އެފްއޭއެމް

އަތޮޅުތަކުގެ ޓީމުތައް މާޔޫސްކޮށް ނުލާނަން: އެފްއޭއެމް

ފުޓްބޯޅައިގެ ވަސީލަތްތައް ގާއިމުކޮށް ދިނުމަށާއި މުޅި ރާއްޖެއަށް ދިވެހި ޕްރިމިއާ ލީގް ފުޅާވެގެންދާއިރު އަތޮޅުތަކުގެ ޓީމުތައް މާޔޫސް ވާން ނުޖެހޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އަވަސް އޮންލައިންގެ މޯނިންގ ޝޯ، "ފަށަމާ" ގެ އިއްޔޔ ގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ފުޓްބޯޅައިގެ ޑިވްލަޕްމެންޓަށް ކުރާ މަސައްކަތުގެ ބޮޑުބައެއް ހޭދަ ކުރެވިގެންދާނީ އަތޮޅުތެރެއަށް ކަމަށެވެ. އެގޮތުން އެފްއޭއެމްގެ އެހީތެރި ކަމާއެކު ފުޓްބޯޅަ ޑިވްލަޕްމެންޓް ސެންޓަރުތަކެއް އަތޮޅުތެރޭގެ ހަތް ޒޯނެއްގައި ގާއިމު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އޭގެ ތެރެއިން ބައެއް ރަށްރަށުގައި އެކެޑެމީތައް ފެށިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ފުޓްބޯޅައިގެ ފުރުސަތުތަކުގައި މާލެ އާއި އަތޮޅުތެރޭގެ ތަފާތު ނައްތާލުމަކީ އެފްއޭއެމުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެވެ. ބައްސާމް ވިދާޅުވީ އަތޮޅުތަކުގެ ޓީމުތަކަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަން ކުލަބުތަކާ ވާދަ ކުރުމުގެ ފުރުސަތު ދިނުމަށްޓަކައި މިދިޔަ ހަތަރު އަހަރަކީ ޓެސްޓިން މަރުހަލާއެއް ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ހަމަ އެކަމަށް،" އަތޮޅުތަކާއި މާލެ އާ ދެމެދު އޮންނަ ފަރަގު ނައްތާލެވޭނެ ކަމުގެ ޔަގީން ކަން އެބައޮތްތޯ، ޝޯގެ ޕްރެޒެންޓާ އަހްމަދު ހަމީދު އާދަމް ސުވާލު ކުރުމުން، ބައްސާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެގޮތަށް ބޭނުންވެގެން އަތޮޅު މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ފެށީ، ދަތުރު ފަތުރު ކުރުމާއި ރަށްތައް ވަކިވަކިން އޮތުން މިއީ އަޅުގަނޑުމެންނަށް އޮތް ވަރަށް ބޮޑު ޗެލެންޖެއް، އެހެންނަމަވެސް އެ ގޮންޖެހުންތަކާއެކުވެސް އަޅުގަނޑުމެން ބޭނުންވޭ އެ ފަރަގު ނައްތާލާ ހަމަހަމަ ފުރުސަތުތައް ދެވިގެންދާނެ ގޮތަކަށް ރޭވިގެންދާން."

ބައްސާމް ވިދާޅުވީ މި އަހަރު ބާއްވަން މަސައްކަތް ކުރި ޖަޒީރާ ޗެމްޕިއަންޝިޕް ކޮވިޑް-19 އާ ގުޅިގެން ބޭއްވޭ ގޮތް ނުވުމުން، އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުން އަތޮޅުތެރެއިން ފުރުސަތު ދޭނެ ޓީމެއް ކަނޑައެޅިފައި ނުވާ ކަމަށެވެ.

އަތޮޅުތެރެއިން ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ދެމުން ގޮސްފައި ވަނީ މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރު ކުރާ ހަތަރު ޓީމަށެވެ.

"އަޅުގަނޑުމެން ވިސްނީ، ހުރިހާ އެންމެންނަށް ހަމަހަމަ ފުރުސަތެއް އޮންނަންވާނޭ، ހޭންޑް ޕިކް ކޮށްފައި އަޅުގަނޑުމެންނަކަށް ނުބުނެވޭނެ މިރަށް ކުޅެން ޖެހޭނެއެކޭ ނުވަތަ މިވެނި ރަށެއް ކުޅެން ޖެހޭނެއެކޭ،" ބައްސާމް ވިދާޅުވި އެވެ.

"އެހެންވެ ފެއާކޮށް މިކަން ގެންދިއުމަށްޓަކައި އަޅުގަނޑުމެން ހިތައް އެރީ 2023-2024 ގައި މުޅި ރާއްޖޭގައި ކުޅެވިގެންދާއިރު މިސީޒަނުން ފެށިގެން އެކަން މަޑުޖައްސާލަން."

އޭނާ ވިދާޅުވީ، މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގްގައި ށ. ފޯކައިދު އާއި ފ. ނިލަންދޫ ކޮލިފައިވުމުން ޖަޒީރާ ޗެމްޕިއަންޝިޕް ނުބޭއްވުނޭ ބުނެ ހަމައެކަނި އެ ދެ ޓީމަށް ފުރުސަތު ދެވެން ނޯންނާނެ ކަމަށެވެ. ވިދާޅުވީ އަތޮލޫތަކުގެ ޓީމަކަށް ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނެތުމަކީ އޭނާވެސް އެންމެ ބޭނުންވާ ގޮތް ނޫން ކަމަށެވެ. އެހެންނަމަވެސް ޖަޒީރާ ޗެމްޕިއަންޝިޕް ނުބާއްވައި ހަމައެކަނި އެ ދެރަށަށް ނިސްބަތްވާ ޓީމަށް ފުރުސަތު ދިނުމަކީ އެހެން ރަށްރަށަށް އެންމެ އިންސާފުވެރި ގޮތް ކަމަށް ނުވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުޓްބޯޅައިގެ ހުނަރު އޮތީ އަތޮޅުތެރޭގައި ކަމަށާއި މާލެ އާއި އެންފެންވަރަށް އަތޮޅުތެރޭގައި ދިވެހި ޕްރިމިއާ ލީގް މެޗުތައް ކުޅެވިގެންދާން އެފްއޭއެމުން ބޭނުންވާ ކަމަށެވެ.

"އިންފްރާސްޓަރަކްޗާގެ ގޮތުންވެސް ތަންތަނުގައި ވަސީލަތްތައް ގާއިމު ކުރުމާއި އަށް ޒޯނެއްގައި އަދި ބައެއް ރަށްރަށުގައި އެކެޑެމީތައްވެސް އެބަހިންގަން، އަތޮޅުތެރޭގައި ކޯޗިން ކޯސްތަކާއި ރެފްރީ ކޯސްތައްވެސް ހިންގިފަ ހުރީ،" ބައްސާމް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ނިމިދިޔަ ހަތަރު އަހަރަކީ ރާއްޖޭގެ މިއިން ދުވަހަކު ނުއުފައްދާ ވަރަށް ކޯޗުން ތަމްރީން ކުރެވިގެން ދިޔަ އަހަރުތަކެއް، އެކެޑެމީތަކެއް ގާއިމު ކުރެވިގެން ހިނގައްޖެ، މިހުރިހާ ކަމެއްވެސް އަޅުގަނޑުމެން އެންމެ ބޮޑަށް ކޮށްފައި މިހުރީ އަތޮޅުތެރޭގައި، އަޅުގަނޑުމެންގެ ބޮޑު ފޯކަސްއެއް މިދަނީ އަތޮޅުތެރޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށްޓަކައި."

ދިވެހި ޕްރިމިއާ ލީގްގެ 2023-2024 ސީޒަން މުޅި ރާއްޖޭގައި ކުޅެވިގެނދާއިރު ޓީމުތައް ދަތުރުފަތުރު ކުރުމަށް ބޭނުންވާ ފަންޑު ހަމަޖައްސައި ދޭނީ އެފްއޭއެމުން ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމުން އަޅާ ދަނޑުތައް ނިމުމުން، އަތޮޅުތެރޭގެ ކޮންމެ ޒޯން އެއްގައި އިންޓަނޭޝަނަލް މެޗުތައް ކުޅޭވޭ ފެންވަރުގެ އެއް ދަނޑު އޮންނާނެ ކަން ފާހަގަ ކުރެއްވި އެވެ. އެފްއޭއެމުން އައްޑޫގައި ގާއިމު ކުރާ ސަރައްދީ އޮފީސް، އިމާރާތް ކުރުމުގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ދަތުރު ފަތރު ކުރެވޭނެ ފުރުސަތު ލިބުމުން އައްޑޫއަށް ގޮސް އެ އޮފީސް ރަސްމީކޮށް ހުޅުވައި މަސައްކަތްތައް ފަށާނެ ކަމަށް ވިދާޅުވި އެވެ.