ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގައި އިތުރު ދިވެއްސަކު މަރުވެއްޖެ

ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ. މިރޭ މަރުވެފައިވަނީ އުމުރުން 52 އަހަރުގެ ދިވެހި އަންހެނެކެވެ.

އެޗްޕީއޭއިން ބުނީ މިރޭ މަރުވި އަންހެން މީހާ އައިޖީއެމް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން އައީ ނޭވާލާން އުނދަގޫ ވެގެން ކަމަށެވެ. ހޮސްޕިޓަލަށް އައީ މިއަދު ހަވީރު 4:40 ގައެވެ. އަދި ފަރުވާ ދެމުންދަނިކޮށް މިރޭ 11:20 ގައި މަރުވެފައިވާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 17 އަށް އަރާފައެވެ.

ކޮވިޑްގައި އިތުރު މީހަކު މަރުވެފައިވާއިރު ރެކޯޑް އަދަދަކަށް އެ ބައްޔަށް މީހުން ދަނީ ޕޮޒިޓިވްވަމުންނެވެ. މިއަދަކީ އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ. މިއަދު 156 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއެވެ.

މިއަދު ޕޮޒިޓިވްވި 156 މީހުންނާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3,949 އަރާފައެވެ. މިވަގުތު ބަލިން ރަނގަޅުނުވެ ތިބި މީހުންގެ އަދަދަކީ 1،305 މީހުންނެވެ. ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ 72 މީހަކަށެވެ. އޭގެ ތެރެއިން ހަ މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ. ދެ މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.

ކޮވިޑްގެ ހާލަތު މި މަހު އިތުރަށް ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އައު ޕްރޮޖެކްޝަންގެ މައުލޫމާތު ހިއްސާކުރައްވާ ޑރ. ޝީނާ ވިދާޅުވީ އޮގަސްޓް މަހު ކޮވިޑްގެ ހާލަތު ނުރައްކާ ހާލަތަކަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން އޮގަސްޓް މަހު ދުވާލަކު 170 މީހުންނަށް ބަލި ޖެހޭނެ ކަމަށާ ލަފާ ކުރެވޭ ކަމަށާ މުޅި މަހު 2373 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އޭގެ ތެރެއިން 475 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ސެޕްޓެންބަރު މަހުވެސް ކޮވިޑްގެ ހާލަތު ރަނގަޅުވާނެ ކަމަށް ނުބެލެވެއެވެ. ޑރ. ޝީނާގެ ޕްރޮޖެކްޝަން ދައްކާގޮތުން ސެޕްޓެންބަރު މަހުވެސް ދުވާލަކު 105 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މުޅި މަހު 1464 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި 293 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

އޮކްޓޫބަރު މަހުގެ ތެރޭގައި 945 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ދުވާލަކު ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 68 މީހަކަށެވެ. އަދި 189 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޑރ. ޝީނާ ވިދާޅުވީ ކޮވިޑްގެ ހާލަތު ނޮވެންބަރު އަދި ޑިސެންބަރު މަހު ދަށައްދާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ކޮވިޑްގެ ނުރައްކާ މުޅިން ފިލައިގެން ދާނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވިއެވެ. ނޮވެންބަރު މަހުގެ ތެރޭގައި ދުވާލަކު 29 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު މުޅި މަހު ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 409 މީހެކެވެ. އަދި ޑިސެންބަރު މަހުގެ ތެރޭގައި 254 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.