ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ކޮވިޑް-19 އިގެ ބިރާ ހެދި ނިދަން އުނދަގޫވޭތަ؟

ފަހުގެ ދިރާސާއެއް ބުނާ ގޮތުން އޮފީހަށް ނުގޮސް ގޭގައި މަސައްކަތްކުރަން ޖެހުމުން ގިނަ ބަޔަކަށް ނިދަން ލިބޭ ގަޑި މާ ގިނަ ވެއެވެ. ނަމަވެސް އެމީހުންނަށް އެކަށީގެންވާ ރަނގަޅަކަށް މި ގަޑިތަކުގައި ނުނިދޭ ކަމަށް ވެސް ފާހަގަ ކޮށްފައި ވެއެވެ. ގިނަ ފަހަރަށް މި މީހުން ނިދާފައި އޮއްވާ އެހެން މީހަކު އައިސް ގޮވުމުން ނުވަތަ އެހެން ވެސް ކަމެއް ދިމާވެގެން ހޭލެވޭ ގޮތަށް ދެން ނުނިދިފައި އޮންނަން ޖެހެ އެވެ. އެހެންވެ ކޮލިޓީ ނިދިން މި މީހުން މަހްރޫމްވާ ގޮތް ވަނީ އެވެ.

ކޮންމެ ތަނެއްގައި ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް އިންސާނާ ސަލާމަތް ސިއްހަތެއްގައި ހުރުމަށް ނިންޖަކީ މުހިއްމު އެއްޗެކެވެ. ޚާއްސަކޮށް ކޮންމެ ދުވަހަކުވެސް އެއް ގަޑިއަކަށް ނިދުމާއި އެއްގަޑިއަކަށް ހޭލަން އާދަކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އޭރުން އެމީހާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ރަނގަޅު އަސަރުތަކެއް ކޮށް މިޒާޖަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ. ނަމަވެސް ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އުޅޭއިރު ކިތަންމެ ބޭނުން ވިޔަސް ރަނގަޅަށް ނުނިދޭ މީހުން ވަރަށް ގިނަ އެވެ. ސްޓްރެސް ބޮޑުވެގެން ގޮހެވެ.
ޚާއްސަކޮށް ކަންކަމާ ފަސޭހައިން ކަންބޮޑުވެ ހާސްވާ މީހުންނަށް ކޮވިޑް-19 ވެފައިވަނީ ނިދިން މަހްރޫމް ކުރުވާ އެއްޗަކަށެވެ. ކިތަންމެ ނިދަން ބޭނުންވެގެން އޮށޯތަސް ބަލީގެ ވާހަކަތައް އިވި އެ ލިބޭ ކަންބޮޑުވުންތަކުގެ ސަބަބުން ނިދަން އުނދަގޫވާން މެދުވެރިވެ އެވެ.

މިފަދަ ހާލަތެއް ދިމާވެއްޖެނަމަ އަމަލު ކުރެވިދާނެ ބައެއް ގޮތްތައް ސިއްހީ ތަޖުރިބާކާރުން ކިޔާދީފައި ވެއެވެ. އެތަނުން އެއް ކަމަކީ ކޮންމެ ރެއަކުވެސް ވަކި ގަޑިއަކަށް ނިދަން އޮށޯންނަން އާދަ ކުރުމެވެ. އަދި ވަކި ގަޑިއަކަށް ހޭލަން އާދަ ކުރުމެވެ. ނިދި ނަޔަސް ޓީވީ އާއި ފޯނާ އެއްޗެހި ދުރަށް ލާ ނިދާ ގަޑިއަށް ތައްޔާރުވެ އެނދުގައި ލޯ މަރާލައިގެން އޮތުމުން ވެސް ބައެއް މީހުންނަށް ނިދަން ފަސޭހަ ވެއެވެ.
ދެ ވަނަ ކަމަކީ އޮފީސް މަސައްކަތްކުރަން އެނދުމަތީގައި ނީނުމެވެ. އޮފީސް މަސައްކަތްތައް ކޮށްލަން އެނދުގައި އިނުމަކީ ވަރަށް ފަސޭހަ އަދި ހިތްހަމަޖެހޭ ކަމަކަށް ވެދާނެ އެވެ. ނަމަވެސް އެނދު ބަހައްޓަން ޖެހޭނީ ހަމައެކަނި ނިދާށެވެ. އޮފީސް މަސައްކަތްކުރަން ގޭގެ ކޮންމެވެސް އެހެން ތަނެއްގައި ވަކިން މޭޒެއް ބަހައްޓައި އެކަމަށް ތައްޔާރު ކުރެވިދާނެ އެވެ. މިއީ ވެސް ވަކި ގަވާއިދަކަށް ކަންތައްތައް ފައްތަން ފަސޭހަ ވާނެ ކަމެކެވެ.

ތިން ވަނަ ކަމަކީ ދުވާލު ގަޑީގައި ނުނިދުމެވެ. މިއީ އެނދުމަތީގައި އޮފީސް މަސައްކަތްކުރަން އިނުން ރަނގަޅު ނޫން އެއް ސަބަބެކެވެ. އެނދުގައި އިނދެގެން އޮފީސް މަސައްކަތްކުރާނަމަ ކުއްލިއަކަށް ނިދި އަންނަ ގޮތް ވާއިރަށް އެނދުގައި އޮށޯވެ ކުޑަކޮށް ނިދާލާފައި ތެދުވެ އަނެއްކާވެސް މަސައްކަތް ކުރެވޭ ތަން އޮންނާނީ ވަރަށް ގާތުގަ އެވެ. ނަމަވެސް މިގޮތަށް ކުޑަކޮށް ނިދާނަމަ ރޭގަނޑު ނިދަން އޮށޯންނަ ގަޑީގައި ނިދި ނައުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

ދުވާލު ގަޑީގައި ނުނިދޭނީ އޮފީސް މަސައްކަތް ކޮށްފައި ބާކީ އޮންނަ ގަޑީގައި ގޭތެރޭގައި ތަންކޮޅެއް ހެލިފެލިކޮށް އުޅެން ދަސްކޮށްގެންނެވެ. ނޫންނަމަ އެއްވެސް މަސައްކަތެއް ނެތި އިންނަން ހަދައިގެން ނިދޭ ގޮތް ވާނެ އެވެ.

ގޭގައި ގިނަ ވަގުތު ހޭދަކުރި ނަމަވެސް ކަސްރަތު ކުރުމުގެ އެކިއެކި ކަންކަން ކުރަން ވަގުތު ހޯދުމަކީ ވެސް ރޭގަނޑު ފަސޭހައިން ނިދާލެވޭނެ ކަމެކެވެ. ތަޅުންގަނޑުގައި މެޓެއް އަޅާލައިގެން ޔޯގާ ކަހަލަ ކަސްރަތެއް ވެސް ކުރެވިދާނެ އެވެ. އަދި ވީޑިއޯއެއް އަޅުވާލައިގެން ވެސް ކަސްރަތު ރޫޓިން އެއް ފުރިހަމަ ކޮށްލެވިދާނެ އެވެ.

އެކަށީގެންވާ ގޮތަށް ކެއުން ބެހެއްޓުމަކީ ވެސް ރޭގަނޑު ހަމަނިދި ނިދާލަން ފަސޭހަ ވާނެ ކަމެކެވެ. ނިދާ ގަޑިއާ މާ ކައިރިކޮށްފައި ކޮފީ، ސައި ފަދަ އެއްޗެތި ނުބުއިމާއި ނިދުމުގެ ދެ ތިން ގަޑއިރު ކުރިން ކެއުމުގެ ކަންތައްތައް ނިންމުން ވެސް ވަރަށް މުހިއްމެވެ.
ހަނދާން ކުރަން ޖެހޭ އަނެއް ކަމަކީ ނިދަން އޮށޯންނައިރު ޓީވީ އާއި ލެޕްޓޮޕް އަދި ފޯނުގެ ނިއްވާލާފައި ބޭއްވުމެވެ. ފޯނު އޯފް ނުކުރިޔަސް ރިންގް މަޑުކޮށް ނުވަތަ އެހާ ފަސޭހައިން އަތް ނުޖެހޭ ހިސާބުގައި ތަންކޮޅެއް ދުރުގައި ބޭއްވިދާނެ އެވެ.