މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ސިޔާމް ރިޒޯޓް ޕްރައިވެޓް ލިމިޓެޑަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ ލޯނާ ގުޅޭ ގޮތުން މެންބަރު މީކާއީލް އަހުމަދު ނަސީމް، ފިނޭންސް މިނިސްޓަރާ ކުރައްވާ ސުވާލުތަކުގެ ނޯޓިސް މިއަދު ފޮނުވައިފި އެވެ.
ސަން ސިޔާމް ރިޒޯޓް ޕްރައިވެޓް ލިމިޓެޑްއަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި 127 މިލިއަން ޑޮލަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން ދޫކުރި ލޯނެކެވެ. އެ ލޯން ޑިފޯލްޓްވެ 10 މިލިއަން ޑޮލަރު ދައްކަން ދިވެހި ސަރުކާރަށް އެ ބެންކުން ވަނީ އަންގާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ 2017 ވަނަ އަހަރު ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން ސަން ސިޔާމް ރިޒޯޓް ޕްރައިވެޓް ލިމިޓެޑްއަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން ޑޮލަރުގެ ލޯނާ ގުޅޭ ގޮތުން، މެންބަރު މީކާއީލް ފިނޭންސް މިނިސްޓަރު އަމީރާ ކުރައްވާ ސުވާލުތަކުގެ ނޯޓިސް މިއަދު ފޮނުއްވާފައިވާނެ ކަމަށެވެ.
މީކާއީލް އެދިވަޑައިގެންފައި ވަނީ ލިޔުމުން އެ ޖަވާބު ދެއްވުމަށެވެ. އެހެން ކަމުން މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި މިނިސްޓަރު އަމީރު އެ ސުވާލުތަކަށް ލިޔުން މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ އެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި މި ލޯނަކީ ދިވެހި ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން ބޭރު ގައުމެއްގެ ބެންކަކުން ދޫކުރި އެންމެ ބޮޑު ލޯނެވެ. މި މައްސަލައާއި ގުޅިގެން ސަރުކާރުން ދަނީ ސިޔާމާ މަޝްވަރާ ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި ލޯންގެ ފައިސާ އަނބުރާ ދެއްކުމަށް ސަރުކާރުން ވަނީ ސިޔާމަށް އަންގާފައެވެ. އެކަން މިނިސްޓްރީގެ އޮފިޝަލަކު ޔަގީންކޮށް ދިނެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދިނެވެ.
މިކަމާއި ގުޅޭގޮތުން ސިޔާމް ވެސް މިހާތަނަށް ވާހަކަފުޅު ދައްކާފައެއް ނުވެއެވެ. އަދި އޭނާގެ ކުންފުނިން ވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މީޑިއާއާ ވަރަށް ބީރައްޓެހި ސިޔާމް މިފަހުން ސިޔާސީ އެއްވެސް ކަމަކުން ފެނި ވަޑައިގެންފައެއް ނުވެއެވެ. އޭނާއަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެންމެ އަރިސް އެއް ބޭފުޅާ އެވެ. ނަމަވެސް 2018 އިގެ އިންތިހާބުގައި ސިޔާމް އާއި އޭނާގެ އެމްޑީއޭއިން އެއްވެސް ކެންޑިޑޭޓަކަށް ރަސްމީކޮށް ތާއީދު ކޮށްފައެއް ނުވެ އެވެ.