ޒިމްބާބުވޭގެ އެންމެ ބޮޑު އެއް ހޮސްޕިޓަލުގައި އެއް ރޭ މަތިން ހަތް ކުދިން މަރުވެފައި އެވެ. އަލަށް އުފަންވި މި ކުދިން މަރުވީ ބައްޔެއް ވެގެނެއް ނޫނެވެ. އެކުދިންގެ މަންމައިންނަށް ފަރުވާކޮށްދީ އަޅާލާނެ ސިއްހީ އެހީތެރިން އެ ހޮސްޕިޓަލުގައި ނެތިގެންނެވެ.
އެ ހޮސްޕިޓަލުގައި އަލަށް އުފަންވީ ތުއްތު ތުއްތު ހަތް ކުއްޖެއްގެ ފުރާނަނެތް ހަށިގަނޑުތައް ފޮތިގަނޑަކަށްލާ އޮޅާލަފައި ބަރިޔަކަށް ހަރުގަނޑެއް މަތީ އަތުރާފައި ހުރި މަންޒަރަކީ މީހެއްގެ ހިތް ފަޅައިގެންދާ ވަރުގެ އަސަރުގަދަ މަންޒަރެކެވެ.
މި ހޮސްޕިޓަލުގެ ހާލަތު ދުނިޔެއަށް ހާމަވީ އެތަނުގައި މަސައްކަތްކުރާ ޑޮކްޓަރެއް ކަމަށްވާ ޑރ. ޕީޓާ މޮގެމްބޮޔޭ މި ވާހަކަތައް ޝެއާކޮށް ކުރި ޓުވީޓަކާ ގުޅިގެންނެވެ. މިހާރު ވައިރަލް ވެފައިވާ މި ޓުވީޓްގައި އެއް ރޭ މަތިން އެ ހޮސްޕިޓަލުގައި މަރުވި ހަތް ކުދިންގެ ފުރާނަ ނެތް މަސްގަނޑުތައް ހަރުގަނޑެއްގައި އަތުރާފައި ވަނިކޮށް ނަގާފައިވާ ފޮޓޯއެއް ވެސް ހިމަނާފައި ވެއެވެ.
ޕީޓާގެ ޓުވީޓްގައި ވިދާޅުވެފައިވާ ގޮތުގައި އެ ހޮސްޕިޓަލުގައި އެ ރޭ ވިހޭ އަށް މީހުންގެ ތެރެއިން ފަރުވާ ހޯދައިގެން ހިނިތުންވެފައި އިނދެގެން ދަރިފުޅު ގޮވައިގެން ގެޔަށް ދިޔައީ އެންމެ އަންހެނެކެވެ. މިއީ ހޮސްޕިޓަލު ހިންގުމުގެ ގާބިލްކަން ނެތް ބަޔަކު އެކަން ކުރާތީ ދިމާވާ ހިތާމަވެރި ކަންތައްތައް ކަމަށްވާ ޕީޓާ ތުހުމަތު ކުރައްވާފައި ވެއެވެ.
ކޮރޯނާވައިރަހާ ހަނގުރާމަކުރުމަށް ބޭނުންވި ކޮލިޓީ ރަނގަޅު ޕީޕީއީ ނުލިބޭތީ ޒިމްބާބުވޭ ނަރުހުން މިހާރު ދަނީ އިހުތިޖާޖު ކުރަމުންނެވެ. މެޑީކަލް ސްޓާފުންގެ އިހުތިޖާޖުގެ ސަބަބުން ގެއްލުން ވަމުންދަނީ ހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނަ ބަލި މީހުންނަށެވެ. އެއްރޭ މަތިން މަރުވެފައިވާ މި ހަތް ކުދިންނަކީ ވެސް އިހުތިޖާޖުކޮށް ވަޒީފާއަށް މީހުން ނުކުންނަލެއް މަދުކަމުން ދިމާވި ހިތާމަވެރި ހާދިސާ އެކެވެ. މި ނޫނަސް ފަރުވާ ބޭނުންވެފައިވާ ހާލު ބޮޑު އެތައް ބަޔަކު ހަރާރޭ ހޮސްޕިޓަލުގައި ފަރުވާ ނުލިބިފައި އެބަތިބި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.
ޒިމްބާބުވޭގެ ހުރިހާ ހިސާބުތަކެއްގައި މިދިޔަ މަހުން ފެށިގެން ނަރުހުން ވަނީ ވަރުގަދަ އިހުތިޖާޖެއް ކުރަން ފަށާފަ އެވެ. ރަނގަޅު ޕީޕީއީ ހޯދައި ދިނުމަށާއި ޔޫއެސް ޑޮލަރުން މުސާރަ ދިނުމަށެވެ. ނަމަވެސް ޒިމްބާބުވޭ ސަރުކާރުން ބުނަނީ މިއީ ސަރުކާރަށް ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.
ނަތީޖާއަކަށްވީ އެންމެ ނިކަމެތިން ޚިދުމަތްހޯދާ ސަރުކާރު ހޮސްޕިޓަލުތަކުގައި ޑޮކްޓަރުންނާއި ނަރުހުން އިންތިހާއަށް މަދުވެ މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް އިންތިހާއަށް ބުރަ ބޮޑުވުމެވެ. ގިނަ އަދަދެއްގެ ތުއްތުކުދިން މަރުވާން މެދުވެރިވީ ވެސް މި ސަބަބާ ހެދި އެވެ.
ކޮވިޑް-19 ކޭސްތައް ހަލުވިކަމާއެކު ޒިމްބާބުވޭގައި ފެތުރެމުންދާއިރު ސިއްހީ ނިޒާމު މިހާ ބޮޑަށް ބޮއްސުން ލާފައި އޮތުމުން ވަރަށް ހިތާމަކުރަން ޖެހޭ ކަހަލަ ކަންތައްތަކެއް މެދުވެރި ވެދާނެކަމުގެ ބިރު މިހާރު ވެސް ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އެބައޮތެވެ.
ސަރުކާރު ހޮސްޕިޓަލުތަކަށްދާ މާބަނޑު މިހުންނަށް ފަރުވާ ދޭނެ މީހަކު ނުވެގެން ހޮސްޕިޓަލުގެ ތަޅުގަނޑު މަތީގައި އެމީހުން އެތައް ގަޑިއިރަކު ރޯލާ ރޯލާ ތިބެން ވަނީ ޖެހިފަ އެވެ. ކުރިން އެ ގައުމުގައި ހުންނަ ބައެއް ކުދިކުދި ކްލިނިކްތަކުން މީހުންނަށް ފަރުވާ ކޮށްދިން ނަމަވެސް އިހުތިޖާޖު ކުރާތީ ކުދި ކްލިނިކްތައް ވެސް ހުންނަނީ ބަންދުކޮށްފަ އެވެ. ސަރުކާރު ހޮސްޕިޓަލުތަކަށް އެހާ ބާރު ބޮޑުވެފައިވާ އެއް ސަބަބަކަށް މިކަން ވެސް ވަނީ ވެފަ އެވެ.
ހަރާރޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރަކު ބުނީ ބައެއް މާބަނޑު މީހުން ބަނޑުހައި ރިހި ރިހި ހަލާކުވާއިރުވެސް ފަރުވާ ދޭނެ ސިއްހީ އެހީތެރިއަކު ނުލިބި އެންމެ ފަހުން ރަހިމު ފަޅައިގެން ދިއުން ފަދަ ކަންތައްތައް ވެސް ދިމާވެ އެވެ. މިފަދަ ހާލަތުގައި ބަލަނީ ކުއްޖާއަށް ވުރެ މައިމީހާ ސަލާމަތް ކުރުމަށެވެ. އަލަން އުފަންވާ ކުދިން މަރުވާ ރޭޓް މިހާ މަތީ އެހެންވެ އެވެ.