ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މީހުންގެ ތެރެއަށް ނިކުމެ އުޅުން މަދުކުރުމަށް ގޮވާލައިފި

އާންމުންގެ ތެރެއަށް ނުކުމެ އުޅުން ވީވަރަކުން މަދުކުރުމަކީ ކޮވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށްވާތީ އާންމުންގެ ތެރެއަށް ނުކުމެ އުޅުން މަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފި އެވެ.

ރައީސް ސޯލިހު މިގޮތަށް އިލްތިމާސް ކުރެއްވީ އަލްހާ އީދުގެ ތަހުނިޔާ ފޮނުއްވާ އާންމު ކުރެއްވި ހިތާބުގައެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ އަލްހާ އީދު ދުވަސް ބައްދަލުކުރީ، މިހާރު ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19ގެ ސަބަބުން، މުޅި އިންސާނިއްޔަތު ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހިފައިވާ ދުވަސްވަރެއްގައި ކަމަށާ އެކަމުގެ ސަބަބުން، މުސްލިމުންގެ އަޅުކަންތަކަށްވެސް ބުރޫއަރައި، އިސްލާމީ އުންމަތްވެސް ތަހައްމަލް ކުރަމުން ދަނީ ވަރަށް ހިތްދަތި ދުވަސްތަކެއް ކަމަށެވެ.

".. ނަމަވެސް، މި ފަދަ ދުވަސްވަރެއްގައި އުފާވެރި އީދަކާ ބައްދަލުވުމީ، ކޮވިޑް-19ގެ ސަބަބުން ހީނަރުވެފައިވާ ގުޅުންތައް އަލުން ބަދަހިކޮށް އާލާކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަން ޔަގީން،"

ދިރިއުޅުމުގެ އާންމު އާދަކާދަތަކާ މުޅިން ހިލާފަށް އުޅެންޖެހިފައިވިޔަސް އާއިލީ ގުޅުންތަކާއި ރަހުމަތްތެރިކަމުގެ ގުޅުންތައް ބަދަހިކޮށް އާލާކުރުމުގެ ފުރުސަތުތައް ތަނަވަސްވެފައި އެބައޮތްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ކިތަންމެ ދުރުގައި ތިބެން ޖެހުނަސް އަދި ގޭގެއަށް ޒިޔާރަތް ނުކުރެވުނަސް، ބޮޑެތި އެއްވުންތަކާއި ހަފްލާތައް ނުބޭއްވުނަސް އާއިލާގެ މީހުންގެ ހާލުއަހުވާލު އޮޅުންފިލުވައި އީދުގެ ތަހުނިޔާ ބަދަލުކުރުމަށް ސަމާލުކަން ދިނުމަކީ މިފަދަ މުނާސަބަތެއްގައި ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

"އަލްހާ އީދަކީ މުސްލިމުންގެ މެދުގައި ގުޅުން ދެމެހެއްޓުމާއި އެހީތެރިވުމާއި އެއްބާރުލުމުގެ އިތުރުން އެތައް ގުރުބާނީއެއްގެ ޒިކްރާ އައުކޮށްދޭ މަތިވެރި މުނާސަބަތެއް. މިއީ ގައުމެއްގެ ނިސްބަތުން ބަލާއިރު މިއަދުގެ ހާލަތުގައި ވަކިން ހާއްސަ ގޮތެއްގައި އަޅުގަނޑުމެން ސަމާލުކަން ދޭންވީ ކަންކަން. މިއީ މުޖުތަމައުގެ ހަމަޖެހުމާއި ސުލަހަވެރިކަން ދެމެހެއްޓުމުގެ މުހިންމުކަން އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދޭ އީދެއް."ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެއެވެ. "އެހެންކަމުން ހައްޖުގެ މަތިވެރި އަޅުކަމާއި، އަލްހާ އީދާ ގުޅިފައިވާ މިފަދަ މަތިވެރި ހިކްމަތްތައް އަޅުގަނޑުމެންގެ ހިތްމައްޗަށް ގެނެސް އެކަކު އަނެކަކަށް މައާފުކޮށް، އަހުވަންތަކަމުގެ ގުޅުން ކުރިއަށް ނެރެ ސުލްހަޔާއި ހަމަޖެހުމަށް އިސްކަން ދެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން،"

މިވަގުތު ތަޖުރިބާ ކުރަންޖެހިފައި ވަނީ އިގްތިސާދީ އަދި އިޖުތިމާއީ ދަތިކަމުން އަވަހަށް ސަލާމަތްވެ، ދިރިއުޅުމުގެ އާންމު ހާލަތަށް އެނބުރި ދިއުމަށްޓަކައި ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި އިޖުތިމާއީ ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއްދީ އާންމުންގެ ތެރެއަށް ނުކުމެ އުޅުން ވީވަރަކުން މަދުކުރުމަކީ ކޯވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.