން ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ސަރުކާރާއެކު މަސައްކަތް ކުރަން އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
އެ ދައުވަތަށް އިޝާރާތް ކުރައްވައި، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ބާރަށު ދާއިރާގެ މެންބަރު ޝުޖާއު ވިދާޅުވީ އިދިކޮޅު ލީޑަރަކީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންކަމާމެދު އެއްވެސް ސުވާލެއް ނެތް ކަމަށެވެ.
ނަމަވެސް، އިދިކޮޅުން ކަމަކާގުޅޭ ގޮތުން މަޝްވަރާއެއް ކުރާ ނަމަ، މަޝްވަރާ ކުރާނީ ކޮން ރައީސަކާކަން ވެސް އެނގެންޖެހޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"ތިތަނުން އެގަހު ކޭލެއް، މިގަހު ކޭލެއް ނޭނގޭ. ރައީސުލްޖުމްހޫރިއްޔާ އޮޅިއްޖެ،" ރައީސް ސޯލިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވައި، އޭނާ އިތުރަށް ވިދާޅުވި އެވެ.
ރައީސް ސޯލިހާ ބައްދަލުވާން އިދިކޮޅު ޕީޕީއެމް / ޕީއެންސީން އެދިފައިވާތާ ތިން މަސް ދުވަސް ވެއްޖެ ކަމަށާއި މިހާތަނަށް ވެސް އެކަމާ ގުޅޭ ގޮތުން ޖަވާބެއް ދެއްވާފައި ނުވާ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.
މިނިވަން ދުވަހުގެ ރެއިން ފެށިގެން އިދިކޮޅުން ވަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ވެސް ފަށައިފަ އެވެ. ނަމަވެސް، އެ މުޒާހަރާތައް ވަނީ ހައްޖާއި އީދުގެ ބަންދަށް ހުއްޓާލާފަ އެވެ.