ބޭރު ކުޅިވަރު

ވޭލްސްގެ ހުރިހާ އެވޯޑެއް ބޭލް އަށް

Oct 6, 2015

މި އަހަރުގެ ވޭލްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ރެއާލް މެޑްރިޑުގެ ގެރެތް ބޭލް ހޮވައިފި އެވެ.

ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާ އަށް މި އެވޯޑް ލިބުނުއިރު ކުޅުންތެރިންގެ މެދުގައި ވޯޓުލައިގެން ހޮވާ އެންމެ މޮޅު ކުޅުންތެރިއަކަށާއި ސަޕޯޓަރުންގެ ހޮވާ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބުނީ އޭނާ އަށެވެ.

މިއީ 26 އަހަރުގެ ކުޅުންތެރިޔާ މި އެވޯޑް ޖެހިޖެހިގެން ހޯދި ހަތަރު ވަނަ ފަހަރެވެ. މިއީ ވޭލްސްގެ ރެކޯޑެއްވެސްމެ އެވެ.

ހުސްވި ސީޒަނަކީ އަނިޔާގެ ސަބަބުން އޭނާ އަށް ކާމިޔާބު ސީޒަނަށް ނުވި ނަމަވެސް ބޭލްގެ މޮޅު ކުޅުމާއެކު ވޭލްސް ވަނީ އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެ އެވެ. ކޮލިފައިންގައި އޭނާ ހަ ގޯލު ޖަހައިދިންއިރު މިއީ 1958 ގެ ފަހުން ބޮޑު މުބާރާތަކަށް ވޭލްސް ކޮލިފައިވި ފުރަތަމަ ފަހަރެވެ.