ވިޔަފާރި

އިންކަމް ސަޕޯޓް ގިނަ ބަޔަކަށް ދެވޭ ގޮތަށް ބަދަލު ގެނެސްފި

Aug 10, 2020

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުނަށް ދޭ އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް ބަދަލެއް ގެނެސްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް
ދިނުމާ ގުޅޭ އުސޫލަށް ގެނެސްފައިވާ ބަދަލާއެކު، މިދިޔަ އަހަރުގެ ޑސެމްބަރު އެކެއްގެ ފަހުން ވަޒީފާ އިން ވަކިކުރުން، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވުމުގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާނަމަ ކުރިމަތިލެވޭނެ އެވެ.

މި އެލަވަންސް ލިބޭނީ ދިވެހި ރައްޔިތަކަށް ވުމާއެކު، ރާއްޖޭގައި ދިރިއުޅޭ ފަރާތެއް ކަމުގައި ވުން އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން ހިމެނެ އެވެ. އަދި އެލަވަންސް ލިބޭނީ ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައި ވާނަމަ އެވެ. މީގެ އިތުރުން ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުގުވެރިކަން ހުރި، އަދި ސަރުކާރުގެ ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ ފަރާތަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް އެއްބަސްވާ ފަރާތެއް ކަމަށްވާން ޖެހެ އެވެ.

އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށްވެސް އިންކަމް ސަޕޯޓުގެ ގޮތުގައި ދޭނީ 5،000ރ. އެވެ. މި އެލަވަންސް ދޭނީ މި އަހަރުގެ މާޗް އެކަކާ ހަމަ އަށް މަދުވެގެން ހަ މަސް ދުވަހުގެ މުއްދަތަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތް ފަރާތް ތަކަށެވެ.

އިންކަމް ސްޕޯޓް އެލަވަންސް ދެވޭނީ މި އަހަރު އެޕްރީލް މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ކޮންމެ މަހެއްގެ އެލަވަންސް ދެވޭނީ، ވިދިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިންނެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދާދިފަހުން ވަނީ އިންކަމް ސްޕޯޓް ގިނަ ބަޔަކަށް ދެވޭ ގޮތަށް ބަދަލު ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

"ޖުލައި ސެޕްޓެމްބަރު އޮކްޓޫބަރަށް އިންކަމް ސްޕޯޓް ކުރިއަށްވުރެ ފުޅާކޮށް، މިހާރު އޮންނަ އުސޫލުގެ ތެރެއިން ނުދެވޭ މީހުންނަށް ދެވޭ ގޮތަށް ބައްޓަން ކޮށްފައި ގާނޫނީ ގޮތުން ކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމުގެ މަރުހަލާއެއްގައި މި އުޅެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިހާތަނަށް 8,488 ފަރާތަކަށް 35 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.