ވިޔަފާރި

މާސްކް ކުންފުނީގެ ކޮންޓެއިނާތައް އެމްއެސްއެސް އިން އުފުލަން ފަށައިފި

Aug 3, 2020
3

ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނާ ކުންފުނި ކަމަށްވާ މާސްކްގެ ކޮންޓެއިނާތައް، ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) އިން އުފުލަން ފަށައިފި އެވެ.

މި އަހަރުގެ އެޕްރީލް މަހު އެސްޓީއޯ އާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ ހިއްސާ ވެގެން ވުޖޫދަށް އައި ކުންފުނިން ފުރަތަމަ ފަހަރަށް ވަނީ މާސްކްގެ ޝިޕިންގެ ކޮންޓެއިނާތައް މިއަދުން ފެށިގެން ބަރު ކުރަން ފަށާފަ އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި މިއީ އެ ކުންފުނި އުފެއްދުނު ފަހުން ދުނިޔޭގެ ބޮޑު ޝިޕިން ކުންފުންޏެއްގެ ކޮންޓެއިނާތަކެއް އުފުލަން ފަށާ ފުރަތަމަ ފަހަރެވެ.

ސްރީލަންކާ ބަނދަރުގައި މިހާރު އޮތް އެސްޓީއޯގެ ބޯޓަށް މާސްކްގެ ކޮންޓެއިނާތައް ބަރުކޮށްގެން ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ އެސްޓީއޯގެ މީޑިއޯ ކޯޑިނޭޓަރު އަބްދުﷲ މުހައްމަދު ވެސް ވަނީ މާސްކް ކުންފުނީގެ ކޮންޓެއިނާތައް މޯލްޑިވްސް ސްޓޭޓް ޝިިޕިން އަށް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

މޯލްޑިވްސް ސްޓޭޓް ޝިިޕިން އުފައްދާފައިވަނީ އެސްޓީއޯގެ 99 ޕަސެންޓް ހިއްސާ އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްސެސްއެެމް) ގެ އެއް ޕަސެންޓް ހިއްސާއާއެކުގަ އެވެ. އެ ކުންފުނިން މިހާރު ޝިޕިން ވިޔަފާރި ކުރަނީ ޗާޓަރުކޮށްގެން ގެނެސްފައިވާ ބޯޓަކާއެކު އެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ކޮންޓެއިނާ ގެންނަން އެ ކުންފުންޏަށް ޑައިރެކްޓްކޮށް ކޮންޓެކްޓް ކުރުމުން ބޭރުގެ އެހެން އެޖެންޓުން ނަގާ ފީތައް ނުހިމަނައި ކޮންޓެއިނާ ގެނެސް ދެވޭނެ އެވެ،.