ހަބަރު

ސިޔާމްގެ ކުންފުނިން ލޯނު ދައްކައިފި

Aug 6, 2020
2

ކުރީގެ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން، މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުންޏަކަށް އެގްޒިމް ބޭންކުން ދޫކޮށްފައިވާ ލޯނަށް މިހާތަނަށް ދައްކަންޖެހޭ ފައިސާ، އެ ކުންފުނީގެ ފަރާތުން ހަމަޖައްސާފައިވާކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަން ސިޔާމް ރިޒޯޓް ޕްރައިވެޓް ލިމިޓެޑްއަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި 127 މިލިއަން ޑޮލަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން ދޫކުރި ލޯނެކެވެ. އެ ލޯން ޑިފޯލްޓްވެ 10 މިލިއަން ޑޮލަރު ދައްކަން ދިވެހި ސަރުކާރަށް އެ ބެންކުން ވަނީ އަންގާފަ އެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަހުމަދު ސިޔާމް ހޯލްޑިންގްސް (އޭއެޗްއެސް) ލޯނުގެ ދަށުން، ޗައިނީޒް އެގްޒިމް ބޭންކަށް ދަރަނި އަދާކުރުމުގައި، މިއަހަރުގެ ޖެނުއަރީ ގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ އެ ކުންފުނިން ދައްކާފައިވާކަން ސޮވްރިން ގެރެންޓީގެ
އުސޫލުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުގައި އަންގާފައިވާ ކަމަށެވެ.

ނަމަވެސް، މިދިއަ މަހުގެ 21 ވަނަ ދުވަހު ގެ ކުރިން، އޭއެސްއެޗް އިން އެގްޒިމް ބޭންކަށް ދައްކަންޖެހޭ ލޯނުގެ ޕްރިންސިޕަލް، އިންޓަރެސްޓް އަދި އެހެނިހެން ފީ އަށް ވާ އަދަދު ދައްކާ ފައި ނުވާތީ، ސޮވްރިން ގެރެންޓީ ދޫކުރި ފަރާތުގެ ހައިސިއްޔަތުން، މިފައިސާ ދެއްކުމަށް
ސަރުކާރަށް އަންގާފައިވާކަމަށް އެ ބަޔާނުގައި ބުންޏެވެ.

"ހަވާލާ ދީފައިވާ އެންގުމާ އެއްގޮތަށް ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ ފައިސާގެ އިންތިޒާމް އޭއެސްއެޗްއިން ހަމަޖައްސައި، އެފައިސާ އެސްކްރޯ އެކައުންޓަށް އެފަރާތުން ޖަމާކުރުމުން، އެސްކްރޯ އޭޖެންޓް މެދުވެރިކޮށް އެފައިސާ ވަނީ 6 އޮގަސްޓް 2020 [މިއަދު] ގައި ޗައިނީޒް އެގްޒިމް ބޭންކަށް ދައްކާފަ އެވެ،" ފިނޭންސުން ބުންޏެވެ.

އެ ބަޔާނުގައި ބުނީ ސިޔާމް ކުންފުންޏަށް ކުރީގެ ސަރުކާރުން ސޮވެރިން ގެރެންޓީ ދޫކޮށްފައިވަނީ އެކަމަށް ހެދުނު އުސޫލުގެ ދަށުން ކަމަށާއި، އިތުރު އެއްވެސް އަމިއްލަ ފަރާތަކަށް ސޮވެރިން ގެރެންޓީއެއް ދޫކޮށްފައިނުވާ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ މި ސަރުކާރުން ސޮވްރިން ގެރަންޓީ ދޫކުރާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކުން ނަގާ ލޯނުތަކުގެ ތެރެއިން ކޮންމެހެން ސޮވްރިން ގެރަންޓީ ބޭނުންވާ ލޯނުތަކަށް އެކަނި ކަމަށާއި،
އިސްކަންދެނީ ދިވެހި ދައުލަތް ސޮވްރިން ޑިފޯލްޓްއަކަށް ނުދާނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަށް ކަމަށެވެ.

އެ ލޯނަށް މިހާތަނަށް ދައްކަންޖެހޭ ފައިސާ ދައްކާފައިމިވަނީ، އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނޯޓިސް ފޮނުވާފައިވަނިކޮށެވެ.

ސިޔާމަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެންމެ އަރިސް އެއް ބޭފުޅާ އެވެ. ނަމަވެސް 2018 އިގެ އިންތިހާބުގައި ސިޔާމް އާއި އޭނާގެ އެމްޑީއޭއިން އެއްވެސް ކެންޑިޑޭޓަކަށް ރަސްމީކޮށް ތާއީދު ކޮށްފައެއް ނުވެ އެވެ.