ބޭރު ކުޅިވަރު

ލިވަޕޫލްގެ ކޯޗަކަށް ކްލޮޕް ހަމަޖައްސަނީ

Oct 6, 2015

ހުސްވެފައިވާ ލިވަޕޫލްގެ ކޯޗު ކަމަށް ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑްގެ ކުރީގެ ކޯޗު ޖާގަން ކްލޮޕް ހަމަޖެއްސުމަށް އެންމެ ފަހުގެ ވާހަކަތައް ފަށައިފި އެވެ.

ލިވަޕޫލް ހިންގަމުން އަންނަ އެމެރިކާގެ ފެންވޭ ސްޕޯޓްސް ގްރޫޕުގން ކުލަބުގެ ބޯޑު މީޓީން މިއަދު ބާއްވާނެ އެވެ. ވީޑިއޯ ކޮންފަރެންސްކޮށް ބާއްވާ މި ބައްދަލުވުމުގައި އަންނަ ހުކުރު ދުވަހުގެ ކުރިން ކްލޮޕް ކޯޗަކަށް ހަމަޖައްސަން އެކުލަބުން ނިންމާނެ ކަމަށް ކުލަބާ ގުޅުން ހުރި އިނގިރޭސި މީޑިޔާއިން ބުނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ކްލޮޕް އާއި ލިވަޕޫލް އެއްބަސްވާނީ ތިން އަހަރުގެ އެއްބަސްވުމަކަށެވެ. ނަމަވެސް އުމުރުން 48 އަހަރުގެ ކޯޗު ލިވަޕޫލާ ހަވާލުވާނީ ކުޅުންތެރިން ގަނެވިއްކުމުގައި އެންމެ ފަހު ބަސްކިޔާނީ އޭނާ ކަމަށް ލިވަޕޫލުން އެއްބަސްވާނަމަ އެކަންޏެވެ.

ތިން އަހަރާއި ބަޔަށް ފަހު ބްރެންޑަން ރޮޖާސް ވަކިކުރުމަށްފަހު ލިވަޕޫލުން އެ ކުލަބުގެ ކޯޗަކަށް އެންމެ ބޭނުންވާ މީހަކީ ވެސް ކްލޮޕް އެވެ. އޭނާ ނުލިބިއްޖެނަމަ ދެން އެކުލަބުން މަސައްކަތް ކުރާނީ ޗެލްސީ އާއި ރެއާލް މެޑްރިޑް އަދި އޭސީ މިލާނުގެ ކުރީގެ ކޯޗު ކާލޯ އެންޗެލޯޓީ ހޯދުމަށް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެންޗެލޯޓީ މިވަގުތު ހުރީ އިނގިރޭސިވިލާތުގަ އެވެ.

ނަމަވެސް ކްލޮޕްގެ އެޖެންޓުންނާއެކު މިހާތަނަށް ބޭއްވި ބައްދަލުވުންތައް ކާމިޔާބުކަމާއެކު ނިމިފައިވާތީވެ މި މަހުގެ 17 ވަނަ ދުވަހު ޓޮޓެންހަމާ ދެކޮޅަށް ލިވަޕޫލް ގޮވައިގެން ނުކުންނާނީ ކްލޮޕް ކަމަސް މިހާރު ވަރަށް ބޮޑަށް ވަނީ ބެލެވެން ފަށާފަ އެވެ.

ލިވަޕޫލް ކޯޗުކަމުން ވަކިކުރުމުން ރޮޖާސް ވަނީ ޗުއްޓީއެއްގައި ސްޕޭނަށް ގޮސްފަ އެވެ. އޭނާ ބުނެފައިވަނީ ލިވަޕޫލްގެ ނިންމުމަށް އިހްތިރާމް ކުރާ ކަމަށާއި އޭނާ އެދެނީ ކުލަބަށް ކާމިޔާބު ލިބުން ކަމަށެވެ.