ދުނިޔެ

އަލް ޖަޒީރާގެ ތަހުގީގު މެލޭ ފުލުހުން ދިފާއުކޮށްފި

Aug 6, 2020

ކުއަލަ ލަމްޕޫރު (އޯގަސްޓް 6) - އަލް ޖަޒީރާ ނޫހުން ގެނައި ރިޕޯޓަކާ ގުޅޭގޮތުން ކުރަމުންދަނީ ވަރަށް "ޕްރޮފެޝަނަލް" ތަހުގީގެއްކަމަށް ބުނެ، މީޑިއާގެ މިނިވަންކަމަށް ހުރަސްއަޅާކަމުގެ ފާޑުކިއުންތައް މެލޭޝިއާގެ ފުލުހުންގެ ވެރިޔާ ދިފާއުކުރައްވައިފި އެވެ.

އެ ނޫހާ ދެކޮޅަށް ތަހުގީގެއް ފަށާފައިވަނީ، އަލް ޖަޒީރާގެ މަޝްހޫރު 101 އީސްޓް ޕްރޮގްރާމްގައި، ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރެއިން، މެލޭޝިއާގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާމެދު ސަރުކާރުން އަމަލުކުރިގޮތް ގެނެސްދީފައިވަނިކޮށެވެ.

އަދި އެ ތަހުގީގާ ގުޅިގެން، މެލޭ ފުލުހުން ވަނީ ވެރިރަށް ކުއަލަ ލަމްޕޫރުގައި ހުންނަ އަލް ޖަޒީރާ ނޫހުގެ އޮފީހަށް ވަދެ، ދެ ކޮމްޕިޔުޓަރު ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ޖަލު ހުކުމާއި ބޮޑެތި ޖޫރިމަނާތަކެއް ހިމެނޭ ދައުވާތަކާގުޅިގެން، މީޑިއާގެ މިނިވަންކަމަށް މެލޭޝިއާގެ ސަރުކާރުން ހުރަސްއަޅަމުންދާކަމަށްބުނެ އަލް ޖަޒީރާއިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

މިދިއަ މަހުގެ ތިން ވަނަ ދުވަހު ގެނެސްދިން ޕްރޮގްރާމާ ގުޅިގެން އަލް ޖަޒީރާގެ ހަތް ނޫސްވެރިއަކާ ފުލުހުން ވަނީ ސުވާލުކޮށްފަ އެވެ.

އަދި އޭގެ ފަހުން، އެ ނޫހުގެ ނޫސްވެރިންގެ އިތުރުން، އެ ޕްރޮގްރާމަށް މައުލޫމާތު ދިން މީހުނަށް ބިރުދައްކައި، އިންޒާރު ދެމުންދާކަމަށްވެސް އެ ނޫހުން ވަނީ ބުނެފަ އެވެ.

ފުލުހުންނަށް އަމާޒުވެފައިވާ ތުހުމަތުތަކާ ގުޅިގެން މެލޭ ފުލުހުންގެ އިންސްޕެކްޓާ ޖެނެރަލް އަބްދުލް ހާމިދު ބަދޫރު ވިދާޅުވީ، އަލް ޖަޒީރާގެ އޮފީހަށް ކޮމިޔުނިކޭޝަން މިނިސްޓްރީގެ އޮފިޝަލުންނާ ގުޅިގެން ފުލުހުން ވަދެ ބަލާ، ފާސްކޮށްފައިވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ.

އަދި އޮފީހަށް ވަނުމުގެ ކުރިން، އަލް ޖަޒީރާއަށް އެކަން ދުރާލައި އަންގާފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ބަދޫރު އިތުރަށް ވިދާޅުވީ އެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި، އިންސާފުވެރިކަމާއެކު ކަމަށެވެ. އަދި މީޑިއާގެ މިނިވަންކަމަށް މެލޭގައި އެއްވެސް ހުރަހެއްނެތްކަމަށް އޭނާ ތަކުރާރުކުރެއްވި އެވެ.

ނަމަވެސް، ހާއްސަކޮށް ބައިނަލްއަގުވާމީ ނޫސްތަކުން މައުލޫމާތު ގެނެސްދޭއިރު، ޒިންމާދާރުވުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.