ރައީސް އަބްދުﷲ ޔާމީން

އިދިކޮޅު ލީޑަރަކީ ރައީސް ޔާމީންކަން ހަނދާންކޮށްދީފި

އިހްލާސްތެރި ވާދަވެެރި ލީޑަރެއް ކަނޑައެޅުމަކީ ސިޔާސީ ވާދަވެރިންގެ ކަމެއް ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ.

ރައީސް ނަޝީދު އިއްޔެ ޓްވިޓާގައި ވިދާޅުވީ އިހްލާސްތެރި ވާދަވެރި ލީޑަރަކު ކަނޑައެޅުމަކީ ވާދަވެރިންގެ ކަމެއް ކަމަށެވެ. އަދި ވާދަވެރިންނަކީ ކޮބައިކަން ވާދަވެރިންނަށް އެނގި، އެ ވާދަވެރިންގެ ތެރެއިން ލީޑަރެއް ލީޑަރެއް ކަނޑައެޅޭ ގޮތް ރައްޔިތުންނަށް ސާފުވާން ބޭނުންތެރި ކަމަށެވެ.

"ލީޑަރު ހުންނަވާ ތަނަށްވުރެ ލީޑަރު ކަނޑައެޅޭ ގޮތް މާ މުހިންމު!" ރައީސް ނަޝީދު ވިދާޅުވި އެވެ.

އަބްދުއްރަހީމް މިރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ކައުންސިލްގެ އިއްތިފާގުން 2023ގެ ރިޔާސީ އިންތިހާބުގައި ކޯލިޝަންގެ ޓިކެޓްގައި ވާދަކުރައްވާނެ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

".. އަދި އިދިކޮޅު ލީޑަރަކީވެސް ރައީސް ޔާމީން،" ނަޝީދު ކުރެއްވި ޓްވީޓަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.

2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ނިންމާފައިވީނަމަވެސް މިހާރުވެސް އެމަނިކުފާނު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެހެން ކަމުން ކުރިއަށް އޮތް އިންތިހާބުގައި ވާދަ ކުރެއްވޭނެ ކަމަކަށް ނުބެލެވެެއެވެ.

އިތުރު ދެ ދައުވާއެއްވެސް މިހާރު ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ ދިގު މުއްދަތުގެ ހުކުމްތަކެއް އެމަނިކުފާނަށް އިއްވާނެއެވެ.

އިދިކޮޅު ކޯލިޝަނުން އަދި ރައީސް ޔާމީންގެ ގާނޫނީ ޓީމުންވެސް ބުނެފައިވަނީ 2023 ގެ އިންތިހާބުގެ ކުރިން ޔާމީން މިނިވަންވާނެ ކަމަށެވެ.