ރަޝިޔާގެ މޮސްކޯ ލެބޯޓްރީގައި ތައްޔާރުކުރި ކޮވިޑް-19 ވެކްސިންގެ ހުރިހާ ޓްރަޔަލްއެއް ކާމިޔާބު ކަމާއެކު ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް އެ ގައުމުގެ ރައްޔިތުންނަށް އެ ވެކްސިން ދޭން ފެށުމުގެ ބޮޑު ކެމްޕެއިނެއް ފަށަން ތައްޔާރުވަމުންދާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ރަޝިޔާގެ ހެލްތު މިނިސްޓަރު މިކައިލް މުރަޝްކޯ ވިދާޅުވި ކަމަށް އެ ގައުމުގެ ޓީވީން ބުނި ގޮތުގައި އޮކްޓޫބަރު މަހު އެ ގައުމުގެ އާބާދީއަށް ވެކްސިން ދޭން ފަށަން މިހާރު ދަނީ ތައްޔާރު ވަމުންނެވެ. އެގޮތުން ފުރަތަމަ ވެކްސިން ދޭން ހަމަޖެހިފައި ވަނީ ޑޮކްޓަރުންނާއި ޓީޗަރުންނަށެވެ.
ހެލްތު މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ގަމެލިޔާ އިންސްޓިޓިއުޓް އޮފް އެޕިޑެމިއޮލޮޖީ އެންޑް މައިކްރޮބައޮލޮޖީން މިހާރު ވަނީ ކޮވިޑް-19 އަށް އެ އިންސްޓިޓިއުޓުގައި ތައްޔާރު ކޮށްފައިވާ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްސްގެ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށްފަ އެވެ. މިހާރު ކުރަމުންދަނީ ވެކްސިން ރަޖިސްޓްރީ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ތަކެވެ.
މި ވެކްސިން އާއްމުންނަށް ދިނުމުގެ ހުއްދަ އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ލިބޭނެ ކަމަށް ބެލެވެ އެވެ. އަދި ހުއްދަ ލިބުމާއެކު ސިއްހީ އެހީތެރިންނަށް ވެކްސިން ދޭން ފަށާނެ ކަމަށް ބެލެވެ އެވެ. ރަޝިޔާގެ މި ވެކްސިން އަކީ ވެސް އެޑެނޯވައިރަސް އިން ތައްޔާރު ކޮށްފައިވާ ވެކްސިން އެކެވެ.
ނަމަވެސް ރަޝިޔާގެ ވެކްސިން ތައްޔާރުކޮށްފައިވާލެއް އަވަސްކަމުން ހުޅަނގުގެ މީޑިއާތަކުން މި ވެކްސިން އަށް ވަރަށް ގިނަ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ ސައިންސާއި ރައްކާތެރި ކަމަށް ވުރެ ރަޝިޔާ އިން ބަލަނީ އަމިއްލައަށް މާ މޮޅު ބައެއް ކަމަށް ދުނިޔެއަށް ދެއްކޭތޯ ކަމަށެވެ.
މިހާތަނަށް ކޮވިޑް-19 އަށް ތައްޔާރުކުރި ވެކްސިންތައް ވަރަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުންނަށް މިހާރު ދީގެން އަޖުމަ ބަލަމުންދާއިރު ހުރިހާ ވެކްސިން އަކުން ވެސް އުންމީދީ ނަތީޖާތަކެއް ދަނީ ފެންނަމުންނެވެ. އެހެންކަމުން ރަޝިޔާގެ ހެލްތު މިނިސްޓަރުގެ ވާހަކަފުޅަކީ ތެދެއް ކަމަށް ވެއްޖެނަމަ މި ވެކްސިން ވެގެން ދާނީ މިހާތަނަށް ދުނިޔޭގައި އުފެއްދޭ ކޮރޯނާވައިރަހުން ދިފާއު ވެވޭ ފުރަތަމަ ވެކްސިން އަށެވެ.
ރަޝިޔާއިން ބުނި ގޮތުގައި އޮގަސްޓް 10 ނުވަތަ 12 ހިސާބުގައި މި ވެކްސިން ރަޖިސްޓްރީ ކުރާނެ އެވެ. ރަޝިޔާ އަކީ މިހާރު ދުނިޔޭގައި ކޮވިޑް ޖެހިފައިވާ ހަތަރު ވަނަ އަށް އެންމެ ގިނަ މީހުން ތިބި ގައުމެވެ. މި ލިސްޓުގެ އެއްވަނައިގައި އޮތީ އެމެރިކާ އެވެ. ދެ ވަނައިގައި ބްރެޒީލް އެވެ. އަދި ތިން ވަނައިގައި މިހާރު އޮތީ އިންޑިޔާ އެވެ.
ކޮވިޑް-19 އަށް ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތް 100 އަށް ވުރެ ގިނަ ފަރާތުން މިހާރު ދަނީ ކުރަމުންނެވެ.
މިގެ ތެރެއިން ހަތަރު ވަރަކަށް ވެކްސިން އިންސާނުންނަށް ދީގެން ކުރާ ޓެސްޓްތަކުގެ ފައިނަލް ސްޓޭޖުގައި އެބައޮތް ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެ އެވެ. މި ހަތަރު ވެކްސިންގެ ތެރެއިން ތިން ވެކްސިން ތައްޔާރުކޮށްފައި ވަނީ އިނގިރޭސި ވިލާތުގަ އެވެ. އަނެއް ވެކްސިން އަކީ ޗައިނާއިން ތައްޔާރު ކުރަމުން އަންނަ ވެކްސިނެވެ.