އެޗްޕީއޭގެ އިންސްޕެކްޝަންގައި ކޮވިޑް-19 އިގެ އުސޫލުތަކަށް ނުފެތޭތީ އިތުރު 15 ތަނެއް ބަންދު ކޮށްފި އެވެ.
އެޗްޕީއޭއިން މިއަދު ބުނީ އިއްޔެގެ އިންސްޕެކްޝަންގައި 111 ތަނެެއް ބެލި އިރު އޭގެ ތެރެއިން 15 ތަނެއް އުސޫލަށް ނުފެތޭތީ ބަންދު ކޮށްފައިވާ ކަމަށެވެ. އެއީ ކާބޯތަކެތީގެ ހިދުމަތް ދޭ ހަ ތަނަކާއި ހަ ފިހާރައެއްގެ އިތުރުން ތިން ސެލޫނެކެވެ.
މިދިޔަ ހަފުތާގައި ފެށި އިންސްފެކްޝަންގައި އުސޫލުތަކަށް ނުފެތޭ ތަންތަން ވަގުތުން ބަންދު ކުރެ އެވެ. ކޮންމެ ދުވަހަކު ވެސް އިސްޕެކްޓް ކުރުމަށް ފަހު ނޯޓިސް އާއެކު އުސޫލަށް ނުފެތޭ ތަންތަން ބަންދު ކުރަމުން ދާއިރު އުސޫލަށް ފެއްތުމުން އެތަންތާނގެ ހިދުމަތް އަލުން ފެށުމަށް ފުރުސަތު ވެސް ދެ އެވެ. ހުއްދަ ދެނީ އުސޫލު ބަދަލުކޮށް ދެވަނަ އިންސްޕެކްޝަނެއްގައި އެޗްޕީއޭއިން ބަލާފަ އެވެ.
ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން ގެނައި ބަންދަށްފަހު ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަން ހުޅުވަން ހުއްދަ ދިނީ މިދިއަ މަހުގެ ފުރަތަމަ ދުވަހު އެވެ. އެތަންތަަން ހުޅުވުމުގެ ހުއްދަ ދީފައި ވަނީ ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޝަރުތުު ކުރުމަށް ފަހު އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮންމެ ރެއެއްގެ 10:00 އިން ފަތިހު 5:00 އަށް ބޭރަށް ނުކުމެ އުޅުން ސަރުކާރުން މިހާރު ވަނީ މަނާ ކޮށްފަ އެވެ. ރޭގަނޑު ކާފިއު ހިންގާ ވަގުތު އެކަމަށްޓަކައި، ރޭގަނޑު 9:30 އިން ފެށިގެން ފިހާރަތަކާއި ކެފޭ / ރެސްޓޯރަންޓުތައް ވެސް ބަންދު ކުރުމަށް ވިޔަފާރިވެރިންނަށް ވަނީ އަންގާފަ އެވެ.