މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ސިޔާމް ރިޒޯޓް ޕްރައިވެޓް ލިމިޓެޑަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ ލޯނާ ގުޅޭ ގޮތުން މެންބަރު މީކާއީލް އަހުމަދު ނަސީމް، ފިނޭންސް މިނިސްޓަރާ ކުރައްވާ ސުވާލުތަކާއި ގުޅިގެން މިނިސްޓަރު އަމީރު ދެއްވާފައިވާ ޖަވާބުތައް މާދަމާގެ ޖަލްސާގައި އިއްވާނެ އެވެ.
ސަން ސިޔާމް ރިޒޯޓް ޕްރައިވެޓް ލިމިޓެޑްއަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި 127 މިލިއަން ޑޮލަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން ދޫކުރި ލޯނެކެވެ. އެ ލޯން ޑިފޯލްޓްވެ 10 މިލިއަން ޑޮލަރު ދައްކަން ދިވެހި ސަރުކާރަށް އެ ބެންކުން އެންގިއެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަހުމަދު ސިޔާމް ހޯލްޑިންގްސް (އޭއެޗްއެސް) ލޯނުގެ ދަށުން، ޗައިނީޒް އެގްޒިމް ބޭންކަށް ދަރަނި އަދާކުރުމުގައި، މިއަހަރުގެ ޖެނުއަރީ ގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ އެ ކުންފުނިން ދައްކާފައިވާކަން ސޮވްރިން ގެރެންޓީގެ އުސޫލުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުގައި އަންގާފައިވާ ކަމަށެވެ.
ނަމަވެސް، މިދިއަ މަހުގެ 21 ވަނަ ދުވަހު ގެ ކުރިން، އޭއެސްއެޗް އިން އެގްޒިމް ބޭންކަށް ދައްކަންޖެހޭ ލޯނުގެ ޕްރިންސިޕަލް، އިންޓަރެސްޓް އަދި އެހެނިހެން ފީ އަށް ވާ އަދަދު ދައްކާ ފައި ނުވާތީ، ސޮވްރިން ގެރެންޓީ ދޫކުރި ފަރާތުގެ ހައިސިއްޔަތުން، މިފައިސާ ދެއްކުމަށް ސަރުކާރަށް އަންގާފައިވާކަމަށް އެ ބަޔާނުގައި ބުންޏެވެ.
"ހަވާލާ ދީފައިވާ އެންގުމާ އެއްގޮތަށް ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ ފައިސާގެ އިންތިޒާމް އޭއެސްއެޗްއިން ހަމަޖައްސައި، އެފައިސާ އެސްކްރޯ އެކައުންޓަށް އެފަރާތުން ޖަމާކުރުމުން، އެސްކްރޯ އޭޖެންޓް މެދުވެރިކޮށް އެފައިސާ ވަނީ 6 އޮގަސްޓް 2020 [މިއަދު] ގައި ޗައިނީޒް އެގްޒިމް ބޭންކަށް ދައްކާފަ އެވެ،" ފިނޭންސުން ބުންޏެވެ.
މިނިސްޓަރު އަމީރާ ކުރުމަށް މީކާއިލް ފަސް ސުވާލެއް ހުށައަޅާފައިވެއެވެ. އެގޮތުން ސިޔާމަށް ދޫކުރި ލޯން ޑިފޯލްޓްވެފައިވޭތޯއާއި އަދި ލޯނަށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވޭތޯއާއި ހަަމަޖެހިފައިވާނަމަ އެކަމަށް ކިހާ މުއްދަތެއް ދީފައިވޭތޯ ސުވާލު ކުރައްވާފައިވެއެވެ.
އަދި ލޯން ދެއްކުމަށް އެކްސްޓެންޝަނަކަށް އެދިފައިވޭތޯ އާއި އެކަމަށް އެދިފައިވާނަމަ އެދިފައިވަނީ ޖީ-20 ޑެޓް މޮރެޓޯރިއަމްގެ ދަށުންތޯވެސް މީކައީލް ސުވާލުކުރައްވާފައިވެއެވެ. އަދި އެކްސްޓެންޝަނެއް ދޭނަމަ މާލީ ނިޒާމަށް ކުރާނެ އަސަރަކީ ކޮބައިތޯވެސް ވަނީ ސުވާލުކުރައްވާފައެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި މި ލޯނަކީ ދިވެހި ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން ބޭރު ގައުމެއްގެ ބެންކަކުން ދޫކުރި އެންމެ ބޮޑު ލޯނެވެ.