އެމްޑީޕީ

އެމްޑީޕީގެ އަސާސީ ގަވާއިދަށް ވަރުގަދަ އިސްލާހުތަކެއް

އެމްޑީޕީ ބައިވެރިވާ ކޯލިޝަން ސަރުކާރެއްގައި ކެނބިނެޓް ވަޒީރުން އައްޔަން ކުރުމުގައި އަމަލުކުރާނެ އުސޫލުތަކެއް ހިމަނާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އެމްޑީޕީގެ އަސާސީ ގަވާއިދަށް އިސްލާހުތަކެއް ހުށައަޅައިފި އެވެ.

މިހާރު މި ހިނގާ ސަރުކާރުގެ މައި ޕާޓީ ކަމަށްވާ އެމްޑީޕީގެ އަސާސީ ގަވާއިދަށް ބޮންޑެ ވަނީ ދެ އިސްލާހެެއް ހުށައަޅާފައެވެ. އެއް އިސްލާހުގައި ބުނެފައިވަނީ އެމްޑީޕީ ބައިވެރިވާ ކޯލިޝަން ސަރުކާރެއްގައި އެ ސަރުކާރުގެ މިނިސްޓަރެއްގެ މައްޗަށް ޖިންސީ ފުރައްސާރައި މައްސަލައެއް ނުވަތަ ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތެއްގައި މިނިސްޓަރުކަމުން ވަކި ކޮށްފިނަމަ އެ މިނިސްޓަރަކު ނިސްބަތްވާ ޕާޓީއަށް ދެން އެ ސްލޮޓް ނުދެވޭނެ ކަމަށެވެ.

އަދި ސަރުކާރުގެ މިނިސްޓްރީގައި ހުންނަވާ މިނިސްޓަރަކު މަގާމުން ވަކިކޮށްފިނަމަ ދެން އެ މަގާމަށް ގެންނަން ޖެހޭނީ މަދުވެގެން ފަންސާސް ހާސް މެމްބަރުން ހަމަވާ ޕާޓީ އަކަށް ނިސްބަތްވާ ބޭފުޅެއް ކަމަށެވެ.

އަވަސްއާ މިރޭ ވާހަކަދައްކަމުން މެންބަރު ރަޝީދު ވިދާޅުވީ މިފަދަ އިސްލާހުތަކެއް ހުށައެޅީ ވަކި ބޭފުޅަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް އަމާޒުކޮށްގެން ނޫން ކަމަށެވެ. ބޭނުމަކީ އެމްޑީޕީ ބައިވެރި ލީޑްކުރާ ސަރުކާރެއްގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިކުރުވުން ކަމަށެވެ.

"މިސާލަކަށް ތި ބޭފުޅުންނަށްވެސް ފާހަގަކުރެވޭނެ ބައެއް ބޭފުޅުން ޕާޓީ މި ހަދަނީވެސް ކޯލިޝަންގައި ބައިވެރިވެގެން ވެރިކަމަށް އައިސް. ދެން އެންމެ ތިންހާސް މެންބަރުން ހަމަކޮށްގެން އިތުރު މަސައްކަތެއް ނުކޮށް ސަރުކާރުން ހިއްސާ ހޯދައިގެން މިތިބެނީ. އެއީ ރަނގަޅު ގޮތެއް ނޫން. އަޅުގަނޑު ބޭނުންވަނީ އެމްޑީޕީ ލީޑްކުރާ ސަރުކާރެއްގައި ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން އޮންނަން. އެކަންވާނީ ކޯލިޝަންގައި ހިމެނޭ ޕާޓީތައް ބޮޑެވިގެން،"

ބޮންޑެ ވިދާޅުވީ ސަރުކާރެއް ވެރިކަމަށް އަންނަނީ ވަރަށް ގިނަ ވައުދުތަކެއް ވެގެން ކަމަށާ ނަމަވެސް ކޯލިޝަންގެ ކޯޅުމުގައި ނުވަތަ ވަކި ޕާޓީއެއްގެ ސަބަބުން ނަތީޖާ ނުނެރެވި ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށެވެ.

"އެހެންވީމަ މުޅި ސަރުކާރު އަދި ސަރުކާރުގައި ބައިވެރިވާ ހުރިހާ ޕާޓީތަކަކަށް އެ ބަދުނާމު މި އަންނަނީ،"

މެންބަރު ވިދާޅުވީ ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވި ނުވަތަ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި މިނިސްޓަރަކު މަގާމުން ވަކިކުރުމުން އެކަނި ނުފުދޭ ކަމަށާ އެ މިނިސްޓަރަކު ނިސްބަތްވާ ޕާޓީންވެސް އެ ބޭފުޅަކާމެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

"އެކަމުގެ އެ މަންޒަރެއް ނުފެނޭ. އަޅުގަނޑު ދެކޭ ގޮތުގައި ޕާޓީތަކުގެ ޒިންމާތަކެއްވެސް އެބައޮތް. މިނިސްޓަރު ކަމުން ވަކިކުރީމަ އެ ޕާޓީއަކުންވެސް ޖެހޭނެ ފިޔަވަޅު އަޅަން. އެކަން ނުކޮށް އަނެއްކާވެސް އެ ޕާޓީއަށް މި ސްލޮޓްދެނީ. އެއީ ހަމަޖެހޭ ގޮތެއް ނޫން،"

ބޮންޑެ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދަށް މި ބަދަލުތައް އައުމުން އެހެން ޕާޓީތަކަށްވެސް ފައިދާ ކުރާނެ ކަމަށެވެ. ހާއްސަކޮށް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން މެންބަރުންގެ އަަދަދު އިތުރުކޮށް ޕާޓީގެ ހަރަކާތްތައް އިތުރުކުރާނެ ކަމަށެވެ.

"އެއީ ނޫންތޯ ސިޔާސީ މި ނިޒާމު ހަމަޖެހިފައި އޮތް ގޮތަކީ. ޕާޓީއެއް ހަދާފައި މަދު މެންބަރުން ކޮޅެއް ހަމަކޮށްގެން ޕާޓީގެ އެއްވެސް ކަމެއް ނެތި އެހެން ތިބެން ނުވާނެ. އެއީ ވަރަށް ބޮޑު ގޯހެއް،"

އެމްޑީޕީގެ އަސާސީ ގަވާއިދަށް ވަރުގަދަ އިސްލާހުތަކެއް ހުށައަޅާފައި މިވަނީ މި ސަރުކާރު ހިމެނޭ ކޯލިޝަން އުވާލުމަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ތަކުރާރުކޮށް ގޮވާލަމުން ދަނިކޮށެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ބޭނުންވަނީ އެމްޑީޕީން އެކަނި ސަރުކާރު ހިންގަން ކަމަށް ވިދާޅުވެފައެވެ.