މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މިއަދު ހުޅުވައި ހިދުމަތް ދޭއިރު، ގިނަ ޓެކްސްތަކެއްގެ ސުންގަޑި މިއަދުގެ ނިޔަލަށް ހަމަވާނެ އެވެ.
މީރާ އިން ބުނީ ސަރުކާރު ބަންދުވީ ނަމަވެސް މިއަދު މީރާގެ ކައުންޓަރު ތަކުން ހިދުމަތް ދޭނެ ކަމަށާއި ހިދުމަތް ދޭއިރު ގިނަ ޓެކްސްތަކެއްގެ ސުންގަޑި ވެސް މިއަދު ހަމަވާނެ ކަމަށެވެ. މިއަދު މެންދުރު 1:00 ޖެހުމާ ހަމަ އަށް މީރާއިން ޓޯކަން ދޫކުރާނެ އެވެ.
ސުންގަޑި ހަމަވާ ޓެކްސްތަކުގެ ތެރޭގައި 2020 ގެ ޖޫން މަސް އަދި ދެވަނަ ކްއާޓަރުގެ ޖީއެސްޓީ ދެއްކުމާއި ބަޔާން ހުށަހެޅުން ހިމެނެ އެވެ. މީގެ އިތުރުން 2019 ވަނަ އަހަރުގެ ބޭންކް ޕްރޮފިޓް ޓެކްސް އާއި ޖޫން 2020 ގެ ގްރީން ޓެކްސް އަދި ބަޔާން ހުށަހެޅުން ވެސް ހިމެނޭ ކަމަށެވެ.
ޓެކްސް ދެއްކުމުގެ ސުންގަޑިއެއް ހަމަވާއިރު، ކޮވިޑް-19 އިގެ ސަބަބުން ސަރުކާރު ބަންދުކޮށް ލޮންޑައުން ކޮށްފައި އޮތުމުން ޓެކްސްގެ ގިނަ ސުންގަޑިތަކެއް މީރާ އިން ލަސް ކޮށްދިނެވެ.
މީރާގެއިން ވަނީ އެ އޮތޯރިޓީގެ އޮފީހަށް ގޮސް ޓެކްސް ދެއްކުމުގެ އިތުރުން އޮންލައިންކޮށް ޓެކްސް ދެއްކުމުގެ އިންތިޒާމު ވެސް ހަމަޖައްސާފައިވެ އެވެ. މީރާ އިން ބުނި ގޮތުގައި ފައިސާ ބަލައިގަތުމުގެ ހިދުމަތް ދެމުން ގެންދާނީ އޮންލައިން ޕޯޓަލް "ވާރު ޕޭ" އިން ކަމަށެވެ."ވާރު ޕޭ" ހިދުމަތް މެދުވެރިކޮށް މީގެ ކުރިން ވެސް ކުންފުނިތަކުގެ އަހަރީ ފީ އާއި، އެއްގަމު އުޅަނދު ފީ އަދި ކަނޑު އުޅަންދުގެ އަހަރީ ފީގެ ޓްރެފިކާ ގުޅޭ ގޮތުން ކުރާ ޖޫރިމަނާ އާއި މުދަލު ޒަކާތާއި މިނޫން ވެސް ބައެއް ފައިސާ ބަލައި ގަންނަމުން ދިޔަ އެވެ. ނަމަވެސް މީރާ އިން ވަނީ ވާރުޕޭ ގެ ހިދުމަތް އިތުރަށް ފުޅާކޮށްފަ އެވެ. މި ބަދަލާއެކު ހުރިހާ ފައިސާއެއް މީރާގެ އޮފީހަށް ނުގޮސް ބަލައިގަތުމުގެ ފުރުސަތު ލިބޭނެ އެވެ.
ކޮވިޑް-19 ގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. މީރާއިން ބުނެފައިވާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ދައުލަތުގެ އާމްދަނީ 11.5 ޕަސެންޓް ވަނީ ހީނަރުވެފަ އެވެ.