ލިވަޕޫލުން ޝައުގުވެރިވާ، ބަޔާން މިޔުނިކްގެ މިޑްފީލްޑާ ތިއާގޯ އަލްކަންޓަރާ ދޫކޮށްލަން ބަޔާންއިން ނިންމައިފި އެވެ.
ބަޔާންގެ ޗެއާމަން ކާލް ހެންޒް ރުމޭނިގޭ ވިދާޅުވީ ބަޔާން އާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ ބާކީ އެއް އަހަރު އޮތް ނަމަވެސް އާ ކުލަބަކާއެކު އާ ޗެލެންޖެއް ނެގުމަށް ތިއާގޯ ބޭނުންވާކަން ހާމަ ކޮށްފައިވާ ކަމަށެވެ.
ޕްރިމިއާ ލީގްގެ ޗެމްޕިއަން، ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ޝައުގުވެރިވާ ކުޅުންތެރިންގެ ލިސްޓްގައި ތިއާގޯ ހިމެނެ އެވެ. ބަޔާން އިން ވަނީ އޭނާގެ ކޮންޓްރެކްޓް އާ ކުރުމަށް މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް ކޮންޓްރެކްޓް އާ ކުރަން ތިއާގޯ ބޭނުމެއް ނުވެ އެވެ.
"ސްޕޯޓިން ޑައިރެކްޓާ ހަސަން ސަލަހިމިޒިޗް އާއި ތިއާގޯ އާ ދެމެދު ދެކެވުނު ވާހަކަތަކަކީ ވަރަށް ބިނާ ކުރުވަނިވި ވާހަކަތަކެއް، އޭނާގެ ކޮންޓްރެކްޓް އާ ކުރެވިދާނެހެން ވެސް ހީވި،" ބަޔާންގެ ޗެއާމަން ރުމޭނިގޭ ވިދާޅުވި އެވެ. "އެކަމަކު ފަހުން ތިއާގޯ ވަނީ ހަސަން އަށް އަންގާފަ އާ ޗެލެންޖެއް ނަގަން އޭނާ ބޭނުންވާ ކަމަށް."
ރުމޭނިގޭ ވިދާޅުވީ، ތިއާގޯ ގެންދަން ޝައުގުވެރިވާ ކުލަބަކުން ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު އޭނާ ގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ބަޔާންއިން ކަނޑައަޅާނެ ޓްރާންސްފާގެ އަގު މިވަގުތު މީޑިއާއަށް ހާމަ ކުރަން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަސެލޯނާ އަށް ކުރިން ކުޅުނު ތިއާގޯ ބަޔާން އަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. އޭނާ ވަނީ ބަޔާން އާއެކު ޖެހިޖެހިގެން ހަތް އަހަރު ބުންޑެސް ލީގާގެ ޗެމްޕިއަންކަން ހޯދާފަ އެވެ. ޖެހިޖެހިގެން އަށް ވަނަ ފަހަރަށް މި އަހަރު އެ ޓީމުން ވަނީ ލީގް ކާމިޔާބު ކޮށްފަ އެވެ. ބަޔާން އަށް ކުރިއަށް އޮތީ ޔޫއެފާ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި ދެ ވަނަ ލެގްގައި ޗެލްސީއާ ދެކޮޅަށް މިޔުނިކްގައި ކުޅޭ މެޗެވެ. ފުރަތަމަ ލެގް ލަންޑަންގައި ކުޅެ ބަޔާން ކާމިޔާބު ކުރި 3-0 ންނެވެ.