ވިޔަފާރި

ޓެކްސް އިތުރުވަނީ އިންޑިވިޖުއަލް އިންކަމުން އެކަނި!

Aug 10, 2020

ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ދަށްވެފައި ވާއިރު، މިހާރު ހަމައެކަނި އިތުރުވަމުން ދަނީ އަތްމަތި ތަނަވަސް ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން ނަގާ "އިންޑިވިޖުއަލް އިންކަމް ޓެކްސް" ޓެކްސް އެކަންޏެވެ.

އިންޑިވިޖުއަލް އިންކަމް ޓެކްސް ނަގަނީ، މުސާރަ އާއި ލިބޭ އިނާޔަތް ތަކުންނެވެ. މި ޓެކްސް ނަގަނީ 60،000 ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވަކިވަކި ފަރުދުންގެ އަތުންނެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ޖޫން މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި އެންމެ ފުދުންތެރިންގެ އަތުން ނަގާ "އިންޑިވިޖުއަލް އިންކަމް ޓެކްސް" ގެ ގޮތުގައި ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް 4.6 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ޖޫން މަހު އެކަނި މި ޓެކުހުގެ ގޮތުގައި 2.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި ޓެކްސް ދަނީ މަތިވަމުންނެވެ.

ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖެ އަށް ލިބޭ ޓެކްސްގެ 85 ޕަސެންޓް ހިއްސާކުރަނީ 60 ފަރާތަކުންނެވެ. އިންކަމް ޓެކްސް ނަގަން ތައްޔާރުވި ދުވަސްވަރު ސަރުކާރުން އަންދާޒާ ކުރި ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ ދައްކަނީ 60 ފަރާތެއްގެ އަތުންނެވެ.

ކޮވިޑް-19 ގެ ސަބަބުން ދައުލަތުގެ އާމްދަނީ ދަށްވެފައިވާއިރު އިގްތިސޯދު ހީނަރުވުމުގެ ސަބަބުން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. ހާއްސަކޮށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ފަދަ ކުރިން އާމްދަނީ ލިބުނު ދާއިރާތަކުން މިހާރު ލިބެނީ މަދު އަދަދެކެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޓެކްސްގެ ގޮތުގައި ޖޫން މަހު ލިބިފައިވަނީ 186 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު 1.3 ބިލިއަން ރުފިޔާ ލިބުނެވެ.