ޓޫރިޒަމް ބިމު ކުލި ނުދެއްކުމުން ސަރުކާރަށް ދައްކަން ޖެހޭ ޖޫރިމަނާ ކުޑަކޮށް ދީފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިގޮތަށް ނިންމާފައި ވަނީ ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިން ބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދަށް ގެނައި އިސްލާހަކުންނެވެ.
އެ ގަވާއިދުގައި ކުރިން އޮންނަ ގޮތުން ޓޫރިސްޓް ރިސޯޓުތަކާއި ހޮޓާ އަދި ގެސްޓްހައުސްތަކުން ސަރުކާރަށް ކުލި ދަށްކަން ޖެހޭ ތާރީހަށް ކުލި ނުދައްކައިފިނަމަ ނުދައްކައި އޮތް ކުލި ސަރުކާރަށް ދެއްކުމާއި ހަމަޔަށް ހިނގާ ކޮންމެ ދުވަހަކަށް ނުދައްކާ އޮތް ކުލީގެ 0.5 ޕަސެންޓް ޖޫރިމަނާއެއް ދައްކަން ޖެހެ އެވެ.
ނަމަވެސް އިސްލާހު ގެނައުމާއެކު، ސަރުކާރަށް ކުލި ދައްކަންޖެހޭ ތާރީހަށް ކުލި ނުދައްކައިފިނަމަ ނުދައްކައި އޮތް ކުލި ސަރުކާރަށް ދެއްކުމާއި ހަމަޔަށް ހިނގާ ކޮންމެ ދުވަހަކަށް ޖޫރިމަނާގޮތުގައި ދައްކަން ޖެހޭނީ ކުލީގެ 0.0493 ޕަސެންޓެވެ.
ސަރުކާރުން ދަނީ ޓޫރިޒަމް ވިޔަފާރި ތަކަށް ލުއިތައް ދެމުންނެވެ. ޓޫރިޒަމް ބިމު ކުއްޔާއި އެހެނިހެން ފީތައް ވަނީ އަހަރުގެ ޖޫން މަހުގެ އެއްވަނަ ވަނަ ދުވަހުގެ ނިޔަލަށް ފަސް ކޮށްދިފަ އެވެ. އަދި ޓޫރިޒަމަށް ދޫކުރާ ބިންތަކުގެ ކުލި ވެސް ވަނީ ކުޑަކޮށް ދީފަ އެވެ.