ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަހިބަދޫން މާލެ ގެނައި ދުވަސްވީ މީހަކު ޕޮޒިޓިވް ވެއްޖެ

އދ. މަހިބަދޫން އިތުރު ފަރުވާއަށް މާލެ ގެނައި ދޮށީ އުމުރުގެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މަހިބަދޫ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ފޮނުވި އުމުރުން 80 އަހަރުން މަތީގެ ފިރިހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ސުހާނާ ވިދާޅުވީ އެމީހާ ޕޮޒިޓިވް ވެފައިވާކަން އަންގާފައި ވަނީ އޭޑިކޭގައި އެޑްމިޓް ކުރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓު ކުރުމުން ކަމަށެވެ. އަދި އެމީހާގެ ދެވަނަ ސާމްޕަލް ނަގައި ނަތީޖާ ޔަގީން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއީ މަހިބަދޫން މާލެ ގެންދިޔަ މީހަކު ޕޮޒިޓިވްވި ކަމަށް ބުނި ފުރަތަމަ ފަހަރު ކަމަށާއި ރަށް މިހާރު މޮނިޓަރިން ހާލަތަށް ލާފައިވާ ކަމަށް އެޗްޕީއޭއިން އަންގާފައި ނުވި ނަމަވެސް ސިއްހީ ގޮތުން އަމަލު ކުރަމުން ދަނީ މޮނިޓަރިން އަށް ލުމުން އަމަލު ކުރަމުންދާ ގޮތަށް ކަމަށެވެ.

މަހިބަދޫ އިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ރަށް މޮނިޓަރިން ހާލަތަށް ލާފައިވާކަން ކައުންސިލުން ވެސް އަދި ހޮސްޕިޓަލުން ވެސް ރަށުގެ އެއްވެސް ރައްޔިތަކަށް އަންގާފައި ނުވާ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެެއްގެ ގޮތުން ސްކޫލްތައް ބަންދުކުރުން ފިޔަވައި އެހެން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

ރަށް މޮނިޓަރިން ހާލަތަށް ލާފައި ވީނަމަވެސް ލަފާ ފުރުމާއި ކެފޭ ރެސްޓޮރަންޓްތައް ބަންދެއް ނުކުރެ އެވެ.

"މޮނިޓަރިން އާއި ލޮކްޑައުންއާ އެއީ ދެކަމެއް އިނގޭތޯ. ލޮކްޑައުން ކުރީމަ ނޫންތޯ ރަށަށް މީހުން އަރާ ފޭބުން މަނާ ކުރާނީ. މޮނިޓަރިން އަށް ލިޔޭ ކިޔާފަ އަދި ހުރިހާ ކަމެއް މަނައެއް ނުކުރާނެ." ހޮސްޕިޓަލް ވިދާޅުވި އެވެ.

މަހިބަދޫން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި ރަށުގެ ހޮޓާ ކެފޭތަކާއި ކުޅިވަރުކުޅޭ ތަންތަނާއި އޮފީސްތައް ކުރިއެކޭ އެއްގޮތަށް ހިންގަމުންދާ ކަމަށެވެ.

މަހިބަދޫގައި ހޯމް ކަރަންޓިނުގައި ތިބި އެއްވެސް މީހަކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.

އެޗްޕީއޭއިން މޮނިޓަރިންގެ ހާލަތަށް ގެންދާ ރަށްތަކަށް މީހުން އަރާ ފޭބުމަކީ މަނާކަމެކެވެ. އަދި ރަށުގެ ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުގައި ހިދުމަތް ދިނުމަކީވެސް މަނާ ކަމެކެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުން ދާއިރު ގިނަ ރަށްރަށުން ކޮވިޑް އަށް ބަލިވާ މީހުން ދަނީ ފެންނަމުންނެވެ. އެގޮތުން ރަށްރަށުގެ ހޯމް ކަރަންޓީނަށް ދިޔަ ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 4،700 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު މިބަލި ޖެހިގެން މިހާތަނަށް 19 މީހަކު ވަނީ މަރުވެފަ އެވެ.