ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޓްރާންސިޓް ހޮޓާތަކަށް ބޭނުންކުރުމަށް 10 ތަނަކަށް ހުއްދަ ދީފި

ޓްރާންސިޓް މޫވްމަންޓްތަކަށް ބޭނުން ކުރަން 10 ތަނަކަށް ހުއްދަ ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ބޯޑަރު ހުޅުވާލުމާގުޅޭ މަސައްކަތްތަކުގެ ތެރެއިން މިހާރު ނެރެފައިވާ "ގައިޑްލައިން ފޯ ރީ-ސްޓާޓިން ޓޫރިޒަމް އިން މޯލްޑިވްސް" ގެ ސެކްޝަން ޑީ2 ގައި ބަޔާންކޮށްފައިވާ ގޮތަށް މީހުން ދިރިއުޅެ ރަށްރަށުގައި ހިންގާ ހޮޓާ/ ގެސްޓު ހައުސް ފަދަ ތަންތަން ޓްރާންސިޓް މޫވްމެންޓުގެ ގޮތުގައި ބޭނުންކުރުމަށް މިހާރު 10 ތަނަކަށް ހުއްދަ ދީފައިވާ ކަމަށެވެ.

އެގޮތުން މާލެއިން ހުއްދަ ދީފައިވަނީ އުނިމާ ގްރޭންޑް ހޮޓެލް، މާގިރި ހޮޓެލް، އެޗް ސެވެންޓީ އެއިޓް، ކްރިސްޓަލް ބީޗް އިން، އަދި ބީހައިވް ހޮޓެލް އަށެވެ. ހުޅުމާލެއިން ހުއްދަ ދީފައިވަނީ ސީޒަން ހޮލިޑޭސް އަދި ނޫމޫ އަށެވެ. މީގެ އިތުރަށް ހުޅުލޭ އައިލެންޑު ހޮޓެލް އަދި ގއ. އަތޮޅުގައި ހިންގާ މާކުއާ މޯލްޑިވްސް ކޫއްޑޫއަށް ހުއްދަ ދީފައިވެ އެވެ.

ހުއްދަ ދޫކޮށްފައިވާ ހޮޓާތައް ހުޅުވުމުގެ ކުރިންނާއި ހުޅުވުމަށް ފަހު ގެސްޓްހައުސް އޮޕަރޭޓް ކުރުމަށް، ގައިޑްލައިންގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަ ކުރަންވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ ފުރުސަތު ސަފާރީތަކަށް ވެސް ހުޅުވާލާފައިވާއިރު، އެ ހުއްދަ މިހާތަނަށް 22 ސަފާރީއަކަށް ވަނީ ދީފައެވެ.

ރާއްޖޭގެ ބޯޑަރު މިދިޔަ މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލި ނަމަވެސް ޓޫރިސްޓުން އަންނަން ފަށާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފިނި މޫސުމާ ދިމާކޮށް ނޮވެމްބަރު ޑިސެމްބަރުގަ އެވެ.