މިނިސްޓްރީ އޮފް ޓޫރިޒަމް

އުޖޫރަ ނުލިބޭ ޓޫރިޒަމް މިނިސްޓްރީގެ އިންޓާންޝިޕަށް ފާޑުކިޔަނީ

ޓޫރިޒަމް މިނިސްޓްރީން އުޖޫރަ ނުލިބޭ ގޮތަށް ފުރުސަތު ހުޅުވާލި ހަ މަސް ދުވަހުގެ އިންޓާންޝިޕަށް ގިނަ ބައެއްގެ ފާޑު ކިއުން އަމާޒު ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އިއުލާން ކޮށްފައިވަނީ، ސާނަވީ ނުވަތަ އެ ފެންވަރު އިމްތިހާނެއް ނިންމާ ފާސްވެފައިވާ 10 އިންޓާންއެއް ހޯދާށެ. ހަ މަސް ދުވަހުގެ އެ އިންޓާންޝިޕަކީ އުޖޫރައެއް ކަނޑައެޅިފައިވާ އިންޓާންޝިޕެއް ނޫން ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެ އިންޓާންޝިޕަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ. އެ ކަމަށް އެދޭ ފޯމު ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށެވެ. މިނިސްޓްރީއަށް އެ މެއިލް ލިބުނު ކަން ކަށަވަރު ކުރުމަކީ ފޮނުވާ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެ އިއުލާނާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް އެއަށް ފާޑު ކިޔަމުންނެވެ. ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި އިންޓާންޝިޕްއެއްގައި ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އުޖޫރައެއް ނެތި މަސައްކަތް ކުރުން ވާނީ ދަތި ކަމެއް ކަމަށެވެ.

އުޖޫރައެއް ނެތި ހަ މަސް ދުވަހު މަސައްކަތް ކުރެވޭނީ މުއްސަނދި އާއިލާގެ ކުދިންނަށް ކަމަށާއި އާންމު ފަރުދުންނަށް އެ ގޮތަށް މަސައްކަތް ކުރުން ވާނީ ދަތި ކަމެއް ކަމަށެވެ. މި ގޮތަށް ހުޅުވާލެވޭ ފުރުސަތެއްގައި އާންމު އާމްދަނީގެ އާއިލާތަކުގެ ކުދިންނަށް ފުރުސަތެއް ނޯންނާނެ ކަމަށް ބުނެ ވެސް ހިޔާލު ފާޅުކޮށްފައިވެ އެވެ.

ކޮންމެ މީހެއްގެ ވެސް ދިރިއުޅުމުގެ ހަރަދުތައް ހުރި ކަމަށާއި ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ގިނަ ބަޔެއްގެ މުސާރައަށް އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި އުޖޫރައެއް ނުލިބޭ ގޮތަށް ހަ މަސް ދުވަހު މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށް ބުނެ ވެސް ބައެއް މީހުން ސޯޝަލް މީޑިގައި ހިޔާލު ފާޅުކޮށްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިންޓާންޝިޕްގެ ފުރުސަތެއް ހުޅުވާލާފައި މިވަނީ އެ މިނިސްޓްރީއަށް އާ މިނިސްޓަރަކު އައްޔަންކުރެއްވިތާ ދެ ދުވަހެއް ފަހުންނެވެ. އާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ ޓްވީޓާ މެދުވެރިކޮށް އެ އިއުލާން ހިއްސާ ކުރައްވައިފަ އެވެ. ވިދާޅުވީ އެއީ އެ ސިނާއަތުގައި ކެރިއަރެއް ފަށަން ހުޅުވާލެވޭ ފުރުސަތެއް ކަމަށެވެ.