ލައިފްސްޓައިލް

ގަހަށް ޕޮޒިޓިވް ވެއްޖެތަ؟

ގަސް އިންދުމާއި ގަސް ބެލެހެއްޓުން މިއީ ވަރަށް ގިނަ މީހުންގެ ހޮބީއެކެވެ. އަދި މިއީ ވަރަށް ލޯބިން ވެސް ކުރާ ކަމެކެވެ. ގަސް ހައްދާ، އެ ގަސް ގެންގުޅެނީ ވަކި އުމުރެއްގެ މީހުނެއް ނޫނެވެ. މިކަމަކީ ހުރިހާ އުމުރު ފުރައެއްގެ މީހުން ވެސް ޝައުގުވެރިވާ މަސައްކަތެކެވެ. މި ދުވަސްކޮޅު ވަކިން ހާއްސަކޮށް ގަސް އިންދުމާއި ގަސް ބެލެހެއްޓުމަށް އެއްމެން ކަހަލަ ގޮތަކަށް މި ފޯރިގައި ޖެހި ޕޮޒިޓިވް އެވެ.

ސަބަބަކީ ފާއިތުވީ ދިގު ލޮކްޑަައުންގައި ގޭގައި ތިބެ ލިބުނު ހުސް ވަގުތުތަކުގައި އަބަދު ވެސް ކުރަން ހިތުލައިގެން އެކަމު ވަގުުތު ނެތިގެން ނުވެފައި ހުރި ގިނަ ކަންކަމަށް ކުރަން ހިިފިއިރު ގަސް އިންދުމާއި ބަގީޗާ ބަލަހައްޓަން އެތައް ބަޔަކު ހުސް ވެގަތެވެ. ދުވަހަކު ގަހެއް ނުގެންގުޅޭ މީހުން ވެސް ކޮންމެވެސް ކަހަލަ ގަހެއް ހޯދައި ގަސް އިންދަން ފަށާ ރަނގަޅަށް މިކަމުގެ ފޯރި ހިއްޕުވައިފި އެވެ.

ގަސް އިންދުމުގެ ފޯރިއާއި އެކު ސޯޝަލް މީޑިއާވެސް މިހާރު އޮތީ ގަހުގެ ގުލްޝަނަކަށް ވެފަ އެވެ. ކޮންމެ މީހަކު އެމީހެއްގެ ގަސްތަކާއި ބަގީޗާގެ ފޮޓޯ ހިއްސާކޮށްލަނީ އެވެ. ބައެއް މީހުން ގަސްތަކުގެ ނަންތަކާއި ބަލަަހައްޓަން ހައްދަންވީ ގޮތުގެ މައުލޫމާތާއެކު އެވެ. އަދި ގަސްތަކުގެ ލޯތްބާއެކު މި ވާހަކަ ދައްކަން އިތުރު ގަސް ހެއްދުމުގު ޝައުގު ހުންނަ މީހުންނާއި އާ ރަހުމަތްތެރިންނާއި ގުޅުން ބަދަހިވުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ގަސްހެއްދުމުގެ ޓްރެންޑްތަކަށް ބަލާއިރު ގޭއެތެރޭގައި ބަހައްޓާ ކަހަަލަ ގަސްމުއްޓަށް ޑިމާންޑް ބޮޑެވެ. ބެކްލަންޏެއް ނުވަތަ ގަސް ހައްދާނެ ތަންކޮޅެއް ގޭގައި ނެތުމަކީ މިފަދަ ގަސްތަކަށް ޑިމާންޑް ބޮޑުވާ އެއް ސަބަބެެވެ. އެހެންކަމުން ފަހަކަށް އައިސް އިންޑޯ ޕްލާންޓްސް ބޮޑަށް ހިނގަ އެވެ. އެއީ ގަސްތަކުން ހިތަށް އަދި ސިކުނޑިއަށް ހަމަޖެހުން ގެނެއެވެ. ގޭތެރޭގެ މާހައުލު ތާޒަވެއެވެ. ގޭތެރޭގައި ހޯމްލީ ފީލެއް ގެނެސް ދެއެވެ.

މިދުވަސްވަރު ގަސްތަކުގެ ޑިމާންޑް އުފުލި އަބަދުމެހެން ގަސްވިއްކާ ތަންތަން ކައިރީ ބޮޑު ކިއުއެއް ދަމާލާފައި އޮންނަތަން ވެސް ފެނެއެވެ. ގަސްވިއްކާ އޮންލައިން ޕޭޖާއި ގަސްކާނާ ވެސް އެވަރަށް އެބަ ހިނގަ އެވެ. މި އީދުގައި ވެސް އީދު ހަދިޔާއަަށް ގަސް ބަދަލު ކުރީ އެތަށް ބަޔަކު ވެސް ތިއްބެވެ. ސޯޝަލް މީޑިއާގައި ވެސް އީދަށް އެންމެ ބޭނުމީ ގަހެއް ކަމުގައި ބުނަމުން ދިޔަ އެވެ. ގަސް ވިއްކާ ތަންތަނުންނާއި އޮންލައިން ޕޭޖްތަކުން ގަނެގެން އެއަށް ވިޔަފާރި ފައިދާ ލާ އަލުން ވިއްކުމަށް ވެސް އެއްބަޔަކު ގަސް ހޯދި އެވެ.

ލޮކްޑައުންގެ ކުރިން އޮފީސް މޭޒުމަތި ފުރާލި ގަސްތައް އޮފީސް އަލުން ހުޅުނުވުނު އިރު އެއްކޮށް މަރުވެ ހަލާކުވެފައިކަމަށް ވެސް ބައެއް މީހުންގެ ޝަކުވާއެކެވެ. އަދި ލޮކްޑައުންގައި މި މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ވެސް އެއީ އެވެ.

މީހަކު ބުނި ގޮތުގައި އޭނާގެ ގޭ ދޮރުމަތީގައި އާއި ބެލްކަނީގައި ލޯބިން ހެއްްދި ގަސްކޮޅު އެއް ރޭ ވަގަށް ގެންގޮސްފައި ވެއެވެ. އަދި އެއީ ވަރަށް ގިނަ ދުވަހުން ބޮޑު މަސައްކަތަކުން ލޯތްބާއި އެކު ބަލަަހައްޓަމުން ދިޔަ ގަސްތަކެކެވެ.

ބައެއް މީހުން މި ފޯރިގައި ޖެހި ގަހަށް ބޮޑެތި ހޭދަ ކޮށްފައި އެބަހުއްޓެވެ. ހައިރާންވީ އޮންލައިން ޕޭޖަކުން 25،000 ރުފިޔާއަށް މޮންސްޓެރާ ޑެލިސިއޯސާ ހަތަރު ފޫޓުގެ ގަހެއް ވިއްކަން ޖެހިތާ މާ ގިނަ ވަގުތުތަކެއް ނުވެ ގަސް ވިކިނުތަން ފެނުނެވެ. މިވަރަށް ފައިސާ ގަހަށް ހޭދަކޮށްލުމުން މި ކަމަށް އޮތް ފޯރި އެނގެއެވެ.

ސީޒަނަލް މި ހޮބީގެ ސަބަބުން ފަހަށް ރައްކާކޮށްފައިވާ ފައިސާ ފޮތި މިކަމަށް ހޭދަކުރާ އިރު ކުޑަކޮށް ވިސްނާލަން އެބަޖެހެ އެވެ. އިއްޔެ ގަންނަ ގަސް މިއަދު ކޮންމެވެސް އެއް ސަބަބަކާއި ހެދި ހާލަކުވެ މަރުވާ އިރު މިކަމަށް އަތުން ހޭދަވާ ފައިސާއަަކީ ކޮންމެވެސް އެހެން ބޭނުމަކަށް ހަރަދު ކޮށްލެވި ދާނެ އެއްޗެއްކެވެ. ބަލިމަޑުކަމެއް އަދި އިގްތިސޯދީ ގޮތުން ހާލުގައި އޮތް މި ދުވަސްކޮޅުގައި ހޮބީއަކަށް މިހާ ފައިސާ ހޭދަކުރަންވާނެތޯ އެއީ ވެސް ވިސްނާލަން ރަނގަޅު ކަމެކެވެ.

ގަސް އިންދުމުގެ މި ފޯރިގައި ޖެހި ދިވެހިންގެ ފެހި މާޒީގައިވާ އަަލަ، ކައްޓަލަ ކަހަލަ ކާބޯތަކެތި އުފައްދަން ހިތްޖެހި މުރާލިކަމާއި އެކު ދަނޑުހައްދައި އަމިއްލައައި ކާބޯތަކެތީގެ ޔަގީންކަން ހޯދާ ދުވަހަކީ އަސްލު ގަސްއިންދުމަށް ޕޮޒިޓިވްވެ ލޯބިވާ ދުވަހަކަށް ވާނެ އެވެ.