ހަބަރު

މާފަރުން ބިދޭސީން ބާލަން އެދި ސީޕީ އާއި އިމްރާނަށް ސިޓީއެއް

ބިދޭސީންތަކެއްގެ ސަބަބުން ނ. މާފަރު ރައްޔިތުންގެ އާންމު ދިރިއުޅުމަށް އުދަނގޫވެ، އެ ކަންބޮޑުވުން އޮތުމުން އެ މީހުން ބޭރުކޮށްދޭން އެދިއްޖެ އެވެ.

މާފަރު ކައުންސިލުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ވަކި ވަކިން ފޮނުވި އެއް އިބާރާތުގެ ދެ ސިޓީގައި ބުނެފައި ވަނީ އެ ރަށުގައި ގަވާއިދާ ހިލާފަށް ބިދޭސީންތަކެއް އުޅެމުންދާ ކަމަށާއި އެމީހުންގެ ސަބަބުން ރަށުގެ އިޖުތިމާއީ ފޭރާން ވީދި، ރައްޔިތުންގެ އާންމު ދިރިއުޅުމަށް އުދަނގޫ ވެފައިވާ ކަމަށެވެ.

މާފަރަކީ 1200 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ ރަށެކެވެ. އެރަށުގައި އެހެން ގައުމުތަކުގެ ރައްޔިތުން ވެސް ދިރިއުޅެ އެވެ.

މާފަރު ވެރިންގެ ފޮނުވި ސިޓީގައިވާ ގޮތުގައި ރަށު ކައުންސިލްގެ އިދާރާއިން ބެލިބެލުމުން އެރަށުގައި ގަވާއިދާ ހިލާފަށް ބަންގުލަދޭޝްގެ 21 މީހަކު އުޅެ އެވެ. އަދި އެ މީހުންގެ ތެރެއިން އެއްބަޔަކު ގަވާއިދާ ހިލާފަށް ރަށުގައި ގިނަ ކަންތައް ތަކެއް ކުރަމުން ގެންދެ އެވެ.

އަދި ބުނެފައި ވަނީ ބިދޭސީންގެ މައްސަލަ ބޮޑުވެ އެ ރަށުގެ ރައްޔިތުންގެ ޝަކުވާތައް އިތުރުވެފައިވާ ކަމަށާއި މައިގަނޑު މައްސަލައަކީ އެ މީިހުން މާފަރުން ފިހާރަ ކުއްޔަށް ނަގައި އާންމު ވިޔަފާރި އާއި މަސްތުވާތަކެތީގެ ވިޔަވާފރި ކުރާއިރު ކަޅު ބާޒާރެއް އުފައްދައިގެން ޑޮލަރު ވެސް ގަނެ ވިއްކުން ކަމަށެވެ.

"... މި މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ބައެއް. ރަށުގެ ޒުވާން ޖީލު އެ ވަބާގައި ޖައްސާ ރަށުގެ އިޖުތިމާއީ ފޭރާން ވީދި، ރަށުގެ މުޖުތަމައު ތެރޭގައި މަސްލަހަތު މިވަނީ ގެއްލިފައި." އެ ސިޓިގައި ބުނެފައިވެ އެވެ.

އެކަން ހައްލު ކުރުމަށް މީގެ ކުރިން ކައުންސިލާއި ފުލުހުންނާއި ގުޅިގެން މަސައްކަތްތަކެއް ކުރި ނަމަވެސް މިއަދާ ހަމައަށް ވެސް ހައްލެއް ލިބިފައި ނުވާ ކަމަށާއި ބިދޭސީންގެ މައްސަލަ ބަލައި ގާނޫނީ ގޮތުން ފިޔަވަޅު އަޅައި ވީއެންމެ އަވަަހަކަށް އެ ރަށުން ބޭރު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް އެދިފައި ވެއެވެ.

ފަހަކަށް އައިސް ބިދޭސީންގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ރާއްޖޭގެ ސަލާމަތައް ނުރައްކާވާ ހިސާބަށް އެމީހުންގެ ކަންކަން ގޮސްފައިވާ ކަމަށް ކަމާގުޅޭ އިދާރާތަކުން ވެސް ބުނެފައި ވެއެވެ.

ބޭނުން ކުރެވުނީ ރަނގަޅު ފޮޓޯއެއް ނޫން

މި ހަބަރު ފުރަތަމަ ޝާއިއު ކުރި އިރު ބޭނުން ކުރެވުނު ފޮޓޯއަކީ ނ. މާފަރުގެ ފޮޓޯއެއް ނޫނެވެ. އެ ފޮޓޯ ބޭނުން ކުރެވުނީ އެރި އޮޅުމަކުންނެވެ. އެއީ މާފަރުގެ ފޮޓޯއެއް ނޫން ކަމަށް ބުނެ ވަރަށް ގިނަ ކިޔުންތެރިން އެކަން އަވަސްގެ ސަމާލު ކަމަށް ގެނައި ހިސާބުން ފޮޓޯ ވާނީ ބަދަލު ކޮށްފަ އެވެ. ވީމާ އަޅުގަނޑުމެނަށް އެރި އޮޅުމަށް ކިޔުންތެރިންގެ ފަރާތުން މާފަށް އެދެމެވެ.