މާތްﷲ ދެއްވި އެންމެ ބޮޑު ނިއުމަތަކީ އިސްލާމްދީނުގެ ނިއުމަތް ކަމަށާ ގައުމުގެ ވަހުދަތާއި މިނިވަންކަމުގެ ބިންގަލީ އިސްލާމްދީން ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު ހެނދުނު އީދު ނަމާދު ވަނީ ކޮށްފައެވެ. މިއަދު ހެނދުނު 7:30 ގައި ކުރެވުނު އީދު ނަމާދަށްފަހު އިއްވި އީދު ހުތުބާގައި ބުނެފައިވަނީ އީދުގެ މި މުނާސަބާ ފާހަގަ ކުރަމުންދާއިރު މާތް ދެއްވި އެންމެ ބޮޑު ނިއުމަތުގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށެވެ.
"..އެއީ މަތިވެރިވެގެންވާ އިސްލާމްދީނުގެ ނިއުމަތް. އެ ދީނަކީ އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމާއި ވަހުދަތުގެ ބިންގާ. އެެހެން ކަމުން އަޅުގަނޑުމެންގެ އަގީދާ ހަރުދަނާކޮށް، ވަކިވަކިވެފައިވާ އަޅުގަނޑުމެންގެ ހިތްތައް އަލުން ގުޅުވަންޖެހޭ. އެއް ބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ކުރުމާއި، މަލާމާތް ކުރުންފަދަ ވިޔާނުދާ އަމަލުތަކުން ދުރުހެލިވެ، އަހުވަންތަ ބަޔަކަށްވާންޖެހޭ،"
މީގެ އިތުުރުން އިސްލާމްދީން ހިމާޔަތްކޮށް ދެމެހެއްޓުމަށް ދައުލަތުގެ ވެރިންނާއި ދިވެހި ރައްޔިތުންނަށް އީދު ހުތުބާގައި ވަނީ ގޮވާލާފައެވެ.
އީދަކީ ހުރިހާ މުސްލިމުންނަށް އަންނަ މުނާސަބަތެއްކަން ފާހަގަކޮށް އީދު ހުތުބާގައި ބުނެފައިވަނީ އެއްވެސް މީހަކު އެކަހެރިނުކޮށް އީދުގެ އުފަލުގައި އެންމެން ޝާމިލްކުރަން ޖެހޭ ކަމަށެވެ. އަދި އީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ އުސޫލުތަކުގެ ތެރެއިން އެކަން ކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.
އަލްހާ އީދު ދުވަހު ހަނދާނަށް އަންނަނީ ސަލާމްލެއްވި އިބްރާހިމްގެފާނުގެ ދަރިކަލުން އިސްމާއީލްގެފާނުގެ ގުރުބާނަށް ހުށައެޅިގެންދިޔަ ވަގުތު ކަން ހިނގާދިޔަކޮށް ކަމަށްވެސް އީދު ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އެ ހާދިސާއިން ލިބިދޭ އެންމެ މަތިވެރި ފިލާވަޅަކީ ކެތްތެރިކަމާއި ކިޔަމަންތެރިކަމުގެ ފިލާވަޅުކަމަށާ އިބްރާހިމްގެފާނު، މާތްﷲގެ އަމުރުފުޅަށް ކިޔަމަންތެރިވެވަޑައިގެންނެވި މިންވަރާއި ދަރިކަލުން އިސްމާއީލްގެފާނު ހިތްވަރުފުޅު ގަދަ ކަން ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
".. އެ ދެބަފައިކަލުންގެ މި ހާދިސާއިން ފަހުން އައިހައި ބަޔަކަށް އިބްރަތްތެރި ފިލާވަޅުތަކެއް ލިބިގެންދިޔަ. އަދި މިއަދަކީ އެ ހާދިސާގެ މަތިން ހަނދާންކޮށް މާތްﷲއަށް ޝުކުރުވެރިވުމުގެ ގޮތުން ގުރުބާން ކުރުމުގެ ދުވަސް. ކުޅަދާނަކަން ލިބިގެންވާ ކޮންމެ މީހަކުމެ މި އަޅުކަން އަދާކުރުމަކީ މަތިވެރި ސުންނަތެއް،" އީދު ހުތުބާގައި ބުނެފައިވެއެވެ.