ފުލުސް އިދާރާގެ ބެލުމުގެ ދަށުގައި ހުރި މުދާތަކެއްގެ މައުލޫމާތު ފުލުހުން ވަކި ވަކީން އާންމުކޮށް އެތަކެތީގެ ވެރިން އެއާ ހަވާލުވާން އެދިއްޖެ އެވެ.
ފުލުހުން، އެ އިދާރާގެ ވެބްސައިޓްގައި މައުލޫމާތު އާންމު ކުރި މުދަލުގެ ތެރޭ މިދިއަ މަހުގެ 28 ގައި މަޖީދީ މަގުގައި ބަޔަކު ގެންގުޅޭތީ ތުހުމަތުވެ ސުވާލު ކުރުމުން ކާކުގެ އެއްޗެއްކަން ބުނެ ނުދެވިިގެން އަތުލައިގެން ގެންދިޔަ ވެލްޑިން ޕްލާންޓެއް ހިމެނެ އެވެ. ދެން ހިމެނެނީ ދެ ބައިސްކަލެވެ.
އޭގެ ތެރެއިން އެއް ބައިސްކަލަކީ ހުސްވި މަހުގެ 27 ވަނަ ދުވަހު މާލޭގެ ދަތުރުވެރިންގެ މާރުކޭޓް ކައިރިން މީހަކު ހިފައިގެން ދަނިކޮށް، އެ މީހާއަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލު ކުރުމުން ވެރިފަރާތް ބުނެ ނުދެވުނު ބައިސްކަލެކެވެ. ދެވަނަ ބައިސްކަލަކީ މިދިއަ އަންގާރަ ދުވަހު މާފަންނު އެލްސިޔޯން ކައިރިން މީހަކު ދަނިކޮށް، ތުހުމަތުވާތީ ހުއްޓުވައި ސުވާލު ކުރުމުން ވެރިފަރާތް ބުނެ ނުދެވުނު ބައިސްކަލެކެވެ.
ދެން ފުލުސް އިދާރާގައި އޮތީ އިންފްރާރެޑް ޓާމޯމީޓަރަކާއި ކަޓްއޯފެއްގެ އިތުރުން ޓީވީއެކެވެ. އެ ޓީވީއަކީ ޖުލައި 26 ގައި މ. ކުނޫޒް ކައިރިން ދެ މީހަކު ހިފައިގެން ދަނިކޮށް ހުއްޓުވައި ސުވާލު ކުރުމުން ވެރިފަރާތް ބުނެ ނުދެވުނު ޓީވީ އެކެވެ. ތާމޯ މީޓަރު އަތުލީ މިދިއަ ބުރާސްފަތި ދުވަހު އޯކިޑްމަގު "ސަލްސާ ރޯޔަލް" ކައިރިން ހިފެހެއްޓި ދެމީހެއްގެ އަތުންނެވެ. ކަޓްއޯފަކީ ހަމަ އެދުވަހު ބޮޑުތަކުރުފާނު "ބަނދަރުމޭނާ" ކައިރީގައި ވެރިޔަކު ނުވެފައި ހުރި ކަޓްއޯފެކެވެ. އަދި ބެޓެރި ބުރުމާ އަކާއި ނަރު ރޯލެއް ވެސް އެ އިދާރާގައި އެބައޮތެވެ.
އެ މުދާތަކުގެ ވެރިން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަނާ ގުޅައި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހާޒިރުވެ އެ މީހެއްގެ މުދާ އަވަހާ ގެންދަން ފުލުސް އިދާރާއިން އެދެ އެވެ.