މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާ ފޮޓޯތަކަކީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ ކޮޓަރިކޮޅުގެ ފޮޓޯތަކެއް ނޫން ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ ކޮޓަރިކޮޅުގެ ފޮޓޯތަކެއް ކަމަށް ބުނެ މިއަދު ފޮޓޯތަކެއް ދަނީ ދައުރުވަމުންނެވެ. ވަރަށް ޝާހީ ގޮތަކަށް ހަދާފައިވާ ތަނެއްގެ މަންޒަރު ފެންނަ އެ ފޮޓޯތަކާއެކު ގިނަ ބަޔަކު ވަނީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އެ ފޮޓޯތަކުން ފެންނަނީ މިނިސްޓަރުގެ ކޮޓަރިކޮޅު ނޫން ކަމަށެވެ. އެއީ އެ މިނިސްޓްރީގެ ކޮންފަރެންސް ރޫމް ކަމަށެވެ.
އޭނަ ވިދާޅުވީ މިނިސްޓްރީގެ ކޮންފަރެންސް ރޫމަށް "މޫމިނާ ހަލީމް މާލަން" ގެ ނަމުން ނަންވެސް ދީފައިވާ ކަމަށެވެ. މޫމިނާ ހަލީމަކީ ރާއްޖޭގެ ފުރަތަމަ އަންހެން ވަޒީރެވެ. އެކަމަނާ ވަޒީރުކަން ކުރެއްވީ ރައީސް ނާސިރުގެ ދައުރުގަ އެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ކޮންފަރެންސް ރޫމް އެހެން އިދާރާތަކުން ބާއްވާ އިވެންޓްތަކަށް ކުއްޔަށް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެގޮތަށް ލިބޭ ފައިސާ ހެލްތު ފަންޑަށް ޖަމާ ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ހެލްތް މިނިސްޓްރީގެ އިވެންޓްތަކަށް އެހެން މާލަންތައް ކުއްޔަށް ހިފަން ޖެހުމުގެ ބޮޑެތި ހަރަދުތަކެއް ކުރަންޖެހިފައިވާ ކަމަށާ ފެންވަރު ރަނގަޅު މާލަމެއް އެ މިނިސްޓްރީގައި ހަދާފައިވަނީ އެ ހަރަދުތައް ކުޑަކުރުމަށް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.
ފެންވަރު ރަނގަޅު އެ ކޮންފަރެންސް ރޫމް ހެދުމަށް ހޭދަކުރި ފައިސާގެ ތަފްސީލް ފަހުން ހާމަކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުުރުން ކޮންފަރެންސް ރޫމް ހަދަން ކުންފުންޏަކާއި ހަވާލުކޮށްފައިވަނީވެސް ހުޅުވާލެވިފައިވާ ބިޑް އުސޫލުންނެވެ. އަދި އެ މަަސައްކަތް ފަށާފައިވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިންނެވެ.