ދީން

ނަފްސާނީ ދުޅަހެޔޮ ކަމަށް ފަހި ވިސްނުން

Aug 7, 2020
1
ލިޔުނީ: އައްޝައިޚް ހަސަން މޫސާ ފިކުރީ

ޚިޔާލުތަކަކީ އިންސާނާގެ އިހުސާސްތަކާއި ޖަޒުބާތުތައް ބަދަލުކޮށްލުމުގެ ބާރު ލިބިފައިވާ އެއްޗެކެވެ. އަދި އެ ޚިޔާލުތަކާއި ފިކުރުތަކުގެ ސަބަބުން ކަންކަމުގައި ޢަމަލުކުރާ ގޮތް ބަދުލުކޮށްލައެވެ. އިސްލާމް ދީނުގައި، އަހަރުމެންނަށް މާތް ﷲ ގެ ކުޅަދުންވަންތަކަމާމެދު ފުންކޮށް ވިސްނައި ފިކުރުކުރުމަށް ބާރުއަޅުއްވާފައިވެއެވެ. އަދި މާތް ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅުތަކާމެދު ވިސްނައި ފިކުރުކޮށް، އެއިލާހު ދެއްވި ނިޢްމަތްތައް ހަނދުމަކޮށް، އާޚިރުތާމެދު ހެޔޮ ގޮތުގައި އުއްމީދު ކުރުމަށް އިރުޝާދު ދެއްވައެވެ.

ޚިޔާލާތު ފަހި ވިސްނުމަކަށް ގެނެއުމަކީ، ކުރާ އަޅުކަމުގެ އަސަރުތައް އިތުރުވެ، ރޫޙާނީ ތާޒާކަން ލިއްބައިދީ، ރުޅިވެރި އިހުސާސްތަކާއި، ކަންބޮޑުވުމާއި، ހިތާމަތައް ފިލުވައިދޭ ކަމެކެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަދީޘެއްގެ މާނަގައިވެއެވެ. "ޢަމަލުތައް ބިނާވެފައިވާނީ ނިޔަތުގެ މައްޗަށެވެ." އެ ނިޔަތުގެ މަޙައްލަކީ ހިތެވެ. އެހެންކަމުން، ހިތުގައިހިނގާ އޮއިވަރު ރަނގަޅު ވެއްޖެނަމަ ގުނަވަންތަކުން ކުރާ ޢަމަލުތައްވެސް އިޞްލާޙުވެއެވެ.

އިބްނުލް ޤައްޔިމު ރަޙިމަހު ﷲ ގެ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ހިތުގެ ޢަމަލަކީ ޢަމަލުތަކެގެ އަޞްލު އަސާސެވެ. އެހެނިހެން ގުނަވަންތައް ވަނީ އެ ހިތާ ތަބާވެގެންނެވެ. ނިޔަތުގެ މަޤާމަކީ، ހަށިގަނޑުގައިނަމަ ފުރާނައިގެ މަޤާމެވެ. އަދި ޢަމަލުތަކަކީ އެ ހަށިގަނޑުގެ ގުނަވަންތަކެވެ. ހަށިގަނޑާއި ފުރާނަ ވަކިވެއްޖެނަމަ އެހަށިގަނޑު މަރުވާފަދައިން ޢަމަލުތަކުގެ ނިޔަތް ނެތިއްޖެނަމަ އެޢަމަލުތަކުގެ ފައިދާވެސް ނެތިދެއެވެ. ވީމާ، ހިތުގެ ޢަމަލުތަކާ ގުޅިފައިވާ ޙުކުމްތައް ދެނެގަތުމަކީ، ގުންނަވަންތަކާ ގުޅުފައިވާ ޙުކުމްތައް ދެނެގަތުމަށްވުރެ މާ މުހިންމު ކަމެކެވެ.

ޢަރަބި ބަހުގައި ޕޮޒިޓިވްގެ މާނަގައި ބޭނުން ކުރެވެނީ "އީޖާބީ" މިކަލިމައެވެ. ނަމަވެސް، މި ލިޔުމުގައި ޕޮޒިޓްވް ވިސްނުން ނުވަތަ ޚިޔާލުތަކަށް "ފަހި ވިސްނުން" މިފަދައިން ވަނީ ބޭނުންކުރެއްވިފައެވެ. އަދި "ނެގެޓިވް" ވިސްނުން ނުވަތަ ޚިޔާލުތަކަށް "ސަލްބީ" މިކަލިމަ ވަނީ ބޭނުން ކުރެވިފައިވެއެވެ.

ވިސްނުމާއި ފިކުރުގެ އަސަރުތައް

ދިރާސާކުރާ ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ. ތިބާގެ ދިރިއުޅުމަކީ ނުވަތަ ޙަޔާތަކީ ތިބާގެ ސިކުޑީގައި ދައުރުވާ ފިކުރުތަކުގެ ޖިސްމާނީ ބައެވެ. ކުރާ ކަންކަމާއި، އުޅޭ ގޮތާއި، މިޒާޖާއި ސުލޫކު ބިނާވެފައިވަނީ ތިބާގެ ސިކުޑީގަ ހިނގާ ފިކުރުތަކުގެ މައްޗަށެވެ. ނަފްސާނީ ޢިލްމުގެ މުތަޚައްޞިޞުންނާއި، ބާޙިޘުން މިދާއިރާގައި ކޮށްފައިވާ ދިރާސާތައް ގިނަގުނައެވެ. އެފަދަ ވާހަކަތަކުންގެ ތެރެއިން މިތާގައި މި ހިއްސާކޮށްލަނީ "ފަހި ވިސްނުމުގެ ފިލާވަޅުތައް" މިނަމުގައި ޝާއިޢުކޮށްފައިވާ ޑޮކިޔުމެންޓްރީއަކުން ނަގާފައިވާ ބައެއް މަޢުލޫމާތުތަކެކެވެ.

އަހަރުމެންގެ ކޮންމެ ފިކުރަކާއެކު ސިކުނޑީގެ ތެރޭގައި އިލެކްޓްރިކް ސިގުނަލްތަކެއް ދަތުރު ކުރެއެވެ. ކޮންމެ ފިކުރަކަށްވެސް އެއަށް ލިބިގެންވާ ޖިސްމާނީ ސިފަތަކެއް ހުންނަ ކަމުގައި ސައިންސްވެރިން ބުނެއެވެ. އަދި އެފިކުރުތަކުން ހަށިގަނޑުގެ ކޮންމެ ސެލްއަކަށް އަސަރު ފޯރުވައެވެ. ދިރާސާތަކުން ދައްކާގޮތުގައި، އިންސާނާގެ ފިކުރަތަކުގެ ޖިސްމާނީ އަސަރު، އޭނާގެ ހަށިގަނޑަށް ކުރެއެވެ. ޒަމާނީ ވަސީލަތްތަކުގެ ތެރެއިން، "ލައި ޑިޓެކްޓާ ޓެސްޓް" އަކީ އޭގެ ހެއްކެއް ކަމުގައި އެފަރާތްތަކުން ބުނެއެވެ. އެ ޓެސްޓްތަކުން ދައްކާ ގޮތުގައި، އިންސާނާގެ ފިކުރުތަކުގެ ސަބަބުން ލޭގެ ޕުރެޝަރަށް އަންނަ ބަދަލުތަކާއި، ހަށިގަނޑުގެ މަސްތަކަށް ބާރުކުރާ ވަރާއި، ހަށިގަނޑުގެ ފިނިހޫނުމިން ބަދަލުވާ މިންވަރާއި، ނޭވާލާ މިންވަރާއި، އަދި ހިތުގެ ވިންދު ހުންނަވަރުވެސް ބަދަލުވެއެވެ. އަދި ބައެއް މީހުންގެ އަތް ދާހިއްލާ މިންވަރުވެސް އިތުރުވެއެވެ. މިއީ އިންސާނާ ކުރާ ފިކުރުތަކުގެ އަސަރު ހަށިގަނޑުން ފެންނަކަމުގެ ހެކިތަކެވެ.

ފިކުރެއް ނުވަތަ ވިސްނުމެއް ސިކުނޑިއަށް ވެރިވާ ކޮންމެ ފަހަރަކު، ސިކުޑިން ޚާއްޞަ ކެމިކަލްތަކެއް އުފައްދައެވެ. އެ ވިސްނުމަކީ ހިތާމެވެރި، ނުތަނަވަސް ނުވަތަ ރުޅިވެރި ވިސްނުމެއް ކަމުގައިވާނަމަ، ސިކުނޑިން އުފަދަނީ ނެގެޓިވް ކެމިކަލްތަކެކެވެ. އަދި ހަށިގަނޑަށް އެ ކެމިކަލްތަކުގެ އަސަރު ސަލްބީ (ނެގެޓިވް) ގޮތެއްގައި ކުރެއެވެ. ސިކުޑިއަށް ވެރިވާ ސަލްބީ ފިކުރުތައް، މިސާލަކަށް ހިތާމަވެރި ފިކުރުތަކާއި، ހިތްދަތިކަމާއި، ބިރުވެރިކަމާއި، ކަންބޮޑުވުމާއި، ކުއްވެރިވުމުގެ އިހުސާސް (ގިލްޓް) އާއި، ލަދުވެތިކަން (ޝޭމް) އާއި ނުކުރެވި ވާކަންކަމާމެދު ކަންބޮޑުވުން (ރިގްރެޓް) ފަދަ އިހުސާސްތައް ކުރެވޭހިނދު، ގައިގެ މަސްތަކުން ޙަޤީޤަތުގައިވެސް ބާރުދައްވެ، ވަރުދޫވެއެވެ. އަދި ކަންބޮޑުވާ މިންވަރު، ނުވަތަ ސްޓްރެސް ލެވަލް އިތުރުވެއެވެ. މީހާގެ މިޒާޖަށާއި، ހަށިގަނޑުގެ ޠަބީޢަތަށާއި ހޯމޯންތަކަށްވެސް ބަދަލުތަކެއް އާދެއެވެ. އަދި މިކަމުގެ ސަބަބުން އެތެރެހަށީގެ ގުނަވަންތަކަށްވެސް އަސަރު ކުރުވައި، ހަޖަމު ކުރުމުގެ ނިޒާމާއި އެނޫން ކަންކަމަށްވެސް ބަދަލުތަކެއް އާދެއެވެ.

އުފާވެރި އިހުސާސްތައްވެސް ހަމަ މިފަދައެވެ. އުފާވެރިކަން ގެނެސްދޭ ފިކުރެއް ސިކުނޑިއަށް ވެރިވާހިނދު، އެއީ ފަތިހުގެ ފިނީގެ ތެރެއިން އައިސް ގައިގާ ބީހިލާ އިރުގެ ހިތްގައިމު ދޯދިތައްކެއްގެ އިހުސާސްއެއް ފަދައެވެ. އުފާވެރި ޚިޔާލެއް އަންނަހިނދު، ސިކުޑީގައި ނިޔުރޯ ޕެޕްޓައިޑްސް އޭ ކިޔުނު ކެމިކަލްތަކެއް އުފައްދައެވެ. އެ ކެމިކަލްތަކުގެ ނަތީޖާއަކީ ހަށިގަނޑަށް ހަމަޖެހޭ އިހުސާސެއް ގެނެސްދީ، ސިކުޑީގެ އެންމެ އެތެރޭގެ ހޫނުމިން ހަމަޖައްސައިލަދިނުމެއެވެ. އުފާވެރި ޚިޔާލާއެކުގައި އެންޑޯފިން ހޯމޯނު ނުވަތަ އުފާވެރިކަން ގެނެސްދޭ ހޯމޯނު އެފައްދައެވެ. އަދި މި ހޯމޯންގެ ސަބަބުން ހަމަޖެހުން ގެނުވައެވައެވެ. އަދި މީހާ ތާޒާކޮށްދީ ހިއްސުތައް ހޭލައްވާލަދެއެވެ.

ފަހި ވިސްނުމުގެ ސަބަބުން، ލިބޭ ހިތްހަމަޖެހުމާއި، ކުރެވޭ އުފާވެރި އިހުސާސް އިތުރުކޮށްދެއެވެ. އަދި ހަށިގަނޑަށް ލިބޭ ކެކުޅުންތަކާއި ވޭން މަދުކޮށްދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުގައި، ނަފްސުގެ އިތުބާރު ބޮޑުވެ، ކަންކަމާމެދު އީޖާބީ ގޮތަކަށް ދެކެވުން އިތުރުވެ، ކަންކަންމުގައި ކުރިޔަށް ދިޔުމުގެ ރޫޙު އާލާކޮށްދެއެވެ. ކުރާ ފިކުރުތަކުން ތިބާއަށް ފަހި، އީޖާބީ އިހުސާސްތަކެއް ނުވަތަ ސަލްބީ، ނުސިޔާނު އިހުސާސްތަކެއް ގެނުވައެވެ. ނަތީޖާއެއްގެ ގޮތުން، އެފިކުރުތަކާ އެއް ޒާތަކަށް މިޒާޖާއި މޫޑުވެސް ބަދަލުކޮށްލައެވެ.

ފަހި ވިސްނުމަށް މަގުފަހިކޮށްދޭ ކަންކަން

ފަހި ވިސްނުމުގެ މުހިންމުކަމަކީ ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަކެވެ. އަދި ފަހި ވިސްނުމަކަށް ތިމާގެ ވިސްނުން ބައްޓަން ކުރުމަށް ކުރެވިދާނެ، އެތައް ކަމެއް އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ކަންކަމާއި، އަދި އެކަންކަމާމެދު މާތް ވެގެންވާ އިސްލާމް ދީނުގައި އަންގައިވާފައިވާ އިރުޝާދުތަކުގެ މައްޗަށް ބަލާއިލާނަމެވެ.

ހެޔޮ ވިސްނުމަކާއެކު ދުވަސް ފެށުން

ތިބާގެ ދުވަސް ފެށުމުގައި ހުންނަ މިޒާޖަކީ، އެދުވަހުގެ ބާކީ އޮތް ވަގުތުތަކުގައި ތިބާ ކުރާ ކަންކަމަށް އަސަރު ކުރުވާ ކަމެކެވެ. ލަހުން ހޭލެވުމާއި، ހޭލެވޭއިރުވެސް ކަންބޮޑުވެފައި ހުރުމާއި، އެއްވެސް ކަމެއް ކުރަން ބޭނުންނުވުމުގެ އިހުސާސްތައް ކުރެވުމަކީ ބައެއް މީހުން ތަހައްމަލުކުރާ ކަމެކެވެ. މިފަދަ ޚިޔާލާތުގެ ސަބަބުން މިޒާޖަށް އަސަރުކުރެއެވެ. އަދި އޭގެ އަސަރު ހަށިގަނޑުގައި ހިނގަންފެށުމުން، އެދުވަހު ކުރަންޖެހޭ ކޮންމެ ކަމެއްގައިވެސް ފޫހިކަމާއި، ނުރުހުމާއި، ކުރާހިތް ނުވުންފަދަ ނުރަނގަޅު އިހުސާސްތަކެއް އެކުވެއެވެ. މިކަން ހައްލު ކުރުމަށް ފަހި ވިސްނުމަކުން ދުވަސް ފެށުން މުހިންމެވެ.

ފަތިހު ހޭލުމަކީވެސް އޭގެ ޒާތުގައި ތާޒާކަމާއި އާރޯކަން ގެނެސްދޭ ކަމެކެވެ. މުސްލިމެއްގެ ދުވަހުގެ ފެށުމަކީ ފަތިސްނަމާދެވެ. ފަތިސްނަމާދަށް ހޭލައި، ވުޟޫކޮށްލައި، ނަމާދުކޮށް އަދި ފަތިހުގެ އެ ބަރަކާތްތެރި ވަގުތުގައި މާތް ﷲ ހަނދުމަކޮށް ޒިކުރުކޮށް ދުޢާކުރުމީ، ތިމާގެ ދުވަހުގެ ފެށުން ހެޔޮ ގޮތުގައި ފެއްޓުމަށް އޮތް އެންމެ ރަނގަޅު ގޮތެވެ. ހެނދުނާ ހަވީރުގެ ދުޢާތަކުގައިވަނީ މިމާނައިގައިވާ ދުޢާތަކެވެ. ދުވަސް ފެށޭހިނދު ކިޔުމަށް ސުންނަތްވެގެންވާ ދުޢާތަކުގައި ހިމެނެނީ، މާތް ﷲ ގެ އެއްކައުވަންތަކަމަށް އިޤުރާރުވުމާއި، އެދުވަހުގައި ބަރަކާތް ލެއްވުމާއި، ދުޅަހެޔޮ ޞިއްޙަތެއް ދެއްވުން އެދިކުރާ ދުޢާތަކެވެ.

މީގެ އިދިކޮޅަކީ ދުވާލުގެ ހޫނުކަން ބިންމަޗަށް ވެރިވަންދެން ނިދަން އޮތުމެވެ. މިއީ ތިމާ ކަންނެތް ކުރުވައި، މަސައްކަތަށް ފޫހިކުރުވާ ކަމެކެވެ. ފަތިސް ނަމާދަށް ނުހޭލައި ނިދަން އޮންނަ މީހާއަކީ އޭނާގެ ކަންފަތަށް ޝައިޠާނާ ކުޑަކަމު ގޮސްފައިވާ މީހެއްކަމުގައި ޙަދީޘްތަކުގައި ވާރިދުވެފައިވެއެވެ. އަދި ރޭ އަޅުކަމާއި ފަތިސް ނަމާދަށް ތެދުވިޔަ ނުދިނުމަށްޓަކައި ޝައިޠާނާ ގަދައަޅައި މަސައްކަތް ކުރެއެވެ.

ޞަޙީޙުލް ބުޚާރީ އާއި ޞަޙީޙު މުސްލިމުގައި ރިވާވެގެންވާ ޙަދީޘްފުޅެއްގައިވެއެވެ. "يَعْقِدُ الشَّيطَانُ عَلَى قَافِيَةِ رَأسِ أحَدِكُمْ، إِذَا هُوَ نَامَ، ثَلاَثَ عُقَدٍ، يَضْرِبُ عَلَى كُلِّ عُقْدَةٍ: عَلَيْكَ لَيْلٌ طَويلٌ فَارْقُدْ، فَإن اسْتَيقَظَ، فَذَكَرَ اللهَ تَعَالَى انحَلَّتْ عُقْدَةٌ، فَإنْ تَوَضّأ، انْحَلّتْ عُقدَةٌ، فَإنْ صَلَّى، انْحَلَّتْ عُقَدُهُ كُلُّهَا، فَأصْبَحَ نَشِيطًا طَيِّبَ النَّفْسِ، وَإلاَّ أصْبحَ خَبيثَ النَّفْسِ كَسْلاَنَ" މާނައި: "ތިޔަބައިމީހުންކުރެ ހަމަ ކޮންމެ މީހަކުމެ ނިދާން އޮށޯންނަ ހިނދު، ޝައިޠާނާ އައިސް، އޭނާގެ ފުށްކިބައިގައި ތިން ގޮށް ޖަހައެވެ. އެއިން ކޮންމެ ގޮށަކަށް، އެކަލޭގެ ކިޔެވެލިކިޔަވައެވެ. (ބުނެއެވެ.) ތިބާއަށް ދިގު ރޭގަނޑެއް ލިބިގެންވެއެވެ. އަރާމުކޮށް ނިދައިލާށެވެ! ފަހެ، އޭނާ ހޭލައިގެން ތެދުވެ، ﷲ ތަޢާލާ ހަނދުމަކޮށް، އެކަލާނގެ ޒިކުރުކޮށްފިނަމަ، އެއިން އެއް ގޮށް މޮހިދެއެވެ. ފަހެ، އޭނާ ވުޟޫކޮށްފިނަމަ، އަނެއް ގޮށް މޮހިދެއެވެ. އޭނާ ނަމާދުކޮށްފިނަމަ، އެކަލޭގެ ޖަހައިފައިވާ ހުރިހައި ގޮށެއް މޮހިދެއެވެ. އެހިނދު، އޭނާ ފަތިސްނަމާދު ކުރާހުށީ، މުރާލިކަމާއެކު ހިތްހަމަޖެހިގެންވާ ޙާލުގައެވެ. އެހެން ނޫންނަމަ، އޭނާ ފަތިސްނަމާދު ކުރާހުށީ، ކަންނެތްކަމާއި، ހިތް ނުތަނަވަސްކަމާ އެކުގައެވެ."

ވީމާ، ކަންނެތްކަން ފިލުވައިލައި، ފަހި ވިސްނުމަކާއެކު ދުވަސް ފެށުމަށް އޮތް އެންމެ މުހިންމު، އަދި އެންމެ ހެޔޮ ވަސީލަތަކީ، ފަތިސް ނަމާދުކުރުމާއި، ނަމާދަށްފަހު ދުޢާކޮށް ޒިކުރު ކުރުމުގައި ވަގުތުކޮޅެއް ހޭދަކޮށްލުމެވެ.

ކޮންމެ ކަމެއްގައިވެސް އޮތް ހެވާމެދު ވިސްނުން

ދިރިއުޅުމުގެ ކޮންމެ ދުވަހަކުވެސް ނުތަނަވަސްކަމާއި ކުރިމަތިލާން ޖެހެއެވެ. އަދި ކުރިމަތިވާ އެތަކެއް ހުރަސްތައް ގިރާކުރަންޖެއެވެ. މިފަދަ ކޮންމެ ނުތަނަވަސް ކަމަކާ ކުރިމަތިލާހިނދު، އެކަމުގައި އޮތް ފައިދާއާމެދު ވިސްނާށެވެ. އެ ކަމުގައި އޮތް ފައިދާ ނުވަތަ މަންފާއަކީ ކިތަންމެ ކުޑަ ކަމެއްކަމުގައިޔަސްމެއެވެ. މިސާލަކަށް ދުއްވާތަކެތީ ގިނަވެ، އުޅަނދުތަކުގެ ތެރޭގައި މަޑުޖެހެންޖެހޭހިނދު، އެވަގުތުކޮޅުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފިދާނޭ ގޮތްތަކާމެދު ވިސްނާށެވެ. އެވަގުތު ކޮޅަކީ، ތިމާ އަޑުއަހަމުންދިޔަ އޯޑިޔޯ ޕުރޮގުރާމް ނުވަތަ ދަރުސް އަޑުއަހައިލަން ލިބޭ ވަގުތުކޮޅެއްކަމުގައި ދެކޭށެވެ. ނޫނީ ނިކިއިވާ ޒިކުރުތައް ކިޔައިލަން ލިބޭ ފުރުސަތެއްކަމުގައި ހަދާށެވެ.

އިސްލާމީ ނަޒަރަކުން ބަލާއިރު، ތިމާ ހިތް ރުހޭ ކަންކަމަކީ ތިމާއަށް އޮތް އެންމެ ހެޔޮ ގޮތްކަމުގައި ނުވެދާނޭކަން ވަނީ އަންގަވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَعَسَى أَن تَكْرَهُواْ شَيْئاً وَهُوَ خَيْرٌ لَّكُمْ وَعَسَى أَن تُحِبُّواْ شَيْئاً وَهُوَ شَرٌّ لَّكُمْ وَاللّهُ يَعْلَمُ وَأَنتُمْ لاَ تَعْلَمُونَ" (البقرة 216) މާނައީ: "އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ."

ދަތި ޙާލަތުގައި އޮތް އުފާވެރި ކަން ދެނެގަތުން

އެންމެ ކަންބޮޑުވާ، ނުވަތަ ނުތަނަވަސްކަން އިހުސާސްވާ ދަނޑިވަޅުތަކުގައިވެސް، ކުރިމަތިވާ ކަންކަމުގެ ތެރެއިންވެސް އުފާވެރިކަން ގެނެސްދޭ ކަމެއް އޮތްތޯބަލައި އެކަމަކާމެދު ވިސްނައިލާށެވެ. މިދުނިޔޭގައި ހިނގާ އެއްވެސް ކަމަކީ ދެމިގެން ދާކަމެއް ނޫންކަން ދަންނާށެވެ. ކޮންމެ ހިތާމައެއް ފިލައިގޮސް އެނޫން ދުވަސްތަކެއް އަންނާނޭކަން ހަނދާންކުރާށެވެ. ދުނިޔެ ދުވަނީ ތޮށަލި ދުޅައަށެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެތެވެ. އަދި ކިއެއްތަ! ދަތި އުނދަގޫ ދުވަސްތަކަކަށްފަހު ލުއިފަސޭހަ ދުސްވަތައް ދެގުނައަށް އިތުރުކޮށްދެއްވާ ކަމުގައި ކީރިތި ޤުރްއާނުގައިވަނީ އަންގަވާފައެވެ.

އަލްއިމާމުއް ޝާފިޢީ ރަޙިމަހު ﷲ ގެ ޅެންބައިތުތަކެއްގެ މާނައިގައިވެއެވެ. "ދުވަސްތަކުގައި ހިނގާ ކަންކަން، ހިނގައިދިޔުމަށް ދޫކޮށްލާށެވެ. އަދި މާތް ﷲ ގެ ނިޔާފުޅާމެދު ތިބާ ހިތްހެޔޮ ކޮށްލާށެވެ. ރޭގަނޑެއްގައި ކުރިމަތިވާ ހިތާމައަކާމެދު މާބޮޑަށް ކަންބޮޑު ނުވާށެވެ. ދުނިޔޭގައި ކުރިމަތިވާ ކަންކަމަކީ އަބަދަށް ދެމިއޮންނަ ކަމެއް ނޫނެވެ. ކުރިމަތިވާ ދަތި އުނދަގޫތަކުގައި ހިތްވަރާއެކު ކުރިމަތިލާށެވެ. އަދި ވަފާތެރިކަމާއި މާފުކުރުމުގެ ސިފައިން ސިފަ ލިބިގަންނާށެވެ. އަދި ތިބާގެ ޢައިބުތައް ކިތަންމެ ގިނަކަމަކު، އެ ޢައިބުތައް ފޮރުވަން އެދޭނަމަ، ދީލަތި މީހެއްކަމުގައި ވާށެވެ. ތިބާގެ ލަސްވުމަކީ މާތް ﷲ ތިބާއަށް ލައްވާފައިވާ ރިޒުޤު އުނިވާ ކަމެއް ނޫނެވެ. އަދި ކިތަންމެ ބުރައެއް އުފުލިޔަސް މާތް ﷲ ލިޔުއްވާފައިވާ ރިޒުޤަށްވުރެ އިތުރަކަށް ނުލިބޭނޭކަންވެސް ދަންނާށެވެ! އެއްވެސް ހިތާމައެއް އަދި އުފަލެއްވެސް ތާ އަބަދަށް ދެމިގެން ނުވެއެވެ. އަދި ފާގަތިކަމެއް ތަނަވަސްކަމެއްވެސް، އަދި ވޭނާ ކެކުޅުންތަކެއްވެސް އަބަދަކަށް ދެމިގެން ނުވެއެވެ. ތިބާއަށް ހިތުގެ ފުދުންތެރިކަން ލިބިފައިވާނަމަ، ތިބާއާއި ދުނިޔޭގެ މިލްކުވެރިކަން ލިބިފައިވާ މީހަކާވެސް ހަމަހަމަވެގެން ވެއެވެ. އަޖަލު އައިސް ޖެހިފައިވާނަމަ، އެއިން ސަލާމަތްކަން ދޭނޭ ބިމެއް ނުވަތަ ހިޔާވަހިކަން ދޭނޭ އުޑެއް ނުވެއެވެ. މާތް ﷲ ލައްވާފައިވާ ބިން ތަނަވަސް ވެގެންވެއެވެ. ނަމަވެސް އެއިލާހުގެ މިންވަރުފުޅު އައިސް ޖެހޭހިނދު އެކަމުން ރެކެވޭނޭ އެއްވެސް މަގެއް ނުވެއެވެ. ދުވަސްތަކުގެ ތެރެއިން ދަތި ދުވަސްތައް އައިސް ގޮސްވެ ދިޔުމަށް ދޫކޮށްލާށެވެ. އެހެނީ މަރުން ސަލާމަތްކޮށްދޭނޭ އެއްވެސް ބޭސްފަރުވާއެއް ނުވެއެވެ."

މިއީ ދިގުޅެއްމެގެ ޚުލާޞާ ތަރުޖަމާއެކެވެ. މިޅެންބައިތުތަކުގައިވަނީ ދުނިޔޭގެ ޙަޤީޤަތްތަކާއި ކަންހިނގާ ގޮތް ވަރަށް ބަލާޣާތްތެރިކަމާއެކު ބަޔާންކޮށްދެއްވާފައެވެ. އަދި ދުނިޔޭގެ އެއްވެސްކަމަކީ އަބަދަށް ދެމިގެންދާ ކަމެއް ކަމުގައި ނުވާކަމަށްޓަކައި، އެކަންކަމާ ކަންބޮޑު ނުވާންވީ ކީއްވެގެންކަން މިޅެމުގައި ވަނީ ވަރަށް ރަނގަޅަށް ޝަރަޙަ ކޮށްދެއްވާފައެވެ.

ނާކާމިޔާބީ ތަކުން ފިލާވަޅު ލިބިގަތުން

އެއްވެސް މީހަކީ ކުށުން ބަރީއަވެގެންވާ ފުރިހަމަ މީހެއް ނޫނެވެ. ކުރާ ކަންކަމުގައި ނާކާމިޔާބު ވާފަހަރުވެސް އަންނާނެއެވެ. އަދި ކުށް ކުރެވޭ ފަހަރުވެސް ކުރިމަތިވާނެއެވެ. ތިމަންނާއަށް މިކަން ނުވާނެޔޭ، ނުވަތަ މިކަމުގެ ހުނަރު ތިމާގެ ކިބައިގެން ނެތޭ ނޫނީ މިކަމާ ކުރިމަތިލެވުނީ ކީއްވެގެންހޭ ވެސް ހިތަށްއެރުން އެކަށީގެންވެއެވެ. މިފަދަ ސަލްބީ (ނެގެޓިވް) ޚިޔާލުތަކުން ދުރުވެ، އެފިކުރުތައް ފަހި ވިސްނުމަކަށް ބަދަލު ކޮށްލަން މަސަކަތް ކުރާށެވެ. އަދި ނާކާމިޔާބުވި ސަބަބާމެދު ވިސްނައި، ކުރަމުންދިޔަ މަސައްކަތް ރަނގަޅުކޮށްލުމަށް ކުރަންވީ ކޮންކަމެއްތޯ ވިސްނައިލާށެވެ.
މާތްވެގެންވާ އިސްލާމް ދީނުގައި މިކަން އޮތްގޮތާމެދު ވިސްނައިލާހިނދު ފާހަގަކޮށްލުން މުހިންމު އެތައް ކަމެއް އެބަހުއްޓެވެ.

އޭގެ ތެރެއިން އެއްކަމަކީ އަންނަނިވި ޙަދީޘްފުޅުގައިވާ އިރުޝާދެވެ. "كُلُّ بَنِي آدَمَ خَطَّاءٌ، وَخَيْرُ الْخَطَّائِينَ التَّوَّابُونَ" رواه ابن ماجه މާނައީ: "ކޮންމެ އާދަމުގެ ދަރިޔަކީ ކުށް ކުރެވޭނޭ މީހެކެވެ. އަދި ކުށް ކުރެވޭ މީހުންގެ ތެރެއިން އެންމެ ހެޔޮ ބަޔަކީ ގިނަގިނައިން ތައުބާވާ މީހުންނެވެ."

ފަހި ވިސްނުމުގެ އެކުވެރިން ހޯދުން

ތިބާގެ ވަށައިގެންވާ މީހުންނަކީ ފަހި ވިސްނުމުގެ އަހުލުވެރިންތަކެއްނަމަ، ތިބާއަށް މުޅީންވެސް އިވޭނީ، ކަންކަމުގައި އޮތް ރަނޅު ގޮތާމެދު ދެކެވޭ ވާހަކައެވެ. ތިބާޔަށް ފެންނާނީ ކޮންމެ ކަމެއްގެވެސް ނަފާކުރަނިވި ބައެވެ. އަދި ތިބާއަށް އަބަދުވެސް ލިބޭނީ ކަމެއްގައި ކުރިޔަށް ދިޔުމުގެ ހިތްވަރެވެ. އެމީހުންގެ ފަހި ވިސްނުން ތިބާގެ ކިބައިގައި ހެޔޮ އަސަރުތަކެއް އަށަގަންނުވާނެއެވެ. އޭގެ ސަބަބުން ތިބާއަކީ އެފަދަ ފަހި ވިސްނުމަކުން ވިސްނާ މީހެއްކަމުގައި ހަދައިދޭނެއެވެ. ފަހި ވިސްނުމުގެ ބައިވެރިންތަކެއް ހޯދުމަކީ ފަސޭހަ ކަމެއްކަމުގައި ނުވެދާނެއެވެ. ނަމަވެސް ފަހި ވިސްނުމާއި އިދިކޮޅު، ސަލްބީ (ނެގެޓިވް) ވިސްނުންތަކުގެ މީހުންނާ ދުރުހެލިވާން ތިބާއަށް މަސައްކަތް ކުރެވިދާނެއެވެ.
ހެޔޮ އެކުންވެރިން ހޯދުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ބާރު އަޅުއްވާފައެވެ. އަދި ހެޔޮ އެކުވެރިއެއްގެ މިސާލު ޖައްސަވާފައިވަނީ ސެންޓު ނުވަތަ ޢަޠަރު ވިއްކާ މީހެއްގެ މިސާލުންނެވެ. އެފަދަ އެކުވެރިއެއްގެ ކިބައިން ތިބާއަށް މީރުވަސް ލިބި ލިބި ހުރެއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "إِنَّما مثَلُ الجلِيس الصَّالِحِ وَجَلِيسِ السُّوءِ: كَحَامِلِ المِسْكِ، وَنَافِخِ الْكِيرِ، فَحامِلُ المِسْكِ إِمَّا أَنْ يُحْذِيَكَ، وَإِمَّا أَنْ تَبْتَاعَ مِنْهُ، وَإِمَّا أَنْ تَجِدَ مِنْهُ ريحًا طيِّبةً، ونَافِخُ الكِيرِ إِمَّا أَن يَحْرِقَ ثِيابَكَ، وإمَّا أَنْ تَجِدَ مِنْهُ رِيحًا مُنْتِنَةً" متفقٌ عَلَيهِ. މާނައީ: "ހަމަކަށަވަރުން، ޞާލިޙު ރަނގަޅު ރަޙުމަތްތެރިޔަކާއި، ނުބައި ނުލަފާ ރަޙުމަތްތެރިޔެއްގެ މިސާލަކީ، މީރުވަސްދުވާ މިސްކު ޢަތަރު ވިއްކާ މީހަކާއި، ގިރުބާއިން އަލިފާން ރޯކުރާ މީހެއްގެ މިސާލެވެ. ފަހެ، މީރުވަސްދުވާ އެއްޗެއް ވިއްކާ މީހާ ދަންނައެވެ! އެހެންޏާ އެއިން އެތިކޮޅެއް އެނާ ތިބާއަށް ހަދިޔާކޮށްފާނެތެވެ. ނޫނީ (އެންމެ ކުޑަމިނުން އޭނާއާ އެކުގައި އުޅޭކަމަށްޓަކައި) ތިބާއަށް އޭގެ މީރުވަސް ދުވާހުއްޓެވެ. އަދި ގިރުނބާއިން އަލިފާން ރޯކުރާ މީހާ ދަންނައެވެ! އެހެންޏާ އޭގެ ކަންޏަކުން އޭނާ ތިބާގެ ހެދުން ވިރުވައިލާ ހުއްޓެވެ. ނޫނީ އޭގެ ނުބައި ވަސް ތިބާއަށް ދުވާހުއްޓެވެ."
ހެޔޮ އެކުވެރިއެއްގެ ސަބަބުން، އޭނާގެ ހެޔޮ ކަމުގައި ތިބާއަށް ބައިވެރިވުމުގެ ފުރުސަތު ތަނަވަސްވެގެން ދެއެވެ. އޭނާގެ ހެޔޮ ކަމުގައި ޢަމަލީގޮތުން ބައިވެރި ނުވެވޭނަމަވެސް، ހެޔޮ ކަމުގެ ތެރޭގައި އުޅެވޭނަމަ އެކަންކަމަށް ހިތް ލެނބި، އެކަންކަން ކުރުމުގެ ވިސްނުން އަންނަ ހުއްޓެވެ. ނުރަނގަޅު އެކުވެރިންނާއެކުވެ އުޅުމުގެ ނުބައި ނަތީޖާވެސް ހަމަ މިފަދައެވެ.

އަބަދުވެސް ޝުކުރުވެރިވުން

ޙަޔާތުގައި މިހިސާބަށް ދަތުރުކުރެވިފައިވަނީ ގިނަ ގުނަ ގުރުބާނީ ތަކާއެކުގައެވެ. ތިބާގެ ހަޔާތުގައި ހިނގާފައިވާ އުފާވެރި ކަންކަމާމެދު ވިސްނައި ފިކުރު ކުރާށެވެ. އަދި ތިބާއަށް ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރު ކުރާށެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ" (الضحى 11) މާނައީ: "އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަލޭގެފާނަށް ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ ވާހަކައިން، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ!"

މާތް ﷲ އަހަރެމެންނަށްޓަކައި ލައްވާފައިވާފައި ނިޢުމަތްތައް ގުނާ ޢަދަދު ނުކުރެވޭހައި ގިނައެވެ. ނަމަވެސް އެ ނިޢްމަތްތަކާމެދު ފަހި ވިސްނުމެއް ނުގެންގުޅޭނަމަ އަބަދުވެސް ފެންނާނީ ތިބާއަށް ލިބިފައިނުވާ ކަންކަމެވެ. ތިބާއަށް ޙާޞިލު ނުކުރެވުނު ލަނޑުދަނޑިތަކެވެ. ތިބާއެދޭ ކަންކަމަށް އެޅިފައިހުރި ހުރަސްތަކެވެ. މިފަދަ ފިކުރުތަކުން އެއްކިބާވާނޭ ގޮތްވެސް މާތްވެގެންވާ އިސްލާމް ދީނުގައިވަނީ ބަޔާންކޮށްދެއްވާފައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "انْظُرُوا إِلَى مَنْ هُو أَسفَل مِنْكُمْ وَلا تَنْظُرُوا إِلَى مَنْ هُوَ فَوقَكُم؛ فهُوَ أَجْدَرُ أَن لا تَزْدَرُوا نعمةَ اللَّه عَلَيْكُمْ" متفقٌ عَلَيْهِ މާނައީ: "ތިޔަބައިމީހުން އަބަދުވެސް ތިމާއަށްވުރެ ދަސް ފެންވަރުގެ މީހުންގެ އުޅުމަށް ބަލާށެވެ! އަދި ތިޔބައިމީހުންނަށްވުރެ ތަނަވަސް ހާލުގައިވާ މީހުންގެ އުޅުމަށް ނުބަލާށެވެ! އެހެނީ، އެއީ ﷲ ގެ ނިޢުމަތަށް ނިކަމެތިކޮށް ހިތުމުގެ ސުންޕާކަމުން ތިޔބައިމީހުން ސަލާތްވުން ގާތްގޮތެކެވެ."
އިންސާނާގެ ވިސްނުމަކީ އޭނާގެ ޢަމަލުތަކުގެ އަސާސެވެ. ހެޔޮ ވިސްނުމަކުން ވިސްނާ މީހަކަށް އިތުރު ހެޔޮ ގޮތްތައް މެދުވެރިކޮށްދެއްވައެވެ. އެހެނީ މާތް ﷲ އަށް ޝުކުރުވެރިވާ މީހުންނަށް ނިޢުމަތްތައް އިތުރުކޮށްދެއްވާނޭ ކަމުގައި މާތް ﷲ ވަނީ ވަޢުދުވެވޮޑިގެންފައެވެ.