މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބޯޑުގައި ހިމެނޭ އާއްމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުން ހޯދަން ހުޅުވާލައިފި އެވެ.
ސަރުކާރުގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީ އިން ބުނި ގޮތުގައި އެންފުނީގެ ހިންގާ ގަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ކުންފުނީގެ މިހާރުގެ ހިއްސާގެ ނިސްބަތަށްބަލާ ޑިރެކްޓަރުންގެ ބޯޑަށް އަމިއްލަ ހިއްސާދާރުންގެ ތެރެއިން ދެ ޑިރެކްޓަރުން އިންތިހާބުކުރަންޖެހެ އެވެ.
މި ދެ ޑިރެކްޓަރުން އިންތިހާބް ކުރުން އޮންނާނީ މި އަހަރު ބާއްވާ "2019 ވަނަ އަހަރުގެ" އަހަރީ އާއްމު ޖަލްސާގަ އެވެ.
އެމްޓީސީސީގެ ޑިރެކްޓަރުގެ ކަމުގެ މަގާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ކުންފުނީގެ ހިންގާ ގަވާއިދުގެ 73 ވާ
ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ވާންޖެހޭނެ އެވެ. އަދި މީގެ އިތުރުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ އަދި އެ އޮތޯރިޓީގެ "ފިޓް އެންޑް ޕްރޮޕާ މިންގަނޑުތަކުގެ ގައިޑްލަ އިން" އަށް ފެތޭ ފަރާތްތަކަކަށް ވާންޖެހެ އެވެ. އަދި މީގެ އިތުރުން ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލައްވާ ފަރާތަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ދެ ކުންފުންޏަށްވުރެ އިތުރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ފަރާތަކަށް ވެގެން ނުވާނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
އެ ކުންފުނިން ބުނީ މި މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެކަމަށް ހާއްސަ ފޯމު ހުށަހަޅަން ވާނެ އެވެ. "އެމްޓީސީސީ ގެ އާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" އޮފީސް ހުޅުވިފައި ހުންނަ ގަޑީގައި އެމްޓީސީސީގެ މައި އޮފީހުގެ ހަތް ވަނަ ފަންގިފިލާ އިންނާއި އެކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.
އެމްޓީސީސީގެ ބޯޑުގައި ދިވެހި ސަރުކާރުގެ 64.20 ޕަސެންޓް ހިއްސާ އާއި އެމްއެންއެސްއެލްގެ 4.65 ޕަސެންޓް ހިއްސާ އަދި އާއްމު ހިއްސާދާރުންގެ 31.15 ޕަސެންޓް ހިއްސާ ހިމެނެ އެވެ.