ކޮވިޑް-19އާ ގުޅިގެން އެކި ފަހަރުމަތިން ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ބަޔާންތަކާއި އެންގުންރައް ބިނާވެފައިވާނީ އެކިއެކި ކަންކަމާއި ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާ ނިންމުންތަކުގެ މައްޗަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ޓުއަރިޒަމް މިނިސްޓްރީން ވަކި ގޮތަކަށް އަންގަންދެން ރިސޯޓުތަކާއި ފަތުރުވެރިންނަށް ހިދުމަތްދޭ ފެސިލިޓީސްތަކުގައި ދިވެހިން ޗުއްޓީ ހޭދަކުރުމަކީ މަނާކަމެއް ކަމަށް ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެންނެވެ.
ޓޫރިޒަމް މިނިސްޓްރީން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޓޫރިސްޓް ފެސިލިޓީތަކުގައި ޗުއްޓީ ހޭދަކުރެވޭނީ އެޗްޕީއޭއިން ކަނޑައަޅާފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.
ޓުއަރިޒަމް މިނިސްޓްރީން މިއަދު އާންމު ކޮށްފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ މިއީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. އެގޮތުން އެޗްޕީއޭގެ ގައީދްލައިނާއި އެއްގޮތަށް ފަތުރުވެރިންނަށް ހިދުމަތް ދެމުން އަންނަ އެއްވެސް ރިސޯތެއްގައި އަދި ޓުއަރިސްޓް ފެސިލިޓީ އެއްގައިވެސް ދިވެހިން ޗުއްޓީ ހޭދަކުރުމަށް ދިޔުމަކީ މަނާކަމެއް ކަމަށް އެ ސާކިއުލާގައި ވަނީ ބުނެފަ އެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު ބޯދަރު ހުޅުވާލާފައިވާއިރު ރިސޯޓުތަކުން އަމަލު ކުރަންޖެހޭ ގައީޑްލައިނެއް އެޗްޕީއޭއިން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އަންނަ ފަތުރުވެރިއަކު ހުންނަންޖެހޭނީ އޭނާ ރާއްޖެ އައުމުގެ ކުރިން ހުންނަ ހަމަޖައްސައި ބުކިން ހަދާފައިވާ ރިސޯޓުގައި ކަމަށް އެ ގައިޑްލައިންގައި ވަނީ ބުނެފަ އެވެ. އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށްވެސް އެ ފަތުރުވެރިއަކަށް ނުދެވޭނެ ކަމަށެވެ. މީގެ އިތުރަށް ހިދުމަތްދޭ ރިސޯޓުތަކުގައި ސޭފްޓީ ޕްލޭނެއް އެކުލަވާލާފައި އޮންނަންޖެހޭނެ ކަމަށާއި އަދި މަސައްކަތްކުރާ މުވައްޒަފުންނަކީ ކޮވިޑް-19 ޕްރޮޓޮކޯލްސް އަށް ޓްރެއިންކޮށް ޕީޕީއީ ބޭނުންކުރާ ގތް ދަސްކޮށްދީފައިވާ ބަޔަކަށް ވާންޖެހޭނެ ކަމަށްވެސް ގައިޑްލައިންގައި ވަނީ ބުނެފަ އެވެ.
ބޯދަރު ހުޅުވާލުމާއއެކު 67 ރިސޯޓެއް އަލުން އޮޕަރޭޓް ކުރުމަށް ހުއްދަ ދީފައިވާއިރު ބައެއް ސަފާރީތަކަށްވެސް ވަނީ ހުއްދަ ދީފަ އެވެ. އަދި ޓްރާންސިޓް މޫވްމަންޓްގެ ގޮތުގައި ބޭނުންކުރުމަށް ބައެއް ހޮޓާތަކާއި ގެސްޓްހައުސްތަކަށް ވަނީ ހުއްދަ ދީފައެވެ. ނަމަވެސް ރިސޯޓުތަކުން ސީދާ ސަފާރީއަށް ގެސްޓުން ގެންދިޔުމަކީ މަނާކަމެއް ކަމަށް އެޗްޕީއޭގެ ގައިޑްލައިންގައި ވަނީ ބުނެފަ އެވެ.