ޗެލްސީ

އާ ސީޒަންގައި ޗެލްސީގެ ފެށުން ލަސްކުރަން ޖެހޭ

އާ ސީޒަންގެ ޕްރިމިއާ ލީގްގައި ޗެލްސީގެ ފެށުން ލަސް ކުރަން ޖެހޭ ކަމަށް، އެ ޓީމުގެ ކޯޗް ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

އާ ސީޒަންގެ ޕްރިމިއާ ލީގް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ. ލަމްޕާޑް ބުނީ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގް ގައި ބަޔާން މިޔުނިކާ ދެކޮޅަށް ކުޅެން ޖެހޭ މެޗު އޮތުމުން، އަންނަ މަހު 12 ގައި ލީގް ފަށަން އޭނާގެ ކުޅުންތެރިން ރިކަވާވާން އެންމެ އެކަށީގެންވާ ވަގުތު ނުލިބޭނެ ކަމަށެވެ.

ބަޔާން އާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު މިޔުނިކްގަ އެވެ. ލަންޑަންގައި 3-0 ން ޗެލްސީ ވަނީ ބަލިވެފަ އެވެ. އެ ނަތީޖާ ބަދަލު ކުރަން ޗެލްސީ ކޮޅަށް ލަނޑެއް ވަނަ ނުދީ ހަތަރު ލަނޑު ޖަހަން ޖެހޭނެ އެވެ. އެކަން ނުކުރެވިއްޖެނަމަ އެ ޓީމަށް ޗެމްޕިއަންސް ލީގް ނިމުނީ އެވެ. އެހާހިސާބުން ފެށިގެން ޕްރިމިއާ ލީގް ފެށުމާ ހަމައަށް ޗެލްސީއަށް 35 ދުވަހުގެ ބްރޭކެއް ލިބޭނެ އެވެ.

ލަމްޕާޑް ބުނީ، ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލަށް ޗެލްސީއަށް ނުދެވުނަސް، އަންނަ މަހު 12 ގައި ޕްރިމިއާ ލީގް ފެށުން އޭނާ އާއި އޭނާގެ ކުޅުންތެރިންނަށް މާ އަވަސް ކަމަށެވެ.

"ކުޅުންތެރިންނަށް އަރާމު ކުރަން ވަގުތު ބޭނުންވޭ،" ލަމްޕާޑް ބުންޏެވެ. "އަރާމު ކުރަން ވަގުތު ނުލިބެންޔާ އަހަރެމެންގެ ދެ ކުޅުންތެރިންނަށް [ސެޒާ އަޒްޕްލިކްއޭޓާ އަދި ކްރިސްޓިއަން ޕްލުސިކް] މިދިމާވި ކަހަލަ ފަލަމަސްގަނޑަށް އަނިޔާ ވުމުގެ މައްސަލަ ދިމާވާނެ، އަހަރެން އެދެން ޕްރިމިއާ ލީގުން ސީރިއަސް ކަމާއެކު މިކަމާ ވިސްނަން، އަހަރެމެންނަށް އެންމެ ރަނގަޅު ސީޒަނެއް ލިބޭނެ ގޮތަށް ހަމަޖައްސަން."

ލަމްޕާޑް އެކަމަށް އިޝާރާތް ކުރިނަމަވެސް، ޕްރިމިއާ ލީގުގެ ކުރލަބުތަކުގެ މަޝްވަރާގެ މަތިން ލީގުން ވަނީ ތާރީހް ކަނަޑައަޅާފަ އެވެ. މިމަހުގެ 26 ގައި އަންނަ ސީޒަންގެ ޕްރިމިއާ ލީގްގެ މެޗު ޝެޑިއުލް ހާމަ ކުރާނެ އެވެ.