ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބޭހަށް އިންޑިއާއަށް ދާން އިތުރު 150 މީހުނަށް ހުއްދަ ދީފި

ރާއްޖެއިން ސިއްހީ އަވަސް ފަރުވާ ބޭނުންވާ އިތުރު 150 މީހަކަށް ބޭސް ފަރުވާއަށް ދާން އިންޑިއާއިން ހުއްދަ ދީފި އެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ އަލަށް ހުއްދަ ދީފައި ވަނީ ރާއްޖެއިން ދެވެން ނެތް ފަރުވާތަކުގެ ތެރެއިން މިވަގުތު އެންމެ އަވަސް ފަރުވާ ލިބެން ޖެހޭ މީހުނަށް ކަމަށެވެ.

ރާއްޖޭގައި ކެންސަރު ބައްޔާއި އެނޫނަސް ބޮޑެތި ބަލިތަކަށް ބޭސް ކުރަމުންދާ ގިނަ ބަޔަކު، ކޮވިޑް ލޮކްޑައުންއާ ގުޅިގެން ބޭހަށް އިންޑިއާއަށް ނުދެވިފައި ވެއެވެ. ލޮކްޑައުން ލުއީގައި އިންޑިއާއިން މިހާތަނަށް ވަނީ 60 ދިވެއްސަކަށް އެ ގައުމަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ހޯދައިދީފަ އެވެ.

އަލަށް ހުއްދަ ދިން ފަރާތްތަކުން ވަރަށް އަވަހަށް އިންޑިއާއަށް ފުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިންޑިއާ ދާން ދިވެހިންނަށް ހާއްސަ ހުއްދައެއް ދިން ނަމަވެސް އެ ގައުމަށް ދެވޭނީ ކޮވިޑްް-19 އަށް ޓެސްޓު ކުރުމަށް ފަހު ބައްޔަށް ނެގެޓިވްވާ މީހުނަށެވެ. އަދި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް އެ ގައުމަށް ދިޔުމަށް ފަހު ފުރިހަމަ ކުރަންޖެހެ އެވެ.