ހަބަރު

ހިއުމަން ޓްރެފިކިން އާ ދެކޮޅަށް އެކްޝަން ޕްލޭނެއްް އެކުލަވާލައިފި

ހިއުމަން ޓްރެފިކިންއާ ދެކޮޅަށް މަސައްކަތްކުރުމަށް އެކްޝަން ޕްލޭނެއް އެކުލަވާލާ އެ މަސައްކަތަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ހަމަޖައްސައިފި އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ހިއުމަން ޓްރެފިކިންއާ ދެކޮޅަށް މަސައްކަތްކުރުމުގެ ދުވަހާ ގުޅިގެން ޑިފެންސް މިނިސްޓްރީން މިއަދު ނެރުުނު ބަޔާނެއްގައި ބުނީ ޓްރެފިކިން ހުއްޓުވުމަށް ރާއްޖޭގައިވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ދަތިތަކާއެކުވެސް އެ މަސައްކަތުގައި ރާއްޖެ އިން ދެމިތިބޭނެ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނީ، ސަރުކާރުން އެކުލަވާލި ނެޝަނަލް އެންޓި ހިއުމަން ޓްރެފިކިން އެކްޝަން ޕްލޭން 2020-2022 ގައި ހިމެނޭ ކަންކަން ތަންފީޒުކުރާނީ، މީގެ ހަތަރު އަަހަރު ކުރިން ރާއްޖެ އެއްބަސްވި އދ.ގެ ހިއުމަން ޓްރެފިކިން ކޮންވެންޝަންގެ ޕްރޮޓޮކޯލް އާ އެއްގޮތަށް ކަމަށެވެ. އަދި، ޓްރެފިކިންގެ ޝިކާރައަކަށްވާ މިހުންނަށް ރައްކާތެރިކަން ދިނުމަށް ސޯޝަލް ސަޕޯޓް ސާވިސް ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"ރާއްޖޭގައި އެންޓި-ހިއުމަން ޓްރެފިކިން އެކްޓް އެކުލަވާލުމަށް ފަހު، އެންޓި-ހިއުމަން ޓްރެފިކިން އެޖެންޑާގައިވާ ކަންތައްތައް ދަމަހައްޓަން އަދި އަލަށް ދައުލަތުގެ ބަޖެޓުން ފައިސާ މި ހަމަޖެއްސީ،" ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ. އިތުރަށް ބުނީ، މި މަސައްކަތްތައް ނެޝަނަލް އެންޓި ޓްރެފިކިން ސްޓިއަރިން ކޮމިޓީންވެސް ބަލާނެ ކަމަށެވެ. އަދި ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އެހީވުމަށް ޕަބްލިކް އޮފިޝަލުން ޓްރެއިން ކުރަމުންގެންދާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ދުނިޔޭގެ އާބާދީގެ 24 މިލިއަން މީހުންނަކީ ހިއުމަން ޓްރެފިކިންގެ ޝިކާރައަށްވެފައިވާ މީހުންނެވެ.

ވޭތުވެ ދިޔަ އަހަރުތަކުގައި ރާއްޖެ އަށް ލައްކަ އަކަށް އަށް ވުރެ ގިނަ ބިދޭސީން އެތެރެވެފައިވާއިރު އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބައިލައްކަ އެއްހާ ބިދޭސީން ތިބި ކަމަށް ކަމާ ގުޅޭ އިދާރާތަކުން ބުނެފައިވެ އެވެ. މީގެ ތެރޭގައި ހިއުމަން ޓްރެފިކިކްގެ ޝިކާރައަކަށް ވެފައި ތިބި މީހުންވެސް ހިމެނޭނެ ކަމަށް ބެލެވެ އެވެ.