ހަބަރު

ޓްރާންސްޕޯޓް އޮތޯރިޓީ ސްޓާ ބިލްޑިންގަށް ބަދަލުކޮށްފި

Aug 2, 2020
2

ކުރީގެ "ސްޓާ" ސިނަމާ ހިންގި މ. ޗަނބޭލީވިލާގައި ހެދި އާ އިމާރާތަށް ޓްރާންސްޕޯޓް އޮތޯރިޓީ ބަދަލު ކޮށްފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާނެއްގައި ވަނީ، އަންނަ އަންގާރަ ދުވަހުން ފެށިގެން އެ އޮތޯރިޓީގެ މަސައްކަތްތައް ހިނގަމުން ދާނީ ކުރީގެ ސްޓާ ސިނަމާ ހުރި ޗަނބޭލީވިލާގައި އަލަށް ހަދާފައިވާ އުސް އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ މީގެ ކުރިން ހިންގަމުން ގެންދިޔައީ ހުރަވީ ބިލްޑިންގަ އެވެ. އެކަމަކު އެ އިމާރާާތް ބާވެ، ވީރާނާވާން ފެށުމުން އެ އިމާރާތް ހުސް ކުރުމުގެ މަސައްކަތް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ފެށި އެވެ. އަދި އެ އިމާރާތުގައި ހިނގަމުން ގެންދާ ސަރުކާރުގެ ބައެއް އޮފީސްތައް ހިންގަން ބޭނުންވާ އިމާރާތް ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ އެވެ.

ހުރަވީ ބިލްޑިންގައި ހިންގާ ސަރުކާރުގެ ބައެއް އޮފީސްތަކުގެ ތެރޭގައި ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން ނޭޝަނަލް އިންޓްގްރިޓީ ކޮމިޝަނާއި އިމިގްރޭޝަންގެ ބަޔަކާއި އަދި މާލޭ ސީޓީ ކައުންސިލްގެ ބައެއް ޑިޕާޓްމަންޓްތައް ހިމެނެ އެވެ.

ތިރީސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ހުރަވީ ބިލްޑިންއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެޅި އިމާރާތެކެވެ. މީގެ ކުރިން ވެސް އެ އިމާރާތް ބާވެގެން އޮފީސްތައް ބަދަލުކުރަން މަސައްކަތް ކުރި ނަމަވެސް ބޭނުންވާ ޖާގައިގެ އިމާރާތްތައް ހަމަނުޖެހިގެން އެ މަސައްކަތް ނުކުރެވި އޮތީ އެވެ.