ޕޮލިޓިކްސް

އެމްޑީޕީގެ ގަވާއިދާއި ކޯލިޝަން އެއްބަސްވުމަކީ ދެ ކަމެއް: ޖޭޕީ

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އަސާސީ ގަވާއިދަށް ބަދަލު ގެނެސްގެން ވެރިކަން ކުރާ ކޯލިޝަންގެ އެހެން ޕާޓީތަކާއެކު ވެފައިވާ އެއްބަސްވުމެއް ބަދަލެއް ނުގެނެވޭނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދު މިފަދަ މޭރުމަކުން ލިއުއްވައި ޓްވީޓެއް މިއަދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހުތަކެއް ހުށަހަޅުއްވާފައި ވަނިކޮށެވެ.

ބޮންޑެ ހުށަހެޅުއްވި އިސްލާހުގައި ވަނީ އެމްޑީޕީ ބައިވެރިވާ ކޯލިޝަން ސަރުކާރެއްގައި މިނިސްޓަރެއްގެ މައްޗަށް ޖިންސީ ފުރައްސާރަ ކުރުމާއި ކޮރަޕްޝަން ފަދަ މައްސަލައެއްގެ ތުހުމަތުގައި މަގާމުން ވަކިކޮށްފިނަމަ އެ މިނިސްޓަރު ނިސްބަތްވާ ޕާޓީއަށް ދެން އެ ސްލޮޓް ނުދެވޭނެ ކަމަށެވެ. އެ ސްލޮޓް ދެވޭނީ މަދުވެގެން 50،000 މެންބަރުން ހަމަވާ ޕާޓީއަކަށް ކަމަށެވެ. ސަރުކާރު ކޯލިޝަންގައި އެ އަދަދަށް މެންބަރުން ހަމަވާނީ އެމްޑީޕީގައި އެކަންޏެވެ.

ބޮންޑެ ހުށަހެޅުއްވި އިސްލާހުތަކަށް ރައްދު ދެއްވައި ސައުދު ކުރެއްވި ޓްވީޓެއްގައި އެމްޑީޕީއާއި ޖޭޕީގެ ނަން ނުގެނެސް ވިދާޅުވީ، ވެރިކަމަށް އަންނަ ޕާޓީތަކުން ހަދާ ކޯލިޝަން އެއްބަސްވުމާއި ޕާޓީތަކުގެ އަސާސީ ގަވާއިދަކީ ގުޅުމެއް ނެތް ދެ ކަމެއް ކަމަށެވެ.

ސިޔާސީ ޕާޓީއެއްގެ އަސާސީ ގަވާއިދަށް ގެންނަ ބަދަލަކުން އެ ޕާޓީން އެހެން ޕާޓީތަކާއެކު ވެފަައިވާ ކޯލިޝަން އެއްބަސްވުމަކަށް ބަދަލެއް ނާންނާނެ ކަމަށް ސައުދު ވިދާޅުވި އެވެ. އެފަދަ އިސްލާހެއް ގެނެސްފިނަމަ، އެ އިސްލާހުގައި ޝަރުތު ހަމަނުވާ ޕާޓީތަކުން އެ ޕާޓީއަކާ އެކު ކުރިއަށް އޮތް ތަނުގައި ކޯލިޝަން ނުހަދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ވެރިކަމަށް އަންނަން ޕާޓީތަކުން ހަދާ ކޯލިޝަން އެއްބަސްވުމާއި، ޕާޓީތަކުގެ އަސާސީ ގަވާއިދާ އެއީ މުޅިން ދެ އެއްޗެއްކަން ނޭނގޭ މީހުން އުޅޭބާ؟ އެ ވަރު ނޭނގޭ ބޭފުޅުން ގާނޫނު ހަދާ މަޖިލީހުގައި ތިބުމަކީ ވަރަށް ދެރަ ކަމެއް،" ބޮންޑެގެ ނަން ވެސް ނުގެނެސް އޭނާއަށް ފާޑުވިދާޅުވަމުން ސައުދު ލިއުއްވާފައިވެ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދަށް މިފަދަ އިސްލާހެއް ގެންނަން މެންބަރު ބޮންޑެ ހުށަހެޅުއްވިއިރު، ސަރުކާރު ކޯލިޝަންގެ އެހެން ޕާޓީތަކުގެ ވަޒީރުންނަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވަ އެވެ. ކޯލިޝަން އުވާލުމަށް ވެސް ބައެއް މެންބަރުން ގޮވާލައްވާފައިވެ އެވެ.

އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ސަރުކާރު އުފައްދާފައިވަނީ ޖޭޕީއާއި، އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމްއާއެކު ހަދާފައިވާ ކޯލިޝަނެއްގަ އެވެ. ސަރުކާރުގެ ވަޒީރުންނާއި ސިޔާސީ މަގާމުތައް ޕާޓީތަކުގެ މެދުގައި ބަހާ ގޮތަށް އެއްބަސްވުމެއް އެކުލަވާލާފައިވެ އެވެ.