ދުނިޔެ

މަޝްހޫރު މީހުންގެ ޓްވިޓާ ހެކްކުރީ ތިން ޒުވާނުން

Aug 1, 2020

ވޮޝިންގްޓަން (އޯގަސްޓް 1) - ދުނިޔޭގެ ވަރަށް މަޝްހޫރު ބައެއް މީހުންގެ ޓްވިޓާ އެކައުންޓްތައް ހެކްކުރި މައްސަލާގައި ތިން ޒުވާނަކަށް ދައުވާ ކޮށްފައިވާ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އިއްޔެ ބުނެފި އެވެ.

މިދިއަ މަހުގެ ތެރޭގައި އެކައުންޓް ހެކްކުރި ފަރާތްތަކުގެ ތެރޭގައި ބިލިއަނަރުން ކަމަށްވާ އީލޮން މާސްކް، ބިލް ގޭޓްސް، ޖެފް ބެޒޯސް، މައިކަލް ބްލޫމްބާގް، ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަން ކުރީގެ ރައީސް ބަރަކް އޮބާމާ އަދި ލަވަކިޔުންތެރިޔާ ކަންޔޭ ވެސްޓް ފަދަ މަޝްހޫރު މީހުން ހިމެނެ އެވެ.

އެ މީހުންގެ ރަސްމީ އެކައުންޓް ހެކް ކުރުމަށް ފަހު ވަނީ ބިޓްބޮއިން ވޮލެޓް އެޑްރެހަށް ފޮނުވާ ފައިސާގެ ދެ ގުނަ އަނބުރާ ދޭނެ ކަމަަށް ބުނެފަ އެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓުމަންޓުން އިއްޔެ ބުނީ، އެ މައްސަލާގައި ދައުވާ ކޮށްފައި ވަނީ 22 އަހަރާއި، 19 އަހަރުގެ ދެ ޒުވާނުންގެ އިތުރުން 17 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ.

އަދި އޭގެ ތެރެއިން ދެ ޒުވާނުން މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.

ކަމާބެހޭ އިދާރާތަކުން އެޅި އަވަސް ފިޔަވަޅުތަކަށް ޓްވިޓާ އިން ވަނީ ތައުރީފު ކޮށްފަ އެވެ.

އެކައުންޓްތައް ހެކްކޮށްގެން، އޮޅުވާލައިގެން އެއްލައްކަ އެއްހާ އެމެރިކާ ޑޮލަރު ފައިސާ ހޯދާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެ ތިން ޒުވާނުން ވަނީ، ފޯނުގެ ޒަރިއްޔާއިން ޓްވިޓާގެ ބައެއް މުވައްޒަފުންނަށް ގުޅައިގެން، އެ ކައުންޓުތަކުގެ މައުލޫމާތު އޮޅުވާލައިގެން ހޯދާފައިވާ ކަމަށް އެ ކުންފުނިން މީގެ ކުރިން ބުނެފައިވެ އެވެ.

އެގޮތުން، 130 އެކައުންޓަކަށް ޓާގެޓުކޮށްގެން، ތަފާތު 45 އެކައުންޓަކުން ޓްވީޓުކޮށްފައިވާއިރު، 36 އެކައުންޓަކުން ޑައިރެކްޓް މެސެޖުކޮށްފައިވާ ކަމަށް ކަމާގުޅޭ އިދާރާއިން ވަނީ މައުލޫމާތު ދީފަ އެވެ.