އެފްއޭއެމް

އެފްއޭއެމްގެ އިމާރާތް ހުސްކޮށް މަސައްކަތް އެހެން ތަނަކަށް

ވިހި ބުރިއަށް ހަދާ އިމާރާތް އެޅުމަށް އެފްއޭއެމްގެ މިހާރު އިމާރާތް ތަޅާލަން ޖެހޭތީ، އެ އިމާރާތް ހުސް ކުރުމަށް ފަހު އެ އެސޯސިއޭޝަންގެ މަސައްކަތްތައް އެހެން އޮފީހަކަށް ބަދަލު ކޮށްފި އެވެ.

އަވަސް އޮންލައިންގެ ހެނދުނުގެ ޝޯ، "ފަށަމާ" ގެ މިއަދުގެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އެފްއޭއެމްގެ އާ އިމާރާތް އެޅުމަށް މިހާރުގެ އޮފީސް އިމާރާތް ތަޅާލަން ވާން ޖެހޭ ތައްޔާރީތައް ފުރިހަމަ ކުރުމަށްޓަކައި އެ އިމާރާތް ހުސްކޮށްފައިވާ ކަމަށެވެ. އަދި އަންނަ ހަފުތާ ތެރޭ، ކުއްޔަށް ހިފާފައިވާ އިމާރާތަށް، އެފްއޭއެމްގެ ހިންގުން ބަދަލު ކުރާނެ ކަމަށްވެސް ބައްސާމް ވިދާޅުވި އެވެ. އެފްއޭއެމުން ކުއްޔަށް ހިފާފައިވާ އޮފީސް ހުންނަނީ ޗާންދަނީ މަގު ސޮނީ ސްޕޯޓްސް ކުރިމަތީގައި ހުންނަ އިމާރާތުގަ އެވެ.

އެފްއޭއެމްގެ ބިމުގައި އިމާރާތް ކުރާ 20 ބުރީގެ އިމާރާތާއި، ކުޅިވަރު އެކުވެނީގެ ދެކުނުގައި ހަދާ އިންޑޯ ފުޓްސަލް އެރީނާގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ދެކުނު ކޮރެއާގެ ސްކައި ވިންޑް ގުލޯބަލް ކުންފުންޏާ އެވެ. މި ދެ މަޝްރޫއަށް ބޭނުންވާ ސާމާނު ކުރިއަށް އޮތް ދޮޅު މަސްތެރޭގައި ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"ހަގީގަތުގައި ކުރިން އޮތް ގޮތުންނަމަ މީގެ ތިން މަސް ކުރިން ހުރިހާ ސާމާނެއް ހުންނަން ވާނީ ޝިޕް ކުރެވިފަ، ކޮވިޑް-19 އާ ގުޅިގެން ޓްރެވަލް ރިސްޓްރިކްޝަން އާ ހެދި މަޑުޖެހިގެން މިދިޔައީ،" ބައްސާމް ވިދާޅުވި އެވެ. "މިހާރު އޯގަސްޓް މަސް ތެރޭގައި އެ ސާމާނު ޝިޕް ކުރުމުގެ މަސައްކަތް ފަށާ، އެ ބޭފުޅުންގެ [ކޮރެއާ ކުންފުނީގެ] އިންޖިނިއަރުން މާލެ އައުމަށް މިހާރު ވަނީ ތާވަލު ކުރެވިފައި، ޓާގެޓަކީ މަސައްކަތް ފަށާތާ ދެ އަހަރު ތެރޭ މަސައްކަތް ނިންމާލުން."

އެފްއޭއެމްގެ އައްޑޫގައި ބިނާ ކުރާ އޮފީސް މަސައްކަތް ގާތްގަނޑަކަށް މިހާރު ނިމިފައިވާ ކަމަށާއި ދަތުރުފަތުރު ކުރެވެން ފެށުމުން އައްޑޫއަށް ގޮސް އެ އޮފީސް ރަސްމީކޮށް ހުޅުވާނެ ކަމަށް ވިދާޅުވި އެވެ. ކަޅުތުއްކަލާ ކޮށީގެ އިރުމަތީގައި ކުޅިވަރު އެކުވެނީގައި ހަދާ އެފްއޭއެމްގެ އޮފީސް އިމާރާތުގެ މަސައްކަތާއި ވިލިމާލޭގައި ގާއިމު ކުރާ ޓާފްދަނޑާއި އެކޮމެޑޭޝަންގެ މަސައްކަތްވެސް ޑިސެމްބަރު މަސްތެރޭ ނިމޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އަތޮޅުތެރޭގައި އަޅާ ޓާފް ދަނޑުތަކުގެ މަސައްކަތް ވެސް އެފްއޭއެމުން ހަވާލުކޮށްފައިވަނީ ސްކައި ވިންޑް ގުލޯބަލް ކުންފުންޏާ އެވެ. އެފްއޭއެމުން އަމާޒު ކަނޑައަޅާ ފައި ވަނީ ދަނޑުތަކުގެ މަސައްކަތް ފަށުމަށް ކޮންމެ މަހަކުން ދަނޑެއްގެ މަސައްކަތް ނިންމާލުމެވެ.

ބައްސާމް ވިދާޅުވީ، މިދައުރުގައި އެންމެ ބޮޑު ިއސްކަމެއް ދެއްވާނެ އެއް ދާއިރާއަކީ، އެފްއޭއެމްގެ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުން ކަމަށެވެ. އަތޮޅުތެރޭގައި ހަދާ ދަނޑުތައް ނިމުމުމުން، އިންޓަނޭޝަނަލް މެޗު ކުޅެވޭ ފެންވަރުގެ އެއް ދަނޑު ރާއްޖޭގެ ކޮންމެ ޒޯނެއްގައި އޮންނާނެ ކަމަށް ވިދާޅުވި އެވެ.