ބޮލީވުޑް

"މައިނޭ ޕިޔާރް ކިޔާ" ސަލްމާން ކުޅުނީ މަދު ފައިސާކޮޅަކަށް

ސަލްމާން ޚާނަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ އަގު ބޮޑު އެއް އެކްޓަރެވެ. ޓީވީ ޝޯ ތައް ހޯސްޓްކުރުމާއި ފިލްމު ކުޅުމަށް އެތައް ކްރޯޑެއް މިހާރު ސަލްމާން ނަގަ އެވެ. އޭނާއަކީ ބެލުންތެރިން ވަރަށް ގަޔާވާ އެކްޓަރަކަށް ވާތީ އޭނާ ހުށަހަޅާ ބޮޑު އަގުތައް ދޭން މިހާރު ޕްރޮޑިއުސަރުން އެއްވެސް ޖެހިލުމެއް ނުވެ އެވެ. ނަމަވެސް ބޮލީވުޑްގެ ކެރިއަރު ސަލްމާން ފެށިއިރު އޭނާއަށް ލިބިފައި ވަނީ ވަރަށް ކުޑަ ކުޑަ ފީ އެކެވެ.

ސަލްމާންގެ ފުރަތަމަ ފިލްމަކީ "މައިނޭ ޕިޔާރް ކިޔާ" ނޫން ނަމަވެސް އޭނާއަށް މަޝްހޫރުކަން ލިބި މީހުންނަށް އޭނާ ފާހަގަ ކުރެވުނީ މި ފިލްމުންނެވެ. ބާގްޔާޝްރީ އާއެކު ސަލްމާން ކުޅުނު މި ފިލްމަކީ މިއަދާ ހަމަޔަށް ވެސް އިންޑިޔާގައި ރިލިޒްކުރި އެންމެ ކާމިޔާބު ފިލްމުތަކުގެ ކުރީގައި އުޅޭ ފިލްމެކެވެ. ފިލްމުގެ ކާމިޔާބުން ސަލްމާންގެ މަޝްހޫރުކަން ކުއްލިއަކަށް އެތައް ސަތޭކަ ގުނަޔަކަށް އިތުރުވެގެން ދިޔަ އެވެ.

ނަމަވެސް މި ފިލްމު އޭނާ ކުޅެދިން އަގު އެނގިއްޖެނަމަ ގިނަ ބަޔަކު ހައިރާން ވާނެ އެވެ. "މައިނޭ ޕިޔާރް ކިޔާ" ސަލްމާން ކުޅެފައި ވަނީ އެންމެ 31،000 ރުޕީސް އަށެވެ. އެއީ މި ޒަމާނަށް ބަލައިފިނަމަ ވެސް ވަރަށް ކުޑަކުޑަ ފީ އެކެވެ. ފީ ކުޑަ ވިޔަސް ސަލްމާނަށް ލިބުނު މަޝްހޫރުކަމަށް ބަލާއިރު އޭނާ މި ފިލްމު ހިލޭ ކުޅެދޭން ވެސް ފަސް ޖެހެންވީ ސަބަބެއް ނެތެވެ. ސަލްމާންގެ ބޮލީވުޑްގެ ކެރިއަރުގެ ބިންގަލަކީ މި ފިލްމަށް ވާތީ އެވެ.

"މައިނޭ ޕިޔާރް ކިޔާ" ރިލީޒްވުމަށް ފަހު ސަލްމާނަށް ފަސް އެނބުރި ބަލާލާކަށް ނުޖެހުނެވެ. އޭގެ 30 ވަރަކަށް އަހަރު ފަހުން ވެސް ސަލްމާން ދަނީ ފިލްމީ ކެރިއަރުގައި އާ އުސްމިން ތަކަކަށް ދަތުރު ކުރަމުންނެވެ.