ބޭރު ކުޅިވަރު

ބްލެޓާ ފޮތެއް ލިޔަން ބޭނުން، އެކަން ކޮށްދޭނެ މީހަކު ނެތް!

Oct 6, 2015

ފީފާގެ ރައީސް ސެޕް ބްލެޓާ މަގާމުން އިސްތިއުފާ ދިނުމަށްފަހު ފިފާގެ ހަޔާތާބެހޭ ގޮތުން ފޮތެއް ލިޔަން ބޭނުންވާ ކަމަށް އޭނާގެ ދަރިފުޅު ބުނެފި އެވެ.

ނަވާރަސަތޭކަ ނުވަދިހަ އަށް ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސް ކަމުގައި ހުންނެވި ބްލެޓާ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އާ ރައީސަކު ހޮވާނީ އަންނަ ފެބްރުއަރީ މަހު އެވެ. މިދިޔަ ޖޫން މަހު ޖެހިޖެހިގެން ފަސް ވަނަ ދައުރަކަށް އިންތިހާބުވި ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ކޮރަޕްޝަނުގެ ތުހުމަތުތައް ބޮޑުވެ، ގިނަ ގައުމުތަކެއްގެ ތާއީދު އިންތިހާބުގައި ލިބިވަޑައިގަނުގަތުމުންނެވެ.

އޭގެ ފަހުން އޭނާގެ މައްޗަށް ސްވިޒަލޭންޑްގެ އެޓާނީ ޖެނެރަލް ވަނީ ދައުވާ ވެސް އުފުލައިފަ އެވެ. އެއީ މިސްމެނޭޖްމަންޓާއި ފައިސާ އަށް ހިޔާނާތްވެފައިވާ ކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް ބްލެޓާ މިކަމަށް ދެކޮޅު ހައްދަވަ އެވެ.

އުމުރުފުޅުން މިހާރު 79 އަހަރުގެ ބްލެޓާ ވަގުތުން އިސްތިއުފާ ދެއްވުމަށް ފީފާގެ ސްޕޮންސަރުން ވެސް ގޮވާލުންދައިރު އޭނާގެ ދަރިފުޅު ކޮރިންނާ ބުނީ ބައްޕަ ފެބަރުއަރީ މަހު މަގާމުން ވަކިވާނެ ކަމަށާއި އޭގެ ފަހުން ފީފާގައި ހޭދަކުރި ދުވަސްތަކަށް ފޮތެއް ލިޔުއްވަން ގަސްތުކުރައްވާ ކަމަށެވެ.

އަދި މި ފޮތް ލިޔެ ޝާއިއު ކޮށްދޭނެ ބަޔަކު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ބްލެޓާގެ ފޮތެއް ލިޔަން މިހާތަނަށް އެއްވެސް ބަޔަކު ޝައގުވެރިނުވެ އެވެ. ގިނަ ބަޔަކު ބުނަނީ މެންޗެސްޓާގެ ކޯޗުކަމުގައ 27 އަހަރު ހުރި ސާއެލެކްސް ފާގަސަންގެ އޮޓޮބައިގްރަފީ ލިޔެގެން ދެ މިލިއަން ޕައުންޑް ލިބުނު ނަމަވެސް ބްލެޓާގެ ކޮރަޕްޝަނުގެ މައްސަކަތަކާހުރެ އެވަރުގެ ފައިދާ އެއް ނުހޯދޭނެ ކަމަށެވެ.

އަދި ރިޕޯޓްތައް ބުނާގޮތުން ވަރަށް އަވަހަށް ބްލެޓާ ފުޓްބޯޅައިން ސަސްޕެންޑްކުރާނެ އެވެ.