ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 72 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި ކަމަށާ އޭގެ ތެރެއިން ހަ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު ދެ މީހަކު ވެންޓިލޭޓަރަށް ލާފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.
މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 72 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 65 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ފަސް މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މީގެ އިތުރުން ބ. އޭދަފުށީ ކޮވިޑް ސެންޓަރާއި ށ. ފުނަދޫ ކޮވިޑް ސެންޓަރުގައިވެސް ދެ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ނަޒްލާ ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހަ މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ފަސް މީހަކަށް ފަރުވާ ދެނީ ހުޅުމާލެ މެޑިކަލް ފެސިލީޓީގެ އައިސީޔޫގައެވެ. ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައިވެސް އެކަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ރާއްޖެއިން 16 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ގިނައީ ދުވަސްވީ މީހުންނެވެ.